މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

އައިޝަތު ފުއާދު: ފިލްމީ ދާއިރާ ދެކެ ވަަރަށް ލޯބިވޭ

އައިޝަތު ފުވާދު ތައުފީގް: ފިލްމީ ދާއިރާ އަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ހުރޭ.

އައިޝަތު ފުއާދު ތައުފީގޭ ބުނެފި ނަމަ، ގިނަ ބަޔަކަށް ފަހަރުގައި ނޭނގި ދާނެ އެވެ. އެކަމަކު 2014 ގައި ރިލީޒްކުރި ފިލްމް "ހުޅުދާން" ގެ ނަމާ އެކު އެ ނަން އަންނަ ނަމަ، އެއީ ކާކުކަން މިހާރު އެނގޭނެ އެވެ. އޭނާއަކީ އެ ފިލްމުގެ ޑައިރެކްޓަރެވެ.

"ހުޅުދާން" މިހާރު މި އޮތީ ވައިޑް ސްކްރީން ފޯމެޓްގައި ޝްވެކް ސިނަމާ އަށް އައުމުގެ މަގުމަތީގަ އެވެ. މިއީ އައިޝަތު ލިޔެ، ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ.

އޭނާއަކީ ރާއްޖޭގެ އެހާމެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ހާއްސަކޮށް މުނިފޫހިފިލުވުމުގެ ދާއިރާގަ އެވެ. ހެންވޭރު ހާޖަރާގެ ތައުފީގުގެ އާއިލާ އަށް ނިސްބަތްވާ އައިޝަތަކީ ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މުއުމިން ފުއާދުގެ ކޮއްކޮ އެވެ.

ބޭބެ މުއުމިނަކީ "ލޫދިފާ" އާއި "ހެޕީ ބާތު ޑޭ" ފަދަ މޮޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރެވެ. މުއުމިންގެ ފިޔަވަޅު މަތިން އައިޝަތު ހިނގުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އަނެއްކޮޅުން އޭނާގެ ފިރިމީހާ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަކީ ރާއްޖޭގައި މި ވަގުތު އެންމެ ހަރަކާތްތެރި އެންމެ ކާމިޔާބު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ވެރިޔާ އެވެ. އެހެންވެ ހުރިހާ ދިމާލަކުން ވެސް އައިޝަތުގެ ވަށައިގެން ވަނީ މުނިފޫހިފިލުވުމުގެ ކަންތަކެވެ. މިއީ އޭނާ އެހާމެ ލޯބިވާ، ޝައުގުވެރިވާ ދާރިއާއެކެވެ.

"ތެދަށް ބުނަންޏާ ވަރަށް ކުޑައިރުއްސުރެ ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ދާއިރާއެއް ފިލްމީ ދާއިރާއަކީއަކީ،" ކުރިން ޓީޗަރަކަށް އުޅުނު އައިޝަތު ބުންޏެވެ.

"އެހެންވެ އަބަދުވެސް ހިތުގައި އޮވޭ ފިލްމީ ދާއިރާގެ ކޮންމެވެސް ކަމެއްގައި އުޅޭނަމޭ. އަބަދުވެސް ލިޔުންތެރި ކަމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ."

"ހުޅުދާން" އިން އައިޝަތު ޑައިރެކްޝަނަށް ނިކުތީ، ހަމަ ހުރެފައެއް ނޫނެވެ. އޭނާ ވަނީ ފިލްމެއްގެ "ހިތް" ގޮތުގައި ބަލާ ސްްކްރީންޕްލޭ ހަދަން ދަސްކުރަން ސްކްރިޕްޓް ރައިޓިން ޑިޕްލޮމާއެއް ހަދައިފަ އެވެ.

"ހުޅުދާން" ގެ މަންޒަރެއްގައި ރޯނު ހަސަން މަނިކާއި މަޖޫ.

"ހުޅުދާން" ވުޖޫދަށް އައީ އެ ތަޖުރިބާގެ އަލީގައި ލިޔުނު ސްކްރިޕްޓާ އެކުގަ އެވެ. އެއީ ގާތްގަނޑަކަށް ދޮޅު އަހަރުގެ މަސައްކަތެވެ.

"ވަރަށް ބޮޑަށް ރިސާޗްކޮށްގެން، ވަރަށް ބޮޑަށް ފިލްމަށް ތައްޔާރުވެގެން ފިލްމު ހަދާފައި އޮތީ،" އުމުރުން ދުވަސްވީ ފިރިހެނެއްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމާ ބެހޭ ގޮތުން އައިޝަތު ބުންޏެވެ. "ވަރަށް ހިތްހަމަޖެހޭ ފިލްމާ ދޭތެރޭ."

އޭނާ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ރާއްޖޭން އެންމެ މޮޅު ކަމަށް ފާހަގަކުރެވޭ ޑައިރެކްޓަރު އަދި ބޭބެ މޫމިން "ހުޅުދާން" ބަލައިފައި ދިން ކޮމެންޓްތަކުން ކަމަށެވެ.

"ބޭބެއަކީ މޮޅު ޑައިރެކްޓަރަކަށް ވި ނަމަވެސް އަޅުގަނޑު ބޭނުންވީ ފުރަތަމަ ޑައިރެކްޝަންގައި ވަރަށް އިންޑިޕެންޑެންޓްކޮށް މަސައްކަތްކޮށް، އަހަރެންގެ ހުރި ޕޮޓެންޝަލް އަމިއްލަ އަށް ނެރެގެން އެކަން ސާބިތުކޮށް ދޭން،" މިދިޔަ އަހަރު ސާކް ފިލްމް ފެސްޓިވަލްގައި ވާދަކުރި ފިލްމާ ބެހޭ ގޮތުން އައިޝަތު ބުންޏެވެ.

"އަޅުގަނޑުމެން ދެ މީހުން ފިލްމީ ކަންކަމާ ގުޅޭ ގޮތުން ވަރަށް ޑިސްކަން ކުރަން. ހާއްސަކޮށް ބަލާ ފިލްމުތަކާ ބެހޭ ގޮތުން. އެކަމަކު އަމިއްލަ ވޯކް ދެ މީހުން ޝެއާކޮށެއް ނަހަން. އެއީ ކަންނޭނގޭ ރަނގަޅު ގޮތަކީ ވެސް."

ސާކް ފިލްމް ފެސްޓިވަލްގައި "ހުޅުދާން" ޕްރިމިއާ ކުރި ޝޯގައި އައިޝަތު ޓީމްގެ ބައެއް މެމްބަރުންނާ އެކު.

އައިޝަތު ބުނީ އޭނާ ހުރީ ޑައިރެކްޓަރެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކޮށް، ރަނގަޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ތައްޔާރަށް ކަމަށެވެ.

"ހުޅުދާން" އާ އެކު އޭނާ އަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ރާއްޖޭން އެންމެ ކަމުދާ އެކްޓަރު ރޯނު ހަސަން މަނިކާ އެކު، ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަން މަގުފަހިވުމެވެ.

"އަޅުގަނޑު ބުނާނީ ހުޅުދާންއަކީ ވަރަށް އެންރިޗިން އެކްސްޕީރިއަންސެކޭ. ވަރަށް ގިނަ އެއްޗެހި ދަސްވި އޭގެ ތެރެއިން،" އައިޝަތު ބުންޏެވެ.

ހިންދީ ފިލްމުތަކާއި އިނގިރޭސި ސިލްސިލާތަކަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދޭ ޑައިރެކްޓަރު ބުނީ ރާއްޖޭން އެންމެ ކަމުދާ ބަތަލާއަކީ ނިއުމާ މުހައްމަދު ކަމަށެވެ.

"އެކަމަކު އަދި އެއްގޮތަކަށް ވެސް ބުނާކަށް ނޭނގޭ ދެން ފިލްމެއްގެ ޑައިރެކްޝަން ހަދާނެ ދުވަހެއް،" މި ވަގުތު ދެވަނަ ދަރިފުޅަށް ބަލިވެ އިން ޑައިރެކްޓަރު ބުންޏެވެ. "އެކަމަކު މިހާރު ވެސް އަހަރެން ލިޔެފައި އޮތް ދެ ސްކްރިޕްޓެއް އެބަ އޮތް."

އައިޝަތު ބުނީ ފިރިމީހާ މޮގާއަކީ އޭނާ ކުރިއަށް ދާން އޮތް އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ފިރިމީހާ މޮގާ އާއި ދަރިފުޅު ކައިލީން އާއި ބަތަލާ މަޖޫއާ އެކު އައިޝަތު (ކ).

"މުހައްމަދު [މޮގާ] އަބަދުވެސް ވަރަށް ހެލްޕްފުލް ވާނެ. އަސްލު ހުޅުދާން ޑައިރެކްޓް ކުރީ އޭގެ ސްކްރިޕްޓް މޮގާ އަށް ވަރަށް ކަމުގޮސްގެން ސީދާ އަހަރެން އޭތި ޑައިރެކްޓް ކުރަން އެދިގެން،" އޭނާ ބުންޏެވެ. "ކޮންމެ ވަގުތެއްގައި ވެސް އެންމެ ކައިރީގައި ކަންކަން ޝެއާ ކުރަން މުހައްމަދު ހުންނާނެ."

އައިޝަތު ބުނީ ފިލްމީ ދާއިރާއަކީ އަންހެނުން ވެސް ކުރިއަށް ދާން ރަނގަޅު ދާއިރާއެއް ކަމަށެވެ. އެހެންވެ ދާއިރާގެ ކުރިމަގު އޭނާ ދެކެނީ ވަރަށް އުުޖާލާކޮށެވެ. "ހުޅުދާން" އާ އެކު އޭނާގެ ނަން ވެސް މިހާރު އޮތީ އަންހެން ޑައިރެކްޓަރުން މަދު ރާއްޖޭގެ އަންހެން ޑައިރެކްޓަރުންގެ ލިސްޓުން މިހާރު ޖާގަ ހޯދައިފަ އެވެ.

"ވަކި އަންހެނަކަށް ވެގެން ކުރިއަށް ނުދެވޭނެ ދާއިރާއެއް ނެތް ކަންނޭނގޭ. ދިވެހިންގެ ތެރޭގައި ވަރަށް ޓެލެންޓެޑް މީހުން އެބަތިބި. ބޭނުން ވަނީ ހިތްވަރާ އެކު ކުރިއަށް ދިއުން،" އައިޝަތު ބުންޏެވެ.

"ހުޅުދާން" ގެ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އާ އެކު އައިޝަތު (ކ)

އޭނާގެ ހުނަރު ބެލުންތެރިންނަށް އެންމެ ރަނގަޅަށް މިހާރު ވަޒަންކޮށްލެވޭނީ "ހުޅުދާން" ބަލާލައިގެންނެވެ. އެހެންވެ ޝްވެކް ސިނަމާ އަށް މިސްރާބު އަނބުރައިލާށެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އަޅުވާ ފިލްމުގެ ޓިކެޓް މިހާރު އަންނަނީ ވިއްކަމުންނެވެ.

"މި ފިލްމަކީ ކަންކަމާ ދޭތެރޭ އެއް ފަޅިން ވިސްނާ ވިސްނުމަށް ބަދަލުތަކެއް ގެނުވައިދޭނެ ފިލްމެއްގެ ގޮތުގައި ސިފަކުރާނީ. ޗެލެންޖެއްގެ ގޮތުގައި އަޅުގަނޑު ދައްކާފައި ހުންނާނީ ވެސް ކޮންމެ ކަމެއްގައި ވެސް ދެކޮޅަށް ވިސްނައި، ޕޮޒިޓިވްކޮށް ކަންކަމާ ދޭތެރޭ ވިސްނުން މުހިއްމުކަން،" އެންމެ ކަމުދާ ދިވެހި ފިލްމުތަކަކީ "ހެޕީ ބާތު ޑޭ" އާއި "ވާށޭ މަށާއެކީ" ކަން ފާހަގަކުރަމުން އުންމީދީ ޑައިރެކްޓަރު ބުންޏެވެ.

0 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 4%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454