މުނިފޫހިފިލުވުން / ޔޫސުފު ޝަފީއު (ޔޫއްޕެ)

"ނޯޓީ 40" ރިވިއު: ޔޫއްޕެ އަށް ހަމަ ސާބަސް

"ނޯޓީ 40" ގެ ޕޯސްޓަރެއްގައި ޔޫއްޕެ، ސައީދު އަދި މަނިކު.

ކާސްޓް: ޔޫއްޕެ، މަނިކު، ސައީދު، ސީޒަން، އަޒޫ، އައްޒަ، ޖިމީ، ގުލީ، ނުޒޫ، ޝަރީފް، ދޮންއައްޔަ

ސްކްރީންޕްލޭ އަދި ޑައިރެކްޝަން: ޔޫއްޕެ

ސިނަމަޓޯގްރަފީ: ދަބަ

ބެކް މިއުޒިކް: ބާޗީ

ޕްރޮޑިއުސަރު: އިސްމާއީލް ޝަފީގް އަދި ނިއުމާ މުހައްމަދު

އަހަރުގެ ބޮޑު ފިލްމްގެ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހު ރޭ އެޅުވި ފިލްމް "ނޯޓީ 40" ގެ ވާހަކަ އަށް ޖެހިލުމުގެ ކުރިން މި ޕްރޮޖެކްޓްގެ މުގުލުގައި ހުރީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކަ ދައްކައިލަމާ ހިނގާާށެވެ. އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ނަމަވެސް، ޔޫއްޕެއަކީ ވަރުގަދަ ޑައިރެކްޓަރެއްކަން އޭނާ އަންނަނީ ސާބިތުކޮށް ދެމުންނެވެ. މިދިޔަ އަހަރު އޭނާ ޑައިރެކްޓް ކުރި "ބައިވެރިޔާ" އިން ވެސް އެކަން ވަރަށް ރަނގަޅަށް އަންގައި ދީފަ އެވެ.

އެކަމަކު ޔޫއްޕެ ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން އަހަރެން ހޮވާފައިި ކުރިއަށް ނަގާނީ ސީރިއަސް ލޯބީގެ ވާހަކައަކަށް އޭނާ ލިޔެ، ޑައިރެކްޓްކޮށް، އެކްޓް ވެސް ކުރި "ލޯތްބަށްޓަކައި" އެވެ. އެ ފިލްމުން ޔޫއްޕެ ވަނީ އޭނާއަކީ ހަމަ ފައްކާ ޑައިރެކްޓަރެއްކަން ސާބިތުކޮށް ދީފަ އެވެ.

"ބައިވެރިޔާ" އަކީ ހަމަ އެގޮތަށް ކޮމެޑީ ފިލްމެއް ހަދައި، އެތައް ބަޔަކު ސިއްސުވާލި ފިލްމެކެވެ. މި ފަހަރު މިއޮތީ އަނެއްކާ ވެސް ކޮމެޑީއާ އެކު ގިނަ ރަހަތަކައް ޖައްސައިގެން އޭނާ ގެނެސް ދިން "ނޯޓީ 40" ގެ ވާހަކަ އެވެ. މިއީ "ލޯތްބަށްޓަކައި" އަށް ފަހު ޔޫއްޕެގެ އެންމެ ފުރިހަމަ މަސައްކަތް ދައްކުވައި ދިން ފިލްމެވެ. އޭނާގެ ޑައިރެކްޝަނާއި ސްކްރީންޕްލޭ އަށް ތައުރީފު ހައްގެވެ.

"ނޯޓީ 40" ގައި ވަނީ ކިހިނެއް؟

މީީގައި ކިޔައި ދެނީ ވަރަށް ޒުވާން އުމުރުން ފެށިގެން ވެސް އެކުގައި އުޅޭ ތިން ރައްޓެހިންގެ ވާހަކަ އެވެ. އެއީ އަޝްވަނީ (ޔޫއްޕެ)، އަހުސަން (ސައީދު) އަދި މަނިކު (އަޖްވަދު) އެވެ.

އުމުރުން 40 އިން މައްޗަށް އަރައިގެން ދިޔަ އިރު ތިން މީހުންގެ ހަޔާތުގެ ދަތުރު އޮތީ އެކި ދިމަދިމާ އަށް މިސްރާބު ޖަހައި، އެކި ކަހަލަ ކަންތައްތައް ހިނގައިފަ އެވެ. އަޝްވަނީއަކީ ހިތާވެގެން އުޅުނު ލޯބިވެރިޔާ ވީނުވީއެއް ނޭނގި ގެއްލުމުން ކައިވެންޏެއް ނުކޮށް ހުރި މީހެކެވެ. އަހުސަނަކީ ކައިވެންޏެއްކޮށް ދަރިއަކު ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ އަނބި މީހާ މަރުވުމުން ދަރިފުޅު ހަސަން (ދޮންއައްޔަ) ގޮވައިގެން އެކަނި އުޅޭ ބައްޕައެކެވެ. އަޖްވަދަކީ ދަރި ޖަވާދު (ޝަރީފް) ލިބުނު ފަހުން ޖެހުނު މައްސަލަގަނޑެއްގައި އަނބިމީހާ ވަރިވެފައިވާ ވިޔަފާރިއެކެވެ.

މި ތިން މީހުންގެ ޒުވާން އުމުރު ފަހަނައަޅައި ދިޔަ އިރު ވެސް ބަދަހި ތިން ރައްޓެހިންގެ ގޮތުގައި ދިރިއުޅެނީ މާލޭގަ އެވެ. ހަޔާތުގައި ފިކުރު ކުރާނެ މާ ބޮޑު ކަމެއް ވެސް ނެތެވެ. އުމުރުން ދުވަސް ވިޔަސް، މި މީހުންގެ ހިތް ވަރަށް ޒުވާނެވެ. ޒުވާން އަންހެން ކުދިންނަށް ހިތް ކިޔަ އެވެ. އަންހެން ކުދިން މައްލަވަކޮށް މަޅީގައި ޖައްސަން ވެސް ލައްކަ މަސައްކަތް ކުރެ އެވެ.

މިހެން އުޅުމުގެ ތެރޭގައި، ފިލްމުގައި "ބައްޕަ ނެތް" ޒުވާން އަންހެން ކުއްޖެއް ކަމަށްވާ އައްޒަ (އަޝްފާ) ބަލާނެ މީހަކު ނެތިގެން އަޝްވަނީގެ ކައިރީގައި ބަހައްޓައި ދޭން މީހަކު އެދުމުން އެކަންކޮށްދެ އެވެ.

ރަށުގައި ހުންނަ އަޖްވަދުގެ ފިރިހެން ދަރިފުޅު ޖަވާދުގެ އެދުމަކަށް އަޖްވަދު ރަށަށް ދާން ޖެހެ އެވެ. އެހެންވެ އޭނާ ރަށަށް ދަނީ އަހްސަނާއި އަޝްވަނީ ވެސް ގޮވައިގެންނެވެ.

ފިލްމުގައި ދެން ފެނިގެން ދަނީ އެ ރަށަށް އެ މީހުން ދިއުމަށް ފަހު ހިނގާ ކަންތައްތަކެވެ. ރަށުގައި އަޖްވަދުގެ ފިރިހެން ދަރިފުޅު ކާމިޔާބުކަމާ އެކު ވިޔަފާރި ކުރަމުން އަންނަ އިރު، އެ ވިޔަފާރި ބަނގުރޫޓްކޮށްލައި، އިނދަޖައްސާލަން އެކަމަށް ހަސަދަލައިގެން އުޅޭ ވިޔަފާރި އެހެން އާއިލާއެއް އޮވެ އެވެ. އެއީ ގުލިސްތާން (ގުލީ) ގެ އާއިލާ އެވެ. އޭނާއަކީ ފާޑެއްގެ "ގޭންގެއް" ކޮންޓްރޯލް ކުރާ މީހެކެވެ. އެއީ އަމިއްލަ ދަރިންނާއި (ރިއްޕެ އާއި އެލްޖޭ) ބޮޑުދައިތަ ކިޔާ (އަޒޫ އާއި ޖިމީ) ކުދިންނާ އެކުގަ އެވެ.

ދެ އާއިލާގެ މެދުގައި އޮތް ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއިން ގުލީ ޕްލޭން ހާސިލް ކުރެވޭތޯ ލައްކަ މަސައްކަތް ކުރާ އިރު އޭގެ ދަހިވެތި ކަމުގައި އުޅޭ ފުލުހަކު ވެސް ރަށުގައި އުޅެ އެވެ. އެއީ ޒާހިދު (ސީޒަން) އެވެ. އޭނާއަކީ ޖަވާދުގެ އަނބިމީހާ ނުޒޫ (ޒޯޔާ) ގެ ބޭބެ އެވެ.

ފިލްމުގެ މުޅި ވާހަކަ ބިނާވަނީ މި މީހުންގެ ތެރޭގައި ހިނގާ އެކި ކަހަލަ ކަންތައްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ބަދަލު ހިފުމުގެ ތެރެއިން ހިނގާ މަޖާ ކަންތައްތައް ވަރަށް ފުރިހަމަށް ދައްކުވައި ދީފައިވެ އެވެ. މި ފިލްމަކީ ބެލުންތެރިން ހެއްވާލައި އަދި ރޮއްވައިލާ ކަހަލަ މަންޒަރުތައް ގިނަ ފިލްމެކެވެ.

"ނޯޓީ 40" ގެ ވާހަކަ އަށް ބަލާ އިރު ޔޫއްޕެ ފައްކާކޮށްފައި އޮތް ވާހަކަ ވަރަށް ފުރިހަމަ އެވެ. ވާހަކައިގެ މައިގަނޑު ވަރަށް ފުނެވެ. މީގެ ކޮންމެ ކެރެކްޓާއެއް އޮންނަނީ އެކަކު އަނެކަކާ ވަރަށް ބޮޑަށް ގުޅިފަ އެވެ. "ޓިޕިކަލް" ދިވެހި ވާހަކައެކޭ ބުނާ ވަރަށް ވުރެ މީގެ އެތުރުންގަނޑާއި ހާދިސާތައް ފުރިހަމަ އެވެ.

ފިލްމުގެ އެންމެ ވަރުގަދަ އެކައްޗަކީ ވެސް ޔޫއްޕެގެ ސްކްރީންޕްލޭ އެވެ. ފިލްމް ފެށިގެން އަންނަ އިރު، އަޝްފާގެ ކެރްކްޓާއަކީ ޓްވިސްޓެއް ގެނުވާނެ ކެރެކްޓާއެއްކަން އެނގެ އެވެ. އެހެން ނަމަވެސް ބެލުންތެރިންގެ ޝައުގުވެރިކަން ގެއްލުވާނުލައި، އެ ޓްވިސްޓް ފިލްމްގެ ކްލައިމެކްސްއާ ހަމައަށް އޮންނަނީ ހިފަހައްޓައިފަ އެވެ. މީގެ އެންމެ ސަޅި ތަންކޮޅަކީ ވެސް އެއީ އެވެ.

އަނެއްކޮޅުން ފިލްމުން ދައްކުވައިދޭ ކޮންމެ ކެރެކްޓާއަކީ ހަމަ ވަރަށް މުހިއްމު ކެރެކްޓާއެކެވެ. ފިލްމަށް ބޯ ގިނަ ކުރަން ހިމަނާފައި އޮތް އެއްވެސް ކެރެކްޓާއެއް ނެތެވެ. ދެން އޮތް އަނެއް ވާހަކައަކީ ބޭރުގެ އެއްވެސް ފިލްމެއްގެ ކޮންސެޕްޓާ "ނޯޓީ 40" ވައްތަރު ނޫން ކަމެވެ. އެހެންވެ ބޭރުގެ އެއްޗަކުން އިރާލާފައި އޮތް ވާހަކައެކޭ ބުނާނެ އެއްވެސް ޖާގައެއް ނެތެވެ. މިއީ ޔޫއްޕެގެ އަމިއްލަ ކޮންސެޕްޓެކެވެ. އެކަމަށްޓަކައި ޔޫއްޕެ އަށް ތައުރީފް ހައްގެވެ.

"ނޯޓީ 40" ގެ ތަރިންގެ އެކްޓިން އަށް ބަލާ އިރު ކޮންމެ މީހަކު ވެސް އެ މީހެއްގެ ރޯލް ވަރަށް ފުރިހަމަ އަށް ދައްކުވައި ދީފައިވެ އެވެ. ހޮވާލައިފައި ނަގާ ނަމަ މަނިކާއި ސައީދު އަދި އަޒޫ އާއި ގުލީގެ ރޯލްތައް ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެ އެވެ.

މުޅި ފިލްމަށް ބަލާ އިރު މަނިކާއި ސައީދަކީ ފިލްމުގެ ހިތޭ ވެސް ބުނެވިދާނެ އެވެ. އެ މީހުންގެ އެކްޓިން ވަރަށް ވެސް ފުރިހަމަ އެވެ. ހާއްސަކޮށް މަޖާ މަންޒަރުތަކުގައި ސައިދާއި މަނިކު އެ ދައްކައިލާ އެކްސްޕްރެޝަންތަކުން ވެސް ބަޔަކު ހީހީ ހަލާކު ވެދާނެ އެވެ. ޑައިރެކްޓަރުގެ ޒިންމާ ނަގަމުން އެ މީހުންނާ އެއްވަރަށް ޔޫއްޕެ ވެސް އެކްޓިން ދައްކުވައި ދީފައިވެ އެވެ.

ގުލީގެ ވާހަކަ ދައްކާ ނަމަ ބުނާނީ މިއީ ފިލްމީ ދާއިރާ އަށް ލިބުނު ޖަވާހިރެކޭ އެވެ. "ނޯޓީ 40" އަކީ އޭނާގެ ފުރަތަމަ ފިލްމް ކަމަށް ވިޔަސް، ގުލީ ވަނީ އެކްޓިން އިން ސަތޭކަ ދައްކާލައިފަ އެވެ. އޭނާ ކުޅެފައިވާ ނުފޫޒު ގަދަ ރޯލް، އެ ނޫން މީހަކު ކުޅުނު ނަމަ، އެހާ ފުރިހަމަ ނުވާނެއޭ ބުނާ ވަރަށް ގުލީ ވަނީ ހުނަރު ދައްކާލައިފަ އެވެ. ގުލީގެ އެކްޓިން އިން ހަނދާނަށް ގެނެސް ދިނީ ކުރީގެ ބަތަލާ ނީނާ ސަލީމެވެ.

އާ މީހަކާ ބަލާފައި ގުލީ ލައްވައި ޔޫއްޕެ ކުރުވާފައި ހުރި މަސައްކަތަށް ވެސް ހަމަ ތައުރީފު ހައްގެވެ. އޭނާ ދައްކުވައިދޭ ރުޅިގަނޑާއި ޑައިލޮގް ޑެލިވަރީ އާއި ރާގުގަނޑު ހަމަ ހަބޭހެވެ. "ނޯޓީ 40" އިން އަލަށް ތައާރަފު ކުރި ޝަރީފްގެ އެކްޓިން ވެސް އަދި ޑައިލޮގް ޑެލިވަރީ ވެސް ރަނގަޅު ކުރަން ޖެހެ އެވެ. އަދި އޭނާގެ އެކްސްޕްރެޝަންތަކަށް އިތުރަށް މަސައްކަތްކޮށްކަލަން ޖެހެ އެވެ.

ފިލްމުގެ އެހެން ކާސްޓުންނަށް ބަލާ އިރު އެންމެންގެ މަސައްކަތް ވެސް ފުރިހަމަ އެވެ. އެކަމަކު މިހާރު ވިދަމުން އަންނަ އުންމީދީ ބަތަލާ ނުޒޫގެ ޑައިލޮގް ޑެލިވަރީ ވެސް ރަނގަޅުކޮށްލަން ޖެހެ އެވެ. މި ފިލްމަކީ އޭނާގެ ދެވަނަ ފިލްމެވެ.

"ނޯޓީ 40" ގެ ރަނގަޅު ވާހަކަ ދައްކާ ނަމަ ދައްކަން ހުރި ވާހަކަތައް ވަރަށް ގިނަ އެވެ. ފިލްމުން ދެން އަހަންނަށް ކަމުދިޔަ އަނެއް ކަމަކީ މީގެ ބެކްގްރައުންޑް ސްކޯ އެވެ. ބާޗީގެ މަސައްކަތް ވަރަށް ފުރިހަމަ އެވެ. މި ފިލްމަކީ މި ފަހުން ބެލުނު ދިވެހި ފިލްމްތަކުގެ ތެރެއިން ފިލްމާ އެންމެ ގުޅޭ ގޮތަށް، ބެކް މިއުޒިކް ގެނެސް ދީފައި އޮތް ފިލްމެވެ. ފިލްމް ޝައުގުވެރިކޮށްދޭ އެއް ކަމަކީ ވެސް އެއީ އެވެ.

ފިލްމްތަކުގެ ބެކް މިއުޒިކަށް ބާޗީ އަދި ކިތަންމެ އަލަސް އޭނާ ވަނީ މުހައްމަދު އިކްރާމް ފަދަ ތަޖުރިބާކާރު ފަންނާނުންނަށް ގޮންޖަހައިލާ ވަރުގެ މަސައްކަތެއް "ނޯޓީ 40" އިން ދައްކުވައި ދީފަ އެވެ. މީގެ އިތުރުން ތަޖުރިބާކާރު ކެމެރާމަން ދަބަގެ މަސައްކަތް ފާހަގަކޮށްލަން ޖެހޭނެ އެވެ.

"ނޯޓީ 40" ގެ ކަމުނުދާ ކަންތައްތަކަށް ބަލާ އިރު އެންމެ ބޮޑަށް ފާހަގަ ކުރާނެ އެއް ކަމަކީ ފިލްމް މާ ބޮޑަށް ދިގުވުމެވެ. އަނެއްކޮޅުން ފިލްމުގެ ބައެއް މަންޒަރުތައް ވެސް މާ ދިގީ އެވެ. ފިލްމް ގެނެސް ދީފައި އޮތް ގޮތަށް ބަލާ އިރު މިއިން ބައެއް ލަވަތައް އުނިކޮށްލި ނަމަ ވެސް މާ ފުރިހަމަވީހެވެ. އެގޮތުން ނުޒޫ ފެނިގެންދާ ލަވަ އާއި ބޭރުގެ ބަތަލާ މާރިއާ ތެރެސާ ފެނިގެންދާ ލަވަ ފިލްމްގައި ނުހިމެނިޔަސް ފިލްމަށް އަންނާނެ އެއްވެސް ތަފާތެއް ނެތެވެ. ޔޫއްޕެގެ އެޑިޓިންގައި އެކަމަށް ސަމާލުކަން ނުދެވުނީ ކަމަށް ވެދާނެ އެވެ.

ލަވަތަކަށް ބަލާ އިރު ފިލްމާ ގުޅޭ ކަހަލަ މަޖާ މޫޑްގެ ލަތައް ހޮވާފައި ހުއްޓަސް ކަމުނުދިޔަ ކަމަކީ ބައެއް ކޮޕީ ރާގު ހިމަނާފައިވާތީ އެވެ. އަމިއްލަ ރާގަށް އެންމެން ވެސް އިސްކަން ދޭ ޒަމާނެއްގައި ދިވެހި ފިލްމްތަކުން ކޮޕީ ރާގު އިވުމުން މިހާރު ވަރަށް އައިބެވެ. އެހެންވެ އެކަމެއް ބަލައެއް ނުގަނެވޭނެ ނެވެ.

ފިލްމް ހުށަހަޅާފައި އޮތް ގޮތް ފުރިހަމަ ނަމަވެސް، ފިލްމުން ފެނުނު އަނެއް އައިބަކީ ރަށެއްގައި ހިނގާ ހާދިސާތަކެއް ދައްކުވައި ދޭ އިރު، މާލޭން ދިޔަ ކާސްޓުން ފިޔަވައި އިތުރު ބަޔަކު ފިލްމުން ނުފެންނާތީ އެވެ. މިސާލަކަށް މަގުމަތީގެ މަންޒަރެއް ދައްކާ ނަމަ، ރަށުގެ މީހުންގެ ހޭލަމޭލަވާތަން ދަައްކާލުން ކަހަލަ ކަންކަމެއް ނެތެވެ.

މީގެ ވާހަކަ އޮތް ގޮތުން ރަށުގެ މީސްމީހުން ފެންނަ ގޮތަށް ދައްކުވައި ދޭން ޖެހޭ ކަހަލަ މަންޒަރުތަކެއް ނެތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މިސާލަކަށް ޖާވިދު އާއި ޒޯޔާގެ ކައިވެނީގެ ޕާޓީއަކީ ހަމަ ގިނަ ބަޔަކު ދައްކުވައި ދީގެން މަންޒަރު މުއްސަނދިކޮށްލެވިދާނެ ކަހަލަ މަންޒަރެކެވެ. އެކަމަކު އެ މަންޒަރުން ވެސް ފެނުނީ ހަމަ މައިގަނޑު ކާސްޓުން އެކަންޏެވެ. އަނެއް ކަމަކީ ވިޔަފާރީގެ ވާދަވެރި ކަމެއް އޮންނަ އިރު، އެއީ ކޮން ކަހަލަ، ކިހާ ވަރެއްގެ ވިޔަފާރިއެއް ކަމެއް ފިލްމްގެ އެއްވެސް ހިސާބަކުން ދައްކުވައި ދީފައި ނެތުމެވެ.

އެކަމަކު "ނޯޓީ 40" އާ ދޭތެރޭ ޖުމްލަކޮށް ބުނެލަން އޮތީ މިއީ ރަނގަޅު ކަންތައްތައް ގިނަ ފިލްމެކޭ އެވެ. ފިލްމަކީ މަޖާ ކަންތައްތައް ގިނަ ފިލްމަކަށްވާތީ މީގެ ކްލައިމެކްސް ވެސް "ހެޕީ އެންޑިން" އަކުން ނިންމާލައިފައި އޮތް ނަމަ ބެލުންތެރިން މާ އުފާވީހެވެ.

މި ފިލްމް ބަލާފައި ނެތް ނަމަ، ބަލަން އަހަރެން ރެކޮމެންޑް ކުރާނަމެވެ. މިއީ ސިނަމާގައި އެންޖޯއިކޮށްލެވޭނެ ހުރިހާ ރަހައެއް ހުރި، 100ރ. އަށް ޓިކެޓް ގަނެގެން ބަލަން ހަމަ ހެޔޮވަރުގެ ފިލްމެކެވެ.

ކޮމެޑީއަކީ ދިވެހި ސިނަމާއާ އަދިވެސް ތަންކޮޅެއް ބީރައްޓެހި ޖޯންރާއަކަށް ވިޔަސް، މި ޒާތުގެ ފިލްމްތަކާ ބެލުންތެރިން ވަރަށް ބޮޑަށް ގަޔާވާން ވެސް ފަށައިފި އެވެ. އެހެންވެ ޔޫއްޕެ ކަހަލަ ޑައިރެކްޓަރުންނަށް ބުނެލަން އޮތީ މި ޒާތުގެ ފިލްމްތައް އަދިވެސް ގެނެސްދޭށޭ އެވެ.

"ނޯޓީ 40" އަށް ރޭޓެއް ދޭ ނަމަ އަހަރެން ދޭނީ ފަސް ތަރިން ތިނެކެވެ.

9 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 10%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު

15 August 2017

ބާޗީ އަކީ އަލަށް ތިކަންކުރާ މީހެއްނޫން. އޭނާ ވަނީ ހެޕީބާތުޑޭ ފިލްމުންވެސް އެވޯޑް ހޯދާފަ. އަދި ބޮލީވުޑް ފިލްމަކަށް ލަވައެއް ހެދި ފުރަތަމަ ދިވެހި ކޮމްޕޯސަރު. މައުލޫމާތު ސާފުކޮއްގެން ލިޔުއްވާ.

The name is already taken The name is available. Register?

ބޮކި

13 August 2017

ކުޑަ މުއާގެ އެކްޓިން ވެސް ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

ކކކ

12 August 2017

"އަޝްވަނީ (ޔޫއްޕެ)، އަހުސަން (ސައީދު) އަދި މަނިކު (އަޖްވަދު)" އަޖްވަދު ކިޔާ ފިލްމް ސްޓާރެއް ނުދަންނަން

The name is already taken The name is available. Register?

ޝަބްނަމް

12 August 2017

ކީއްވެތަ މިމީހުން މާބޮޑަށް މަނާވެފައި ތިބެނީ

The name is already taken The name is available. Register?

ހަސަން

12 August 2017

ތި ފޯސްޓަރު ފެނުނަސް މީހަކު ހީހީ ހަލާކުވާވަރުވޭ. ޕޮއް.

The name is already taken The name is available. Register?

ބުރުހާނުއްދީން ރައްބާނީ

12 August 2017

ޔޫއްޕެއަށް ހަމަ ސާބަސް.....

The name is already taken The name is available. Register?

ހަނާ

12 August 2017

ތިފިލްމްގެ ލޮކޭޝަންތައް ވަރަށް ސަޅި

The name is already taken The name is available. Register?

ބަކުރު

12 August 2017

މިހާތަނައް ބެލުނު އެންމެ ސަޅި ދިވެހި ފިލުމް.... ހަބޭސް އިގޭ........ ހީހީ ހީސްނުލެވުނީ ކިރިޔާ........

The name is already taken The name is available. Register?

ވިސްނާލީމާ

12 August 2017

ފިލްމު ވަރަށް ސަޅި ހަމަ ވަރަށް ހަބޭސް! އެންމެ މީހަކު ފިޔަވާ! ފިލްމުގާ ނުޒޫގެ ފިރިމީހާގެ ރޯލުދީފާވާ ފަރާތް އެހާ ކަމަކުނުދޭ! އެވަރުގެ ބޮޑުބައެއްދޭން ހެޔޮވެސް ނުވާވަރުގެ ބައެއް އޭނާއަށް ދީފާވަނީ! އަދި ވަރަށް މުހިންމުވެސް ބައެއް އެއީ! ބޮޑަށް އަޅައިގަންނަނީ އޭނާގެ އަޑުގާ! އެކްޓް އެހާ ދަށެއްނޫން! އެކަމު އެހުންނަ ފާޑެއްގެ ޝަހުސެއް ނެތް އަޑުން ފޫހިކުރުވާ! ދެން އެހެން އޮޑުކަމަށް ފާހަގަކުރެވޭ ހަމަ އެންމެ ބައެއްވެސް ނެތް! ފިލްމު ހަމަ ވަރަށް ސަޅި! މިބުނާ ބަޔަށޤ އެހެންމީހަކު ލީނަމަ އަދި މިފިލްމަށް ސަތޭކަދޭވަރުވީސް! އެކަމު އެއީ އަސްލު އޭނާގެ މައްސަލައެއްނޫން! ބަޔަކަށޤ އެއަޑުވެސް ރީތިވެފާ މޮޅުވީކަންނޭނގެ! -އިބްރާހީމް-

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454