އަރްޖުން ބިޖިލާނީ އާއި މޯނީ ރޯއީ "ނާގިން"ގެ ފުރަތަމަ ސީޒަންގެ މަންޒަރެއްގައި
14 ނޮވެމްބަރ 2017 - 07:17
ކަލާޒް ޗެނަލްގެ "ނާގިން" ގެ ދެ ސީޒަން މިހާރު ނިމިފައިވާއިރު މި ސިލްސިލާގެ ދެ ސީޒަނަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މި ޝޯގެ ތިން ވަނަ ސީޒަނެއް އަންނަ އަހަރު ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް ކުރީ ދެ ސީޒަންގައި މި ޝޯގައި ލީޑް ރޯލުތައް ކުޅުނު އެއްވެސް އެކްޓަރަކު ތިން ވަނަ ސީޒަންގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާތަނަށް ދީފައެއް ނުވެ އެވެ.
އިންސާނުންގެ ސިފައަށް ބަދަލުވެވޭ ހަރުފަތަކެއްގެ ބަދަލުހިފުމުގެ ވާހަކައެއް ތަމްސީލުވާ "ނާގިން"ގައި ވަރަށް މަޝްހޫރު ކެރެކްޓާއެއް ކަމަށްވާ ޝީޝާގެ ކެރެކްޓާ ކުޅެފައިވާ އަދާ ޚާން ވެސް ބުނި ގޮތުގައި އޭނާ ވެސް ޝޯ ކުޅެދޭން އެއްބަހެއް ނުވެ އެވެ.
އެހެންކަމުން ޝޯ އުފައްދާ ފަރާތުން ތިން ވަނަ ސީޒަންގައި މުޅިން އާ ތަރިންތަކަކާ އެކު ޝޯ ކުރިއަށް ގެންދަން ގަސްތުކުރަނީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. ޝޯގެ ބަތަލު އަރްޖުން ބިޖިލާނީ ވަނީ މާ ކުރިންސުރެ ޝޯ އަށް އަލްވަދާއު ކިޔައިފަ އެވެ. އަދި މިއީ މި ޝޯގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމަކަށް ވަނީ ވެފަ އެވެ. އަދި ޝޯގައި އެންމެ މުހިއްމު ބައެއް ކުޅޭ މޯނީ ރޯއީ ވެސް މިފަހަރުގެ ސީޒަންގައި ބައިވެރި ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައި ވާތީ އެވެ.
އިންޑިއާގެ ސްޕޮޓްބޯއީ ނޫހުން ބުނެފައި ވަނީ "ނާގިން 3" ގެ ބަތަލާއަކު ހޯދަން މިހާރު އޮޑިޝަންތައް ފަށައިފި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy