ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ އިރު ޑާކް ރެއިން އެންޓަޓައިންމަންޓުން އަނެއްކާވެސް ރާއްޖޭގައި މުޅިން އަލަށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ. ރާއްޖޭގެ ފުރަތަމަ ތްރީޑީ ފިލްމް ހެދުމުގެ ޝަރަފު ވެސް އޮތީ އެ ސްޓޫޑިއޯގެ އަތުގަ އެވެ. އެއީ 2013 ގައި ރިލީޒް ކުރި "ފަތިސްހަނދުވަރުގެ ފެށުން" އެވެ.
މުޅި ދުނިޔޭގައި ވެސް މިހާރު މިއޮތީ ވެބް ސީރީޒްގެ ޓްރެންޑް ވަރަށް ބޮޑަށް ވައިގައިގައި ހިފައިފަ އެވެ. އިންޓަނެޓާ އެކު "ކުޑަވެފައިވާ" ދުނިޔޭގެ ތެރެއަށް ފެންވަރު ރަނގަޅު އަދި ވަރުގަދަ ކޮންޓެންޓްތަކާ އެކު ވެބް ސީރީޒްތަކުގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެދިމާ އަށް ފިލްމް ހަދާ މީހުންގެ ކަޅި ވެސް ވަނީ ހުއްޓިފަ އެވެ.
ރާއްޖެއާ އެންމެ ގާތުން އިންޑިއާ، ހާއްސަކޮށް ބޮލީވުޑުން ވެސް މިހާރު ވަނީ މި ޕްލެޓްފޯމާ ދިމާއަށް ދަތުރު ފަށައިފަ އެވެ.
ޑާކް ރެއިންގެ މައިތަބު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިހާރު ހުރީ ވެބް ސީރީޒްގެ ދުނިޔެ އަށް ދަތުރު ފަށަން ފޮށިތަންމަތި ބަނދެ އެވެ. ޒުވާނުންނާ ވަރަށް ގުޅޭ ކަހަލަ އަދި އިންޓަނެޝަނަލް އޯޑިއަންސް ވެސް ބަލައިގަންނަ ކަހަލަ ރަހަތާ އެކު ޑާކް ރެއިނުން ހަދާ ވެބް ސީރީޒްގެ ފެށުމަކީ "މާމުއި" އެވެ. މިއީ 15 އެޕިސޯޑަށް ދެމިގެން ދާނެ ސީރީޒެކެވެ.
"މާމުއި" ގެ ސްކްރީންޕްލޭ ލިޔަނީ މޮގާގެ އަންހެނުން އަދި ޑައިރެކްޓަރު/ސްކްރީން ރައިޓަރު އައިޝަތު ފުއާދު ތައުފީގެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
"އާންމުކޮށް މި ހަދާ ޑްރާމާ ސިލްސިލާތަކާ ވަރަށް ތަފާތުކޮށް، ފިލްމީ ކޮލިޓީގައި، ވަރުގަދަ ކޮންޓެންޓަކާ އެކު މި ވެބް ސީރީޒް ހަދަން ބޭނުން ވަނީ. ހަމަ އެެއްޗަކަށް އެއްޗެއް ހަދާފައި ދުލެއް ނުކުރާނަން،"
"އަހަރެމެން އަލަށް މި ފަށާ ފިލްމް 'ވަކިން ލޯބިން' ރިލީޒްކޮށްފައި މާމުއިގެ އަމަލީ މަސައްކަތް ފެށިގެން ދާނެ. އޭގެ ތައްޔާރީތައް މިހާރު ވެސް ކުރިއަށް އެބަދޭ،" މޮގާ ބުންޏެވެ. "ރާއްޖޭގައި އާންމުކޮށް މި ހަދާ ޑްރާމާ ސިލްސިލާތަކާ ވަރަށް ތަފާތުކޮށް، ފިލްމީ ކޮލިޓީގައި، ވަރުގަދަ ކޮންޓެންޓަކާ އެކު މި ވެބް ސީރީޒް ހަދަން ބޭނުން ވަނީ. ހަމަ އެެއްޗަކަށް އެއްޗެއް ހަދާފައި ދުލެއް ނުކުރާނަން."
އޭނާ ބުނީ "މާމުއި" ގެ ބައެއް ކާސްޓުން ވެސް މިހާރު ހޮވާފައިވާ އިރު، މީގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅޭނީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސް ދިން "މީ ލޯތްބަކީ" އާއި "ވާށޭ މަށާއެކީ" ގައި ބެލުންތެރިން ހެއްވާލި ފުބޫ ކަމަށެވެ. އޭނާއާ އެކު މިހާރުގެ ބައެއް މަޝްހޫރު މޫނުތަކާއި އާ މީުން ވެސް "މާމުއި" އިން ފެނިގެން ދާނެ އެވެ.
މޮގާ ބުނީ ވެބް ސީރީޒްތަކަށް ދާން ބޭނުންވި އެއް ސަބަބަކީ ވެސް އާކަމެއް ތަޖުރިބާކޮށްލުން ކަމަށެވެ.
"އެކަމަކު މިކަން ކުރަން އަހަރެމެންނަށް އަދި އެބަހުރި ފައިނޭންޝަލީ ޗެލެންޖްތަކެއް. އެހެންވެ މި ކަހަލަ ޕްރޮޑަކްޓަކަށް ފަންޑްކޮށް ދޭނެ ބަޔަކު ވެސް އެބަ ބޭނުންވޭ،" މީގެ 11 އަހަރު ކުރިން ޑާކް ރެއިން އުފައްދައި ފިލްމީ މަސައްކަތަށް ނިކުތް ޕްރޮޑިއުސަރު ބުންޏެވެ.
މޮގާ ބުނީ "މާމުއި" އަށް ސްޕޮންސަޝިޕް ދޭން ބޭނުންވާ ރާއްޖޭގެ ހުރިހާ ކުންފުނިތަކަކަށް/ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައި އޮތް ކަމަށެވެ.
"އެހެންވެ މީގެ ތެރެއިން ޕްރޮޑަކްޓްތައް މާކެޓް ކުރެވޭ ގޮތްތަކެއް ފަހިވެގެން ދާނެ. ވަަރަށް ބޮޑަށް އުންމީދު ކުރަން މި ޕްރޮޖެކްޓަކަށް ކުންފުނިތަކުގެ ސަޕޯޓް ލިބޭނެ ކަަމަށް." އޭނާ ބުންޏެވެ. "އަޅުގަނޑުމެން މިހާރު ވެސް ވަަރަށް އެބަ މަސައްކަތް ކުރަން ސްޕޮންސަ ހޯދަން."
ޑާކް ރެއިންގެ "މާމުއި" އާ އެކު ތާރީހުގެ ތެރެއަށް ވަދެގެންދާ އިރު، މިއިން ލިބޭ ފޮނިކަމާ އެކު ކުރިއަށް އޮތް ތަނުގައި އިތުރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރު ވެސް ވެބް ސީރިޒާ ދިމާލަށް ދާނެ ކަމަށް ބަލަމާ ހިނގާށެވެ.
މިއީ ޑާކް ރެއިނުން ވެސް އަޅާލާ ސުރުހީއެކެވެ. މި މަސައްކަތުގެ ފެށުމެކެވެ.