މުނިފޫހިފިލުވުން / ޑައިރެކްޓަރު އަހުމަދު ނިމާލް

ދަރިފުޅަށް ނިމާލް ދޭ ނަސޭހަތް: ގޯސް މަގަކުން ނުދާތި

ނިމާލް، ދަރިފުޅު ޖުމަލްއާ އެކު.

"ޖުމަލް އަށް ބުނަން އޮތް ވާހަކައަކީ ރަނގަޅު އަހުލާގެއްގެ މަތީގައި ހުރެ ފިލްމީ ދާއިރާ އިން ކުރިއަށް ދާށޭ. ވަރަށް އުފާވޭ އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއްކޮށް، ބެލުންތެރިން ބަލައިގަތް އެކްޓަރަކަށް ޖުމަލްވީތީ،" ރާއްޖޭގައި މިހާރު ހުރި އެންމެ އުންމީދީ ބަތަލު ޖުމައްޔިލް ނިމާލް (ޖުމަލް) އާ ބެހޭ ގޮތުން އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލް ބުނަން އޮތް ވާހަކައަކީ މިއެވެ.

ފިލްމީ ދާއިރާ އަށް ޖުމަލް ނިކުތްތާ މިއީ ހަތަރު ވަނަ އަހަރެވެ. އޭނާ ފިލްމީ ދާއިރާ އަށް ފިލްމް "އަނިޔާ (2014)" އިން ނެރުނީ ވެސް ނިމާލެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް އެކްޓަރަކަށްވުމުގެ ހުވަފެން ދެކެމުން އައި ޖުމަލް ކުރިއަށް ދާން ނިމާލް ހުރީ ހިތްވަރުދޭށެވެ. އޭނާ ބޭނުން ވަނީ ދަރިފުޅު ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެކްޓަރަށް ވާށެވެ.

ނިމާލް އެންމެ އުފާވާ އަނެއް ކަމަކީ ޖުމަލްގެ އެކްޓިން އާއި ޑައިލޮގް ޑެލިވަރީގައި ބައްޕަގެ ފާޑުވެރިކަން ހުންނަ ކަމަށް ބައެއް މީހުން ބުނާތީ އެވެ. އަދި ކަމަށް ކަމޭހިތުމާއި ގަޑިއަށް ފަރުވާތެރިވުން ކަހަލަ ކަންކަމަށް ސަމާލުކަން ދިނުމަކީ އޭނާގެ ފަރާތުން ފެންނަ ރަނގަޅު ސިފަތައް ކަމަށް ބުންޏެވެ.

"އޭނަ މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ފަޚުރުވެރިވާ ކަހަލަ މަސައްކަތްތަކެއް ކޮށްފައި ހުރީ. އަހަރެން ބުނާނީ ޖުމަލްގެ ކެރިއާ ހަމަ ވަރަށް ރަނގަޅު މިސްރާބަކަށޭ ދަނީ،" ނިމާލް ބުންޏެވެ.

އޭނާގެ ނަޒަރުގައި ޖުމަލްއަކީ ކުރިމަގު އޮތް އެކްޓަރެކެވެ. ޖުމަލްއަކީ އެކްޓިން ދާއިރާ އިން ކުރިއަށް ދިއުމުގެ ޖޯޝާއި ފޯރި ގަދަ ޒުވާނެކެވެ. އެހެންވެ ރާއްޖެ ކަހަލަ ތަނެއްގައި އަމިއްލަ އަށް ދަސްކުރުމުގެ ބައި މުހިއްމުވެފައި އޮތްލެއް ބޮޑުކަމުން ޖުމަލްއަކީ އޭނާގެ ހުނަރު ތަރައްގީކޮށް، ކުރިއަރުވަން މަސައްކަތް ކުރާ އެކްޓަރެއް ވެސް މެ އެވެ. އެކަން އެންމެ ގާތުން ފެންނަ އެކަކީ ވެސް ނިމާލެވެ.

"އޭނަ އަބަދު ވެސް އިމްޕްރޫވް ކުރަން ވަރަށް މަސައްކަތް ކުރޭ. އެގޮތުން އެހެން މީސްމީހުންގެ މަސައްކަތްތައް ބެލުމާއި އިންޓަނެޓުން ވެސް ދަސްކުރުމުގެ ބައި ވަރަށް އޮވޭ،" ނިމާލް ބުންޏެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ބަލައިގަތް އަދި ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކާމިޔާބު އެކްޓަރުގެ މަގާމާ ހިސާބަށް ޖުމަލް އަށް އާދެވުނީ ނިމާލް ބުނި ގޮތުގައި އޭނާ މިކަމަށް ދޭ ޝައުގާ ހެދި އެވެ. އަދި އޭނާގެ ހޮވުންތައް ވެސް ރަނގަޅީ އެވެ.

"މިހާތަނަށް އޭނާ ކުޅެފައި ހުރި އެއްޗިއްސަށް ބަލާއިރު އަނިޔާ އާއި ފޯފޯޓޫސިކްސް ފިޔަވައި ދެން ކުޅެފައި ހުރީ ވަރަށް އެއްކަހަލަ ކެރެކްޓާތަކެއް ކަންނޭނގޭ. އަހަރެން ވަރަށް ބޭނުން އޭނަ ވަރަށް ތަފާތު އެކި ކަހަލަ ރޯލްތަކުން ޖުމަލް ފެންނަން،" ޖުމަލްގެ ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދިޔައީ "އެންމެ ފަހު ވިންދާ ޖެހެންދެން" ކަން ފާހަގަކޮށް ނިމާލް ބުންޏެވެ.

އޭނާ ބުނީ ޖުމަލްއަކީ އަބަދުވެސް ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން އޭނާއާ ހިޔާލު ވެސް ބަދަލުކުރާ މީހެއް ކަމަށެވެ. އަދި ބައްޕައެއްގެ ހައިސިއްޔަތުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި ސަޕޯޓެއް ދޭ ކަމަށް ނިމާލް ބުންޏެވެ.

"އޭނާގެ ޑިސްކަސް ކުރާނެ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން އަބަދު ވެސް އަހަންނާ. އެހެންވީމަ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭނެ އޭނަގެ މަސައްކަތްތައް ހުރި ގޮތާ އެއްޗެހި،" ސިޓީ ފަދަ ފިލްމްތައް ޑައިރެކްޓަރު ބުންޏެވެ.

ނިމާލް ބުނީ ޖުމަލް މިހާރު ހުރި ހިސާބުން ދެން އިތުރު ހަރުފަތަކަށް ދާން، އަދި ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ވެސް ކުރާ ކަމަށެވެ. އެގޮތުން ތަފާތު ގިނަ މީހުންނާ އެކު މަސައްކަތް ކުރުން މުހިއްމު ކަމަށް ބުންޏެވެ.

"ބޮޑަށް އޭނަ އަށް މިހާތަނަށް މަސައްކަތް ކުރެވިފައި ހުރީ އެއް ބަޔަކާ އެކީ [ޖުމަލްގެ އެންމެ ކާމިޔާބު ފިލްމްތަކަކީ ޑާކް ރެއިން އެންޓަޓައިމަންޓަށް އޭނާ ކުޅުނު ފިލްމްތައް އަދި އޭނާއަކީ އެ ސްޓޫޑިއޯގެ ޑާލިން] ކަންނޭނގޭ. އެއީކީ މައްސަލައެއް ވެސް ނޫން. އެކަމަކު މި ދާއިރާގެ ގިނަ މީހުންނާ އެކު މަސައްކަތް ކުރެވުމަކީ ލިބޭނެ ކުރިއެރުމެއް. އެހެންވެ އެ ވިސްނުން ބަހައްޓަން ވެސް އަހަރެން ނަސޭހަތް ދެން،" ނިމާލް ބުންޏެވެ.

ޖުމަލް މިހާރު ކުޅެމުން އަންނަ ފިލްމް "ވަކިން ލޯބިން" ގެ މަންޒަރެއް.

ނިމާލް ބުނީ ދަރިފުޅުގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާ އިރު ޑާކް ރެއިނުން މިހާރު ހަދަމުން އަންނަ "ވަކިން ލޯބިން" އަކީ ތަފާތު ކެރެކްޓާއެއް ފެންނާނެ ފިލްމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ނިމާލް ޖުމަލް ލީޑް ރޯލަށް ލައިގެން ހަދަން ނިންމާފައިވާ ފިލްމަކީ ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ. އެ ފިލްމުގެ މަސައްކަތް އަންނަ ނޮވެމްބަރު ހިސާބުގައި ފަށަން ތާވަލްކޮށްފައިވާ އިރު، ފިލްމް އަންނަ އަހަރު ސިނަމާ އަށް ގެންނާނެ ކަމަށް ނިމާލް ބުންޏެވެ.

މީގެ އިތުރުން ޑާކް ރެއިނަށް އަހުމަދު ޝިނާން ޑައިރެކްޓް ކުރާ "ގޮށްރާޅު" އަކީ، ޖުމަލް މިހާތަނަށް ނުކުޅޭ ކަހަލަ ރޯލަކުން ފެންނާނެ ފިލްމެކެވެ.

ޖުމަލް ކުޅެފައި ހުރި ފިލްމްތަކުގެ ތެރެއިން ދެ ފިލްމެއް އަދި ރިލީޒް ވެސް ނުވެ އެބަ އޮތެވެ. އެއީ މަހުދީ އަހުމަދުގެ "މާޔޫސް" އާއި މާސްކޭ ސްޓޫޑިއޯގެ "ޕްލޭން ބީ" އެވެ. މީގެ ތެރެއިން "ޕްލޭން ބީ" އަކީ ޖުމަލް ވަރަށް ތަފާތު ކެރެކްޓާއެއް ކުޅެފައިވާ ފިލްމެކެވެ.

ނިމާލް ބުނަނީ ފިލްމީ ދާއިރާއަކީ މިހާރު ރާއްޖޭގައި ޕްރޮފެޝަންއެއްގެ ގޮތުގައި ޒުވާނުންނަށް ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުން ވެސް ބިނާވެފައި އޮތީ ފިލްމީ މަސައްކަތުން ލިބޭ އެއްޗަކަށް ކަމަށް ބުންޏެވެ.

އެހެންވެ ޖުމަލް އަށް ވެސް ނިމާލް ބުނަން އޮތް ވާހަކައަކީ ބުރަކޮށް މަސައްކަތްކޮށްގެން، ރަނގަޅު ގޮތުގައި ކުރިއަށް ދާށޭ އެވެ. މިއީ އާމްދަނީ ނުލިބޭ، ހަޑި މަސައްކަތެއް ނޫނެވެ. މިއީ އާންމުންގެ ލޯތްބާއި ތަރުހީބު ވަރަށް ބޮޑަށް ލިބޭ މަސައްކަތެކެވެ.

"އަބަދު ވެސް ރަނގަޅު މީހުންނާ އެކު އުޅޭށޭ ބުނެލަން ބޭނުން ވަނީ. އެކުގައި އުޅޭ މީހުން ހިޔާރު ކުރާ އިރު ބަލަން ވާނެ އެއީ ކޮން ކަހަލަ ބައެއްތޯ. ކޮންމެ ދާއިރާއެއްގައި ވެސް ހުންނާނެ މައްސަލަތައް. އެކަމަކު ތިމާ އިހުތިޔާރު ކުރަން ވާނީ އަބަދު ވެސް ރަނގަޅު މިސްރާބަކަށް ދާން،" ނިމާލް ބުންޏެވެ. "ޖުމަލް އަށް ދޭން އޮތް އެންމެ ބޮޑު ނަސޭހަތަކަށް ވާތީ ގޯސްމަގަކުން ނުގޮސް ރަނގަޅު ގޮތުގައި ކުރިއަށް ދާށޭ."

2 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 14%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަމާލު

04 September 2017

ރަނގަޅުއެއްޗެއް ލިބޭ ދާއިރާއެކޭ ބުނީ ކީއްވެ.. ރާއްޖޭގައި ފިލްމް ކުޅެގެން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކަށް ގަބޫލެއް ނުކުރެވޭ..އެހެން ގައުމުތަކާއި ބަލާއިރު ރާއްޖޭގެ ސްޓާރުންނަކީ އަމިއްލަ ބޭނުންތައް ފުއްދޭވަރަށްވެސް ފައިސާ ލިބޭ ބައެއްނޫން.. ގިނަ މީހުންނަކީ ވަޒީފާއަށް ދަމުން ފިލްމްކުޅޭ މީހުން..

The name is already taken The name is available. Register?

އެހެން

04 September 2017

އަހަންނަށް ހީވަނީ އެންމެ ޓޮޕްގަ ހިފަހައްޓާ ލެވޭ މީހުން ނަށް ރަނގަޅު އެއްޗެއް ލިބޭނެ ވާހަކަހެން އެބުނީ.......

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454