ރާޅުގަނޑު ބޮޑުބެރު ގްރޫޕް: މިއީ ކުރީގެ ވަރުނުލާ ބޮޑުބެރު ގްރޫޕް.
01 ޖުލައި 2016 - 15:51
އާންމުންގެ މެދުގައި މަގުބޫލު ބޮޑުބެރު ގްރޫޕް "ވަރުނުލާ ބޮޑުބެރު ގްރޫޕް" ހަ އަހަރުން ފަހުން، "ރާޅުގަނޑު ބޮޑުބެރު ގްރޫޕަށް" ރިބްރޭންޑްކޮށް ބޭންޑްގެ މަސައްކަތްތައް ވަރުގަދަކޮށްފި އެވެ.
ވަރުނުލާ ބޮޑުބެރު ގްރޫޕް ވުޖޫޖަށް އައީ ސެޕްޓެމްބަރު 1. 2010 ގަ އެވެ. މި ބޭންޑަކީ މާލޭގެ ވަރުނުލާ ރާގުގަނޑު ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ގުޅިގެން އުފެއްދި ބޭންޑެކެވެ.
ގްރޫޕްގެ ފައުންޑަ މެމްބަރު ހައްމާދު ރަޝީދު (ހަމްޕް) ބުނީ ބޭންޑް އާ ނަމަކަށް ރިބްރޭންކޮށްލީ "މާލޭގެ ވަރުނުލާ ރާޅުގަނޑު" ސަރަހައްދު އެހެން މަޝްރޫއަކަށް މިހާރު ތަރައްގީ ކުރާތީ އެ ސަރަހައްދުގައި ބޭންޑްގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމުން ކަމަށެވެ.
ބޭންޑް ރިބްރެންޑް ކުރަން ރޭ ވަނީ ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ.
ހަމްޕް ބުނީ ވަރަށް އަވަހަށް ބޭންޑުން އަލްބަމެއް ވެސް ނެރެން ނިންމާފައިވާ ކަމަށެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ މެމްބަރުންތަކެއް: މިއީ ކުރީގެ ވަރުނުލާ ބޮޑުބެރު ގްރޫޕް.
"އޭގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މި އަހަރުގެ ތެރޭގައި އަލްބަމް ނެރެން މަސައްކަތް ކުރަމުން މި އަންނަނީ،" 20 މެމްބަރުން ހިމެނޭ ރާޅުގަނޑާ ބެހޭ ގޮތުން ހަމްޕް ބުންޏެވެ. "ޓާގެޓަކީ 15 ވަރަކަށް ލަވައާ އެކު އަލްބަމް ނެރުން."
ވަރުނުލާ ބޮޑުބެރު ގްރޫޕުން ވަނީ ބޮޑުބެރުގައި މިހާތަނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން ޓީވީއެމުން މިދިޔަ އަހަރު ގެނެސް ދިން ބޮޑުބެރު ޗެލެންޖްގައި އެ ބޭންޑް ވަނީ ތިން ވަނަ ހޯދައިފަ އެވެ.
މީގެ އިތުރުން އެ އަހަރު ހަމްޕް އަށް ވަނީ އެ މުބާރާތުގެ އެންމެ ހުނަރުވެރިޔާގެ މަގާމު ވެސް ލިބިފަ އެވެ. އަދި "މޯލްޑިވިއަން އައިޑޮލް" އިން ތިން ވަނަ އަށް ދިޔަ މުހައްމަދު އިޝާނަކީ ވެސް ވަރުނުލާ އަށް ނިސްބަތްވާ މެމްބަރެކެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕް: މިއީ ކުރީގެ ވަރުނުލާ ބޮޑުބެރު ގްރޫޕް.
ހަމްޕް ބުނީ ބޭންޑަށް ހަ އަހަރު ފުރޭ އިރު، މިހާރު ވެސް ގަވައިދުން ތިން ރިސޯޓެއްގައި ކުޅެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މާލެ އާއި އަތޮޅު ތެރޭގައި ބޭންޑުން ފޯރި ގަދަ ޝޯތައް ވެސް އަންނަނީ ދެމުންނެވެ.
"ކުރިއަށް މިއޮތް ވަޅު އީދު ދުވަހު ވެސް ރާޅުގަނޑުގެ ހަރަކާތްތަކެއް މާލޭގެ މަގުތަކުގައި ބާއްވަން ރާވާފައި ވަނީ،" ހަމްޕް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާދިރު
02 July 2016
މިހާރު މާލޭގެ އެންމެ ތަފާތު ހުނަރުވެރި ގްރޫޕް.. ކުރިއަށް ދޭ ތިގޮތުގަ .. އާ ރަނގަޅު