މި އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވި ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) އަކީ އުންމީދީ ބަތަލާއެއް ކަމަށް ބަލަމާ ހިނގާށެވެ.
އޭނާގެ ދެ ފިލްމް ބެލުންތެރިންނާ ހަމައަށް މިހާތަނަށް އަތުވެއްޖެ އެވެ. މިހާރު އެ އުޅެނީ ތިން ވަނަ ފިލްމުގެ ޝޫޓިންގަ އެވެ. މިއީ މި ދާއިރާ އަށް އަލަށް ނިކުތް ބަތަލާއަކާ ބަލައިފައި އަހަރެއްގެ ތެރޭގައި ރަނގަޅު މިންވަރެކެވެ. މަލްއަކީ މިހާރު ބިޒީ ބަތަލާއެކޭ ބުނެވި ދާނެ އެވެ. އޮފާތައް އެބަ ލިބެ އެވެ.
ވަރަށް ޅަފަތުގައި އޮތް މަލްގެ ކެރިއާ ގްފާރަށް ބަލައިފި ނަމަ، ބެލުންތެރިންނަށް ހާއްސަ ކަމެއް ފާހަގަ ކުރެވޭނެ އެވެ. މަލް އުޅޭ ފިލްމެއް ނަމަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އުޅެން ޖެހޭ ހެއްޔެވެ؟ ނޫން ނަމަ އަޒޭ އުޅޭ ފިލްމެއް ނަމަ އެ ފިލްމެއްގައި މަލް އުޅެން ޖެހޭ ހެއްޔެވެ؟ މިއީ ހަމަ ގައިމު ވެސް ބެލުންތެރިން ހިތަށް އަރައިފާނެ ސުވާލެކެވެ.
ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ "ނޭނގި ޔާރު ވަކިވީ" އިން މަލް ފިލްމީ ދާއިރާ އަށް ނިކުތް އިރު، އެ ފިލްމުގައި އޭނާ ކުޅުނީ ވަރަށް ކުރު، ސަޕޯޓިން ރޯލެކެވެ. އައިނިމަތު ރިޝްފާ ބަތަލާގެ ރޯލް ކުޅުނު އެ ފިލްމުގެ ލީޑް އެކްޓަރަކީ އަޒޭ އެވެ. ދެން އައި މަލްގެ ދެވަނަ ފިލްމުގައި އޭނާ ފެނިގެން ދިޔައީ އަލީ ސީޒަންގެ "ވަފާވެރިޔާ ކެހިވެރިޔާ" ގެ ލީޑް ރޯލުންނެވެ.
އެ ފިލްމުން އަނެއްކާ ވެސް އަޒޭ ފެނުނެވެ. އެކަމަކު މި ފަހަރު އަޒޭ އަށް ލިބުނީ ވަރަށް ކުރު، ސަޕޯޓިން ރޯލެކެވެ.
މަލް އާއި އަޒޭ މިހާރު އަންނަނީ ތިން ވަނަ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ބޮޑު ކާސްޓެއް ހިމެނޭ ކޮމެޑީ ފިލްމް "ބައިވެރިޔާ" އެވެ. މި ފިލްމަށް ބަލާ އިރު ދެ މީހުންނަށް ވެސް ލިބިފައި އޮތީ ވަރަށް ބެލެންސް ރޯލެކެވެ.
މަލްގެ މި ތިން ފިލްމަށް ބަލާ އިރު، ފިލްމުގެ ކާސްޓުންގެ ތެރޭގައި އަޒޭ އެބަ ހިމެނެ އެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ ދެ މީހުން ހަމަ ރާވައިގެން ކުރާ ބައެއް ބާވަ އެވެ؟ ބައެއް މީހުން އެގޮތަށް ދެކެ ވެސް ފާނެ އެވެ.
އެކަމަކު ހަގީގަކީ އެއެއް ނޫނެވެ. މަލް ބުނީ އޭނާގެ ކޮންމެ ފިލްމެއްގައި އަޒޭ އުޅުމަކީ ހަމަ "އިއްތިފާގެއް" ކަމަށެވެ. މި "އިއްތިފާގާ" އެކު އަޒޭއަކީ މަލް ސިފަ ކުރި ގޮތުގައި އޭނާގެ "ލަކީ ޗާމިން" އެވެ.
"މިކަން ފާހަގަ ކުރެވިގެން އަހަރެމެން ދެ މީހުން އަމިއްލަ އަށް ވެސް މި ވާހަކަ މިހާރު އެބަ ދައްކަން. ދެން އެކުގައި އުޅޭ މީހުންނަށް ވެސް މިކަން ނޯޓިސް ކުރެވިގެން މި ވާހަކަ ދައްކާފައި އޮތީ،" 19 އަހަރުގެ ބަތަލާ ބުންޏެވެ.
މަލް ބުނީ ކޮންމެ ފިލްމެއްގައި އަޒޭ އާ އެކު ސްކްރީން ޝެއާ ކުރަން ފުރުސަތު ލިބުމަކީ އެއްގޮތަކަށް ވެސް ދެ މީހުން ގަސްތުގައި، ރާވައިގެން ކުރާ ކަމެއް ނޫން ކަމަށެވެ.
"ބައިވެރިޔާގެ ޝޫޓިން އަށް ދިޔަ ފަހުން އެނގުނީ މީގައި ވެސް އަޒޭ އެބަ އުޅޭކަން. އަހަރެން ބުނާނީ މިއީ އިއްތިފާގެކޭ. އަހަރަމެން ދެ މީހުން ގަސްތުގައި ރާވައިގެން ފިލްމުތަކުގައި މަސައްކަތް ކުރަނީކީ ނޫން،" އޭނާ ބުންޏެވެ. "އެކަމަކު މި އިއްތިފާގު މިހެން އައިމަ އަހަރެން ބުނާނީ އަޒޭއަކީ އަހަރެންގެ ލަކީ ޗާމްއޭ."
މި އިއްތިފާގު މިހެން އައިމަ އަހަރެން ބުނާނީ އަޒޭއަކީ އަހަރެންގެ ލަކީ ޗާމްއޭ: މަލް
މަލް ބުނީ އޭނާ އުޅޭ ފިލްމެއްގައި ބަތަލާ ރިޝްމީ ރަމީޒުގެ ކުރީގެ ފިރިމީހާ އަޒޭ އުޅޭ ނަމަ، ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"އަސްލުވާ ގޮތަކީ އަހަރެމެން ދެ މީހުންނަކީ ވަރަށް ކްލޯޒް ދެ ފްރެންޑުން. އެކުގައި ވަރަށް ގިނައިން ފެންނަން ވެސް ފެންނާނެ. އެކުގައި މަޖާކޮށް ސަކަރާތް ޖަހާ އެގޮތަށް އުޅޭނީ ވެސް. އެހެންވީމާ އަޒޭ ސެޓްގައި އުޅޭ ކަމަށް ވަންޏާ އަބަދު ވެސް ވަރަށް ބޮޑަށް ކޮމްފަޓަބްލް،" އޭނާ ބުންޏެވެ. "ދެން އަނެއްކާ ސީންއަކަށް އެޕްރޯޗް ކުރާ އިރު ޑައިރެކްޓަރު ބުނެދޭ ވަރަށް ވުރެ އަދި މާ އިތުރަށް އަޒޭ ބުނެ ވެސް ދޭނެ. އެހެންވެ ދެން ވަރަށް ފަސޭހަ."
މަލް ބުނީ ފުލުފުލުގައި ތިން ފިލްމެއްގައި އަޒޭ އާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.
"އަޒޭ އެބަ އޮތް މިހާރު މަލް ކައިރީ ވީޑިއޯ ލަވައެއްގެ ވާހަކަ ވެސް ދައްކާފައި. މަލް ވީޑިއޯ ލަވައަކުން ފެންނަ ކަމަށް ވަންޏާ ދެން އެންމެ އަވަހަށް ފެންނާނީ ވެސް އަޒޭ އާ އެކު،" އޭނާ ބުންޏެވެ.
ހޮބީއެއްގެ ގޮތުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މި ބަތަލާ އަށް މިހާރު ވެސް އިތުރު ފިލްމަކުން އޮތީ ފުރުސަތު ލިބިފަ އެވެ. އެކަމަކު އެއަކަށް އަދި އޭނާ ފެހި ސިގްނަލެއް ނުދެ އެވެ.
"ދެން އޭގެ ވާހަކަ ދައްކަން ވެސް އަދި ތަންކޮޅެއް އަވަސް ކަންނޭނގޭ،" މަލް ބުންޏެވެ.
ކުރިއަރަމުން އަންނަ ބަތަލާ ބުނީ އޭނާ އަބަދު ވެސް ފިލްމީ ދާއިރާ އިން ފެންނާނެ ކަމަށެވެ. އެކަމަކު އެއީ ދެން ކުރިއަށް އޮތް ތަނުގައި ވަގުތު ލިބޭ ވަރަކުންނެވެ.
މަލްގެ "ޑްރީމް ޖޮބަކީ" ކެބިން ކްރޫއަކަށްވުމެވެ. ގަތަރު އެއާވޭސް ކަހަލަ ބޮޑު އެއާލައިނެއްގައި މަސައްކަތް ކުރުމެވެ.
"އަންނަ މަހު ޑްރީމް ޖޮބަށް އެޕްލައި ކުރާނަން. ހޮބީއެއްގެ ގޮތުގައި ފިލްމީ ދާއިރާގައި އުޅޭނަން ވަގުތު ލިބޭ ވަރަކުން،" އޭނާ ބުންޏެވެ.
މަލް ބުނީ އޭނާ ހުރީ ޑްރާމާތައް ވެސް ކުޅޭ ގޮތަށް ކަމަށެވެ.
"ސްކްރިޕްޓަށް ބަލާފައި، ކުޅެން ލިބޭ ރޯލާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ވަންޏާ [ޑްރާމާ] ނުކުޅޭނަމެކޭ ނުބުނާނަން،" އޭނާ ބުންޏެވެ.