"ވަކިން ލޯބިން"ގެ ޝޫޓިން ފަށައިފި

ޕްރޮޑިއުސަރު މޮގާ ބުނީ ފިލްމްގެ ޝޫޓިން އެއްކޮށް ނިންމާލަން ގާތްގަނޑަކަށް މަސް ދުވަސް ނަގާނެ ކަމަށް.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފެމިލީ ޑްރާމާ "ވަކިން ލޯބިން" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.


މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރާ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މީގެ ކުރިން ވެސް އެކުގައި ކާމިޔާބު ދެ ފިލްމް ކުޅެފައިވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން މި އަހަރު ރިލީޒް ކުރި "މަލިކާ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

"ވަކިން ލޯބިން" ވެގެން ދާނީ ޖުމަލްއާ އެކު ނުޒޫ ވެސް ކުޅޭ ދެވަނަ ފިލްމަށެވެ. "މަލިކާ" ގައި އޭނާގެ ކޯ-އެކްޓަރަކީ ޖުމަލް އެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ "ވަކިން ލޯބިން" ގެ ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، ލަވަ ކިޔުންތެރިޔާ އަދި ޑާކް ރެއިނުން އެންމެ ފަހުން ރިލީޒް ކުރި "މީ ލޯތްބަކީ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި އިބްރާހީމް އަމާން އާއި މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އައިމިނަތު ޖުލީޝާ (ޖުލީ) ވެސް ހިމެނޭނެ ކަމަށެވެ.

"ވަކިން ލޯބިން" ލީޑް ކުޅޭ ނުޒޫ، ޖުމަލް އަދި މަޖޫ.

މީގެ އިތުރުން ވަރަށް ހާއްސަ ރޯލަކުން ކުޑަކުދިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

މޮގާ ބުނީ ހޯމަ ދުވަހު ފިލްމުގެ ޝޫޓިން ފެށި އިރު، ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލަން ގާތްގަނޑަކަށް މަސް ދުވަސް ނަގާނެ ކަމަށެވެ. މަންޒަރުތައް ނަގަނީ މާލެ އާއި ހުޅުމާލޭގަ އެވެ.

އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ މި ފިލްމުގެ ލަވައެއް މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ދެވަނަ ހޯދި ހަމޫދު އަހުމަދު ވެސް ވަނީ ރެކޯޑްކޮށްފަ އެވެ.

މި ފިލްމު ސިނަމާ އަށް އަންނާނީ އަންނަ އަހަރުގެ މާޗް މަހުގެ 5 ގަ އެވެ.