"ދެވަންސޫރަ" އިން ފިލްމީ ދާއިރާ އަށް އާ ބަތަލާއަކު ތައާރަފު ކުރަނީ

ޔޫއްޕެ ބުނަނީ ޝިފާއަކީ ކުރީގެ ބަތަލާ މަރިޔަމް ނިޝާ ކަހަލަ ތަރިއަކަށް ވެދާނެ ކަމަށް.

ފިލްމީ ދާއިރާ އަށް އަނެއްކާވެސް އާ ބަތަލާއަކު ތައާރަފު ވަނީ އެވެ. މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، މިހާރު ޑައިރެކްޓް ކުރަމުން އަންނަ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އިގެ ލީޑް ރޯލުން ފެނިގެން ދާނީ މުޅިން އަލަށް ތައާރަފުވާ ޝިފާ އެވެ.


ފިލްމްގެ ޝޫޓިން ގާތްގަނޑަކަށް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ އިރު، ޔޫއްޕެ ހުރީ ޝިފާގެ މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ އާ ބަތަލާއަކު ހޯދަން މަސައްކަތް ކުރަނިކޮށް، ޝިފާ ކަހަލަ ކުއްޖެއް އަތުޖެހުމަކީ ފިލްމަށް ހަމަ އެންމެ ރަނގަޅު ހޮވުން ކަމަށެވެ.

ޔޫއްޕެ ވަނީ ޝިފާ އަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ. އޭނާ ބުނީ ޝިފާއަކީ ކުރީގެ ބަތަލާ މަރިޔަމް ނިޝާ އަށް ދޫނުކުރާ ވަރުގެ ބަތަލާއެއް ވެދާނެ ކަމަށެވެ.

ފިލްމް "ދެވަންސޫރަ" އިގެ މަންޒަރެއްގައި ޔޫއްޕެ.

"އޭނަ ވަރަށް މޮޅު. މި ދާއިރާ އިން ސީރިއަސްކޮށް ކުރިއަށް ދާން ވިސްނައިފި ނަމަ ޝިފާއަކީ މަރިޔަމް ނިޝާ ވަރުގެ ބަތަލާއަކަށް ވާނެ. އަދި މި ދާއިރާ އިން ވަރަށް އުޖާލާ މުސްތަގުބަލެއް ވެސް އޮތް ބަތަލާއަކަށް ވާނެ،" ނިޝާއާ އެކު ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަހަރެމެންގެ މި ފިލްމަށް ޝިފާއަކީ އެންމެ ބަރާބަރު ހޮވުން. ޝިފާއާ ބެހޭ ގޮތުން އަހަރެން މި ބުނާ އެއްޗެއް ފިލްމް ބަލާލީމަ ބެލުންތެރިންނަށް ވެސް އެނގޭނެ."

ޔޫއްޕެ ބުނީ "ދެވަންސޫރަ" ގައި ދައްކުވައި ދޭނީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ކަމަަށެވެ. އަދި ފިލްމުގެ މުޅި ވާހަކަ ބިނާވެފައި ވަނީ އޭގެ ލީޑް ބަތަލާއަށެވެ. އެ ރޯލް ކުޅެނީ ޝިފާ އެވެ.

ފިލްމަށް ހާއްސަ ސެޓް ވެސް ހަދައިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ޝޫޓް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، ފާތުމަތު އާޒިފާ (އަޒޫ)، މުހައްމަދު ފައިސަލް، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު ސައީދު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ އިސްމާއީލް (ޖާދު) ފަދަ ތަރިން ހިމެނެ އެވެ.

"މީގެ ކާސްޓް އަނެއްކާ ވެސް ވަރަށް ބޮޑު ވާނެ. ފިލްމްގެ މައިގަނޑު ކާސްޓުން މި ފަހަރު ހޮވާފައި ވަނީ މީގެ ރޯލްތަކަށް ކުޅެވޭ ވަރުގެ އެކްޓަރުންނަށް އިސްކަން ދީގެން. އެހެންވެ އެހާ އާ ބަޔަކު ފިލްމަކުން ނުފެންނާނެ،" ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ ފިލްމަކީ ދިވެހި މުޖުތަމައު ތެރޭގައި މިހާރު ހުރި ވަރަށް ގިނަ މައްސަލަތަކެއް ދައްކުވައި ދޭނެ، ބެލުންތެރިން ވަރަށް ގަޔާވާނެ ފިލްމެއް ކަމަށެވެ.

ފިލްމް "ދެވަންސޫރަ" އިގެ މަންޒަރެއްގައި ދޮންއައްޔަ

"ސަސްޕެންސް ތުރިލާއަކީ އަސްލު އަހަރެންގެ ސްޓައިލް. ދުވަސްތަކަކަށް ފަހު މި ވައްތަރުގެ ފިލްމެއް ހަދަން ފުރުސަތު ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި މިހުރީ." ކޮމެޑީ ފިލްމް ނޯޓީ 40 އާއި ބައިވެރިޔާ ވެސް ގެނެސް ދިން ޔޫއްޕެ ބުންޏެވެ.

ދެވަންސޫރަ" އަކީ ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ހަދާ ފިލްމެކެވެ. އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމް ސިނަމާ އަށް ގެންނަން އަމާޒު ހިފާފައި އޮތަސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

އެހެން ނަމަވެސް ހޯމަ ދުވަހުގެ ރޭ ފިލްމް ރަސްމީކޮށް ލޯންޗްކޮށް، ފިލްމްގެ ރަސްމީ ޕޯސްޓަރު ވެސް ދައްކައިލާނެ އެވެ.

ފިލްމް "ދެވަންސޫރަ" އިގެ މަންޒަރެއްގައި އާނަންދު

"ދެވަންސޫރައަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް. މީގެ ސްކްރިޕްޓް މޮޅު ކުރަން ވަރަށް މަސައްކަތްކޮށްފައި ހުންނާނެ،" ހަމައެކަނި ތީމް ލަވައެއް ހިމެނޭ ފިލްމާ ބެހޭ ގޮތުން ޔޫއްޕެ ބުންޏެވެ. "ހަމަ އެގޮތަށް ފިލްމްގެ ސީންތައް އެންމެ ބޭނުންވާ ގޮތަށް ނެގުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ހުންނާނެ."