ފިލްމް "ހުޅުދާން" ގެ މަންޒަރެއްގައި ރޯނު ހަސަން މަނިކު: ޝްވެކްގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ފިލްމް ދައްކަން ފަށާނެ.
03 ޖުލައި 2016 - 09:04
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ހުޅުދާން" ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރު 9911229 އަދި 3338998 އަށް ގުޅުމުން ޓިކެޓް ބުކް ކުރެވޭނެ އެވެ. އަދި ޝްވެކް ސިނަމާގެ ތިރީ ކައުންޓަރުން ޓިކެޓް ވިއްކަމުން ގެންދާނެ ކަމަށް އެތަނުން ބުންޏެވެ.
"ހުޅުދާން" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. އެކަމަކު އޮލިމްޕަހުގައި ދެއްކީ ފިލްމުގެ ސްޕެޝަލް ސްކްރީނިންއެއް އެކަންޏެވެ. އަދި މިދިޔަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގައި "ހުޅުދާން" ވާދަ ކުރި އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމް އަލުން ސިނަމާ އަށް ގެންނަން ނިންމީ ފިލްމް ބަލާލަން ވަރަށް ގިނަ ބަޔަކު ބޭނުންވާތީ ކަމަށެވެ. އެހެންވެ ޝްވެކްގައި ފިލްމް އެޅުވުމަށް ފަހު، ތަރުހީބަށް ބަލައިފައި ޝޯތައް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
"ހުޅުދާން" ލިޔެ، ޑައިރެކްޓް ކުރީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
ފިލްމުގައި ކިޔައި ދެނީ އުމުރުން ދުވަސްވީ މީހަކު ވަޒީފާއިން މުސްކުޅި ކުރުމާ ގުޅިގެން އޭނާގެ ހަޔާތަށް ކުރިމަތިވާ ހާދިސާތަކެކެވެ. އިޖުތިމާއީ ގިނަ މައްސަތަކެއް ދައްކުވައިދޭ "ހުޅުދާން" އަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. ފިލްމުގެ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ތަޖުރިބާކާރު އެކްޓަރު ހަސަން މަނިކު (ރޯނު) އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ވިދަމުން އަންނަ ޒުވާން ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާއި ރަވީ ފާރޫގާއި މަރިޔަމް ޝަކީލާ އާއި އަހުމަދު ސައީދާއި މުހައްމަދު ފައިސަލާއި އަލީ ޝަޒްލީމާއި އާދަމް ރިޒްވީ (ރެކްސް) އާއި ފާތުމަތު ސަމާ އާއި އަލީ ނާޝިތު އަދި މޮގާގެ އަންހެން ދަރިފުޅު ކައިލީން މުހައްމަދު އަލީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy