ޕަލަކް މަންމަ ޕްރޭނާއާ އެކު: އޭނާ ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފު ވާނެ.
12 އޯގަސްޓް 2017 - 08:49
"ކަސޯޓީ" ފަދަ މަޝްހޫރު ޓީވީ ސިލްސިލާތައް ކުޅެފައިވާ ބަތަލާ ޝްވޭތާ ތިވާރީ (ޕްރޭނާ) ގެ ދޮށީ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ ބޮލީވުޑަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.
އޭނާ ސޮއިކޮށްފައިވާ ފިލްމަކީ 2008 ގައި ރިލީޒް ކުރި އާމިރް ހާންގެ "ތާރޭ ޒަމީން ޕަރް" ގައި ކުޑަކުއްޖެއްގެ ރޯލް ކުޅުނު ދަރްޝީލް ސަފަރީއާ އެކު ކުޅޭ "ކްއިކީ" އެވެ.
މި ފިލްމާ ބެހޭ ގޮތުން ޕްރޭނާ ބުނީ ޕަލަކްގެ ބޮލީވުޑް ލޯންޗިންއާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. މި ފިލްމްވެގެން ދާނީ ޕަލަކް ސްކްރީނުން ފެންނަ ފުރަތަމަ ފަހަރަށެވެ.
އޮޑްބޯލް މޯޝަން ޕިކްޗާޒް އިން ހަދާ ފިލްމާ ބެހޭ ގޮތުން 17 އަހަރުގެ ޕަލަކް ބުނީ އެ ސްޓޫޑިއޯއެއްގެ ފިލްމަކުން ދަރްޝީލްއާ އެކު ބޮލީވުޑަށް ނިކުމެވޭތީ ވަރަށް އުފަލުން ހުރި ކަމަށެވެ. އަދި އޭނާގެ މަންމައަކީ މޮޅު އަދި މަޝްހޫރު ބަތަލާއަކަށްވާތީ، އެ ޕްރެޝަރު ވެސް އޮންނާނެ ކަމަށް ބުންޏެވެ.
"އެކަމަކު އަހަރެން މިހުރީ މެކްސިމަމް ދޭން ތައްޔާރަށް. ވަރަށް ހިތްހަމަޖެހޭ ކްއިކީގެ ސްކްރިޕްޓާ ދޭތެރޭ. އެއީ ލަވް ސްޓޯރީއެއް." ޕަލަކް ބުންޏެވެ. "ފިލްމްގެ ޝޫޓިން ވެސް ފަށަން ވެސް ކެތްމަދުވެފައި މި ހުންނަނީ."
"ކްއިކީ" ލިޔެ، ޑައިރެކްޓް ކުރަނީ ޕްރަދީޕް އަތުލޫރީ އެވެ. އޭނާ ބުނީ އިންޑިއާގައި "ޓީން ކޮމެޑީ" އަކީ އެހާ އާންމު ޖޯންރާއެއް ނޫން ނަމަވެސް މި ފިލްމުން އެ ރަހަ ބެލުންތެރިންނަށް ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭނެ ކަމަށެވެ.
ކާސްޓުންގެ ތެރޭގައި ބަވިން ބަނުޝާލީ، ޕްރަބްޖިއޮތު ސިންގް، ކެއިޓްލިން ބާކް އަދި ވިނީ މިރަންޑާ ފަދަ އެކްޓަރުން ވެސް ފެނިގެންދާ "ކްއިކީ" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގަ އެވެ.
ޕަލަކް އާއި ދަރްޝީލް: "ކްއިކީ" އިން އެކުގައި ފެނިގެން ދާނެ.
އެހެން ނަމަވެސް ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ކްއިކީ" އިން ޕްރޭނާގެ ދަރިފުޅު ބޮލީވުޑަށް ނިކުންނާތީ ހަމަ ޔަގީނުން ވެސް މި ފިލްމުވެގެން ދާނީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާނެ ފިލްމަކަށެވެ. މަންމަގެ އެކްޓިން ހުނަރު އޭނާ އަށް ކިހާ ވަރަކަށް ލިބިފައި ހުރިތޯ "ކްއިކީ" އިން އެނގިގެން ދާނެ އެވެ.
ދެވަނަ ކައިވެންޏަށް ދާދި ފަހުން އިތުރު ދަރިއަކު ވެސް ލިބިފައިވާ ޕްރޭނާ، 36، ވެސް ވަނީ ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ފީޗާ ފިލްމްތަކުގައި ސަޕޯޓިން ރޯލް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި މަދްހޯޝީ (2004)، ބެނީ އެންޑް ބަބްލޫ (2010) އަދި މިލޭ ނާ މިލޭ ހަމް (2011) ހިމެނެ އެވެ.
"ތާރޭ ޒަމީން ޕަރް" އިން ދެއްކި މޮޅު އެކްޓިންއާ އެކު ދަރްޝީލް، 20، ފަހުން ވަނީ ބައެއް އެހެން ފިލްމްތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ބަމް ބަމް ބޯލޭ (2010) އަދި މިޑްނައިޓްސް ޗިލްޑްރަން (2012) ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމިނު
13 August 2017
އެމަންޖެ ރީތިދޯ