ފިލްމީ މަސައްކަތްތަކަށް އާ މީހުންނާއި އާ ވިސްނުންތަކެއް ބޭނުންވާކަން އެއީ އެންމެން ވެސް މިހާރު ގަބޫލު ކުރާ ހަގީގަތަކެވެ. ކިޔަވައިގެން ތިބި ޒުވާނުން ފިލްމީ ދާއިރާ އަށް ނިކުމެ ކުރާ މަަސައްކަތްތަތަކުން އަންނަނީ އުންމީދީ މަންޒަރުތަކެއް ވެސް ދައްކައި ދެމުންނެވެ. އާ ސްޓޫޑިއޯތައް އުފެދި ތަފާތު ވައްތަރުގެ ފިލްމްތައް ހަދަން މަސައްކަތް ކުރުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ކުރިމަގު އޮތްކަން ވެސް ދައްކުވައިދޭ ކަމެކެވެ.
މި ފަހަރު މިއޮތީ އަނެއްކާ ވެސް މުޅިން އާ ބައެއްގެ ފިލްމެއްގެ ވާހަކަ އެވެ. އަނެއްކާ މާލެއަކުން ވެސް ނޫނެވެ. ޅ. ނައިފަރުންނެވެ.
މުޅިން ވެސް އެރަށް ނިސްބަތްވާ ޒުވާނުންތަކެއް ގުޅިގެން ގެނެސްދޭ ފިލްމަކީ "މަރިޔަމް މާ" އެވެ. މި ފިލްމަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި މަޝްހޫރު ނަމެއް ކަމަށްވާ ޝާޒް ސައީދުގެ ސްޓޫޑިއޯ ސުޕަ މިއުޒިކް ފެކްޓްރީ އާއި ނައިފަރުގެ ހޯމް ގެލެރީ އާޓްސް ފިލްމް ގުޅިގެން ހަދާ ލޯބީގެ ބިރުވެރި ފިލްމެކެވެ.
"މަތިޔަމް މާ" އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ޝާޒް ލިޔެފައިވާ ވާހަކައަކަށް، އަލީ ސައީދު ސްކްރީންޕްލޭ ލިޔެ، ޝާޒް ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ. މީގައި ކިޔައި ދޭނީ އިސްތިރި ވަރިތޮޅި ހަދައިގެން އަންހެން ކުއްޖެއްގެ ލޯބި ހާސިލު ކުރަން ކުރާ ކަންތައްތަކެއްގެ ތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެވެ.
"ލޯބީގެ ބިރުވެރި ފިލްމެކޭ ބުންޏަސް އާންމުކޮށް ދިވެހި ސިނަމާއިން މި ފެންނަ ލޯބީގެ ބިރުވެރި ފިލްމްތަކާ މި ފިލްމް ވަރަށް ތަފާތު ވާނެ. ޕްޒެޒެންޓޭޝަން ވަރަށް ތަފާތުކޮށް ފެންނާނީ،" ޝާޒް ބުންޏެވެ. "ފިލްމްގެ ޝޫޓިން ފެށުމުގެ ކުރިން ކާސްޓުންނަށް އެކްޓިން ވޯކްޝޮޕްތަކެއް ހިންގާނެ."
އޭނާ ބުނީ ކާސްޓުންނަށް މުޅިން އާ އަދި ޓެކްނިކަލީ ވެސް ނައިފަރަށް އުފަން ޒުވާނުންގެ މަސައްކަތް ދައްކުޗޭ "މަރިޔަމް މާ" ގެ ޝޫޓިން އަންނަ މަހުގެ 15 ގައި ފަށާނެ ކަމަށެވެ. ފިލްމްގެ ޝޫޓިން އަށް ނަގާނީ ތިން މަސް ދުވަހެވެ.
"މުޅި ފިލްމް ވެސް ޝޫޓް ކުރާނީ ނައިފަރުގައި. އަދި ފިލްމުގެ ކާސްޓުން ފެށިގެން ގޮސް މުޅި ކްރޫގައި ވެސް މަސައްކަތް ކުރާނީ ހަމަ ނައިފަރަށް އުފަން، ނައިފަރުގެ ޒުވާނުން،" ހަ ލައްކަ ރުފިޔާގެ ބަޖެޓަކުން ހަދާ ފިލްމާ ބެހޭ ގޮތުން ޝާޒް ބުންޏެވެ. "ނައިފަރުގައި މީގެ ބައެއް މަސައްކަތްތައް ކުރިއަށްދާ އިރު، ފިލްމްގެ ބައެއް ޓެކްނިލް މަސައްކަތްތައް ކުރިއަށް ދާނެ މެލޭޝިއާ އާއި ލަންކާގައި. އެ ދެ ގައުމުގައި ކިޔަވަން ތިބި ޒުވާނުންތަކެއް ފިލްމުގެ ޓެކްނިކަލް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާނެ."
ޝާޒް ބުނީ ހަތަރު ލަވަ ހިމެނޭ "މަރިޔަމް މާ" ގައި ހިމެނެނީ އޭނާގެ މިއުޒިކަށް ހަދާ އަމިއްލަ ރާގުތައް ކަމަށެވެ. ލަވަތައް ކިޔައިދޭ ފަންނާނުންގެ ތެރޭގައި ނައިފަރަށް އުފަން މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ހިމެނެ އެވެ.
މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ. އަދި ފިލްމް ރަސްމީކޮށް ޕްރިމިއާ ކުރާނީ ނައިފަރުގަ އެވެ.
"މުޅި ޕްރޮޑަކްޓަކީ ނައިފަރުގެ ހިއްސާއަކަށްވާތީ ފިލްމް އޮފިޝަލީ މި ރަށުގައި ޕްރިމިއާ ވެސް ވަރަށް ކުލަގަދަކޮށް ބާއްވާނަން،" އަންނަ އަހަރަކީ "ވިޒިޓް ނައިފަރު އިޔާ" ކަން ފާހަގަކޮށް ޝާޒް ބުންޏެވެ. "އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އޮލިމްޕަހުގައި ވެސް ފިލްމް އަޅުވާނަން."
"މަރިޔަމް މާ" ގެ ޕްރި-ޕްރޮޑަކްޝަން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ އިރު، ފިލްމްގެ ފުރަތަމަ ޓީޒާ އާއި ތީމް ލަވަ މި މަހުހެ ތެރޭގައި އާންމުންނަށް ދޫކޮށްލާނެ ކަމަށް ޝާޒް ބުންޏެވެ.