"ދެވަންސޫރަ" ގެ މަންޒަރެއްގައި އާނަންދު.
08 ނޮވެމްބަރ 2017 - 06:38
ޔޫސުފް ޝަފީއު (ޔޫއްޕެ) މިހާރު ޑައިރެކްޓް ކުރަމުން އަންނަ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އަންނަ މަހުގެ ތެރޭގައި ރިލީޒް ކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެ ފިލްމް އަންނަ އަހަރު އަޅުވާ ގޮތަށް ނިންމައިފި އެވެ.
ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރާ މި ފިލްމުގައި އޭނާ މުހިއްމު ރޯލެއް ވެސް ކުޅޭނެ އެވެ.
އަލަށް ތައާރަފު ކުރާ މަރިޔަމް ޝިފާ ބަތަލާގެ ރޯލުން ފެނިގެންދާ "ދެވަންސޫރަ" ގެ ކާސްޓުންގެ ތެރޭގައި މުހައްމަދު ފައިސަލް، ފާތުމަތު އާޒިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮންއައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ)، ޖާދުﷲ އިސްމާއީލް (ޖާދު)، އަހުމަދު ސައީދު، އަލީ ޝަޒްލީމް، އަހުމަދު އީސަ (އާނަންދު) އަދި މަރިޔަމް ޝަކީލާ ހިމެނެ އެވެ.
ޔޫއްޕެ ބުނީ ފިލްމްގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ.
"މި އަހަރު މި ފިލްމް އަޅުވަން އަހަރެމެން ވަރަށް ވިސްނިން. އެކަމަކު މިހާރު އަންނަ އަހަރު ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި މިއޮތީ،" މި އަހަރު "ނޯޓީ 40" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "އަންނަ ހަފުތާގެ ތެރޭގައި ފިލްމް ރިލީޒް ކުރާ ތާރީހު ރަސްމީކޮށް އިއުލާން ވެސް ކުރާނަން،"
"ދެވަންސޫރަ" ގެ ޓީޒާ ޓްރެއިލާއެއް.
"ދެވަންސޫރަ" އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމް ޝޫޓްކޮށްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.
ޔޫއްޕެ ބުނީ މި ފިލްމުގެ ކޮންސެޕްޓަކީ މިހާރުގެ ދިވެހި މުޖުތަމައާ ވަރަށް ގުޅުން ހުރި އެއްޗެއް ކަމަށާއި ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ކަމަށެވެ. "ދެވަންސޫރަ" ޕްރޮމޯޓް ކުރަނީ ޓްވިސްޓެޑް ލަވްސްޓޯރީއެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy