"ބިގް ބޮސް 11" އުންމީދު ކުރި ވަރެއް ނޫން
29 އޮކްޓޯބަރ 2017 - 06:31
ޓީވީ ޝޯއެއް ކާމިޔާބުވާނެ ހުރިހާ ސިފަތަކެއް ހިމެނަސް "ބިގް ބޮސް 11" އަށް ކުރިން ހީކުރި ވަރުގެ ކާމިޔާބީއެއް ނުލިބޭ ކަމަށް ޝޯގެ ޓީއާރުޕީން ދައްކަ އެވެ.
ޝޯ ފެށުނުއިރު ވެސް ގަދަ 10 ޝޯގެ ތެރޭގައި ވެސް މި ޝޯ ލައްވާލީ ހަމަ ކިރިޔާ އެވެ. ނަމަވެސް ޝޯ ފެށިތާ ދެތިން ހަފުތާ ވީއިރު ގަދަ 20 ގެ ތެރޭގައި ވެސް ނުހިމެނެ އެވެ.
ސަލްމާން ޚާން ހޯސްޓްކުރާ މި ޝޯ ފެށި ހަފުތާގައި، ހަފުތާ ބަންދުގެ ދެ ޝޯގެ ޓީއާރުޕީ ހުރީ އެޕިސޯޑަކަށް 2.9 ގައެވެ. ހަފުތާގެ ދުވަސްތަކުގައި ޓީއާރުޕީ އެވްރެޖްކޮށް ހުރީ 1.6 ގައެވެ. މިއީ "ބިގް ބޮސް" ކަހަލަ އަގުބޮޑު ޝޯއަކާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ. ސަބަބަކީ ޝޯ އަށް ފައިސާ ލިބޭނީ އިޝްތިހާރުން ކަމަށް ވެފައި އިޝްތިހާރު ލިބެނީ ޓީއާރުޕީ އަށް ބަލާފައި ކަމަށް ވާތީ އެވެ.
ޝޯގެ ދެ ބައިވެރިން ކަމަށްވާ ޓީވީ ބަތަލާ ހީނާ ޚާން އާއި އަރްޝީ ޚާން ޝޯ ފެށުނީއްސުރެ އަރާރުންވުމާއި ޒުވާބުކުރުން އަދި ތަޅާފޮޅުމުގައި އުޅޭތީ މިއީ ވެސް ބެލުންތެރިންނަށް މާ ޝައުގުވެރިވާ ކަމަކަށް މިހާރަކު ނުވެ އެވެ. ޝޯގެ ބެލުންތެރިންނަށް އެންމެ މަގްބޫލު އެކަކު ކަމަށްވާ ޕްރިޔަންކް ޝަރުމާ ޝޯއިން ބޭރުކޮށްލުމުން ވެސް ގިނަ ބަޔަކު ނުރުހި ޝޯ ބެލުން ހުއްޓާލި އެވެ.
އެހެންވެ "ބިގް ބޮސް" އުފައްދާ ފަރާތަށް މަޖްބޫރުވެގެން ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައި ޕްރިޔަންކް ވަނީ އަލުން ބިގް ބޮސްގެ ގެއަށް ގެނެސްފަ އެވެ. އަދި ޔޫޓިއުބުގައި ހުތުރުކޮށް ލަވަކިޔައިގެން މަޝްހޫރުކަން ހޯދި ދިންޗަކް ޕޫޖާ ވެސް މިހާރު ވައިލްޑް ކާޑުގެ ޒަރިއްޔާއިން ބިގް ބޮސްގައި ވަނީ ބައިވެރިކޮށްފަ އެވެ. ނަަމަވެސް މި މީހުންނަކަށް ވެސް ބެލުންތެރިންގެ ސަމާލުކަން ހޯދޭ ގޮތެއް ނުވެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝީޝާ
29 October 2017
ތަން ތާގަ ތިބި ވިޔާނުދާ މީހުން ވެއްދީމަ ވާނީ އެހެން ތިއޮއް އަރުޝީއެއްވެސް ތިޔަ ޕޫޖާ އެއްވެސް ޕަބްލިކް ވޯޓެއް ނެގިއިރު އޭނާގެ ނަން އިވުމުން ވެސް ގިނަ މީހުން މޫނަށް ފޫހިވައްތަރު ޖެއްސީ
ފޫހި
29 October 2017
ތިވެސް ޢޮންނަނީ ޑްރާމާއެއްހެން ކުޅެފަ. ހުސް އެކްޓިންގް