އާ ކާސްޓުންތަކަކާ އެކު "ގޮށްރާޅު"ގެ ޝޫޓިން ފަށައިފި

ފިލްމީ ދާއިރާ އަށް އަލަށް ތައާރަފު ކުރާ ގިނަ އާ ކާސްޓުންތަކަކާ އެކު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ގޮށްރާޅު" ގެ ޝޫޓިން ފަށައިފި އެވެ.


މި ފިލްމަކީ މިދިޔަ އަހަރު ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް "4426" ޑައިރެކްޓް ކުރި އަހުމަދު ޝިނާންގެ ދެވަނަ ފިލްމެވެ. "ގޮށްރާޅު" އަކީ "ލޫދިފާ" ފަދަ ފިލްމްތައް ގެނެސް ދިން މޫމިން ފުއާދުގެ ސްކްރިޕްޓަކަށް ހަދާ ކްރައިމް ތުރިލާއެކެވެ.

ފިލްމުން އާ އެކްޓަރުންތަކެއް ތައާރަފުވި ނަމަވެސް "ގޮށްރާޅު" ގެ އެންމެ މުހިއްމު ލީޑުން ފެނިގެން ދާނީ ޑާކް ރެއިންގެ ޑާލިން ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މި ފިލްމުން ލޯންޗް ކުރާ އެކްޓަރުންގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި ލަވަ ކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ގެ އިތުރުން އަލަށް ތައާރަފުކުރާ ބަތަލާ އައިޝަތު ތަސްނީމާ ވެސް ހިމެނެ އެވެ.

އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

"ގޮށްރާޅު" އަކީ ޑާކް ރެއިން އަންނަ އަހަރަށް ތާވަލްކޮށްފައިވާ ދެ ފިލްމްގެ ތެރެއިން އެއް ފިލްމެވެ. މި ފިލްމް ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އެ ސްޓޫޑިއޯގެ ރަސްމީ ތާރީހު ކަމަށްވާ އެޕްރީލް 5 ގަ އެވެ.

ޑާކް ރެއިން އަންނަ އަހަރު ގެނެސް ދޭނެ ފުރަތަމަ ފިލްމަކީ ދާދި ފަހުން ޝޫޓިން ނިންމާލި ފެމިލީ ޑްރާމާ "ވަކިން ލޯބިން" އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް އަންނަ މާޗް 5 ގައި ރިލީޒް ކުރާ ފިލްމްގެ ލީޑުން ފެނިގެން ދާނީ ޖުމަލް އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

ރާއްޖޭގައި މިހާރު އެންމެ ހަރަކާތްތެރި ސްޓޫޑިއޯ އިން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މި އަހަރުގެ އެޕްރީލް 5 ގައި ރިލީޒް ކުރި "މީ ލޯތްބަކީ" އެވެ.