ޖަސްޓިން ބީބާ: އާ ސިންގަލްއެއް މިހާރު ވަނީ ނެރެފައި.
19 އޯގަސްޓް 2017 - 07:26
މަޝްހޫރު ޒުވާން ލަވަ ކިތުންތެރިޔާ ޖަސްޓިން ބީބާ "ޕާޕަސް" ޓުއާ ވަރަށް ފޯރީގައި ކުރިއަށް ގެންދިއުމަށް ފަހު، ކުއްލި ގޮތަކަށް ދާދި ދަހުން ޓުއާގެ ބައެއް ޝޯތައް ކެންސަލް ކުރުމާ ގުޅިގެން އޭނާ ދެކެ ބައެއް ފޭނުން ހިތްހަމަނުޖެހިފައި ތިއްބައި އާ ސިންގަލްއެއް ނެރެފި އެވެ.
މި ފަހަރު އޭނާ ފޭނުންނަށް ދޫކޮށްލި ލަވައަކީ "ފްރެންޑްސް" އެވެ. މި ލަވައިގައި ކިޔައިދެނީ ލޯބިވެރިޔާ ބީވުމުން އޭނާ އަލުން އެކުވެރިއެއްގެ ގޮތުގައި ބަހައްޓަން ބޭނުންވެގެން ކުރާ އާދޭސްތަކެއްގެ ވާހަކަ އެވެ. ލަވަ ލިޔެފައި ވަނީ ޕްރޮޑިއުސަރު ބްލަޑްޕޮޕް އެވެ. ބީބާގެ ވަރަށް ގިނަ ލަވަތައް އޭނާ ލިޔެފައިވެ އެވެ.
"ފްރެންޑްސް" އަކީ 2015 ގައި ބީބާ ނެރުނު އެންމެ ފަހުގެ އަލްބަމް "ޕާޕަސް" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ކޮމްޕެނީ" އަށް ފަހު އާންމުންނަށް އޭނާ މި ގޮތަށް ދޫކޮށްލި ފުރަތަމަ ލަވަ އެވެ.
ޓުއާ ހުއްޓުމަކަށް ގެނައުމަށް ފަހު، އޭގެ ދުވަސްތަކެއް ފަހުން އޭނާ ވަނީ އިސްޓަގްރާމްގައި ބޮޑު ބަޔާނެއް ނެރެފަ އެވެ.
އޭގައި އޭނާ ބުނީ "އަރާމުކޮށްލަން ވަގުތުކޮޅެއް ބޭނުންވާ" ކަމަށާއި "މިއުޒިކް ކެރިއަރު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނީ ފުރިހަމަ މީހެއްގެ ގޮތުގައި ހުރެގެން" ކަމަށެވެ.
އަދި މިހާރު މަސައްކަތް ކުރަނީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް ކުރަން ކަމަށާއި "ތާޒާވެލައިގެން" އަނެއްކާ ވެސް ފޭނުން ހިތްހަމަޖައްސައި ދޭން ނިކުންނާނެ ކަމަށް ކެނެޑާ އަށް އުފަން 23 އަހަރުގެ ލަވަ ކިޔުންތެރިޔާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy