ޕާކިސްތާނު ސިލްސިލާތަކުގެ ތެރެއިން އެންމެ ރީތި އެއް ސިލްސިލާ "ހަމްސަފަރް"ގެ ތަރިން ކަމަށްވާ މާހިރާ އާއި ފަވާދު އަދި ނަވީން ވަގާރް
23 މެއި 2016 - 16:33
އެއް އިރެއްގައި އެންމެ ގިނަ ބަޔަކަށް އެންމެ ކަމުގޮސްގެން ބަލަމުން ދިޔައީ އިންޑިއާގެ ޗެނަލްތަކުން ދެއްކި ސާސް-ބަހޫ ނުވަތަ މައިދައިތަ އާއި ދަނބިދަރިންގެ އަރާރުންތައް ދައްކާ ޑްރާމާތައް ނަމަވެސް މިހާރު އެ ދުވަސް ފާއިތުވެއްޖެ އެވެ. އޭރު އެކްތާ ކަޕޫރުގެ "ކޭ" އަކުން ފެށޭ ސިލްސިލާތައް ބަލާ ހިތުން ލޮލަށް ނިދި ނައިސްގެން އުޅުނަސް މިހާރު ގިނަ ބަޔަކު އެފަދަ ސިލްސިލާތއް ބަލަން ފޫހިވެ އެވެ. ސަބަބަކީ އެ ސިލްސިލާތަކުގައި އަބަދުވެސް އެއް ގޮތްތަކެއް ވާތީ އެވެ.
ޚާއްސަކޮށް އިންޑިއާގެ ޒިންދަގީ ޗެނަލުން ޕާކިސްތާން ސިލްސިލާތައް ދައްކަން ފެށުމާ އެކު ގިނަ ބައެއްގެ މަގްބޫލުކަން އެ ސިލްސިލާތަކަށް ލިބި ހިންދީ ޑްރާމާތަކުގެ މަގްބޫލުކަން މިހާރު ވަނީ އެތައް ތަނެއް ދަށަށް ގޮސްފަ އެވެ.
ޕާކިސްތާން ސިލްސިލާތައް ބަލާލުމުގެ ފުރުސަތު އެއްވެސް ވަރަކަށް ލިބިފައިވާ ނަމަ މިއީ ތެދެއްކަން ގަބޫލުކުރެވޭނެ އެވެ. ޒިންދަގީ ޗެނަލުން ދެއްކި "ޒިންދަގީ ގުލްޒާރު ހޭ' އާއި "ހަމް ސަފަރް" ފަދަ ޕާކިސްތާނު ސިލްސިލާތަކަށް ބޮޑު ތަރުހީބެއް ލިބި ގިނަ ބަޔަކު އެ ސިލްސިލާތައް ބެލުމަށް ކެތްމަދުވި އެވެ.
އިންޑިއާ ޑްރާމާތަކަށް ވުރެ ޕާކިސްތާން ޑްރާމާތައް މޮޅުވެފައި ރީއްޗޭ ބުނުމަކީ ބައެއް މީހުން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް މިހެން ބުނަން ޖެހޭ ސަބަބުތަކަށް ބަލާލުމުން މި ވާހަކައިގެ ތެދުކަން ވަރަށް ބޮޑަށް ގަބޫލު ކުރެވޭނެ އެވެ.
"ދިލް އޭ މުޒްތަރް" ގެ ތަރިން
ޚާއްސަކޮށް ދިވެހިރާއްޖެ ކަހަލަ 100 ޕަސެންޓް މުސްލިމް ގައުމަކަށް ހިންދީ ސިލްސިލާތަކަށް ވުރެ ޕާކިސްތާން ފަދަ އިސްލާމީ ގައުމެއްގެ ސިލްސިލާތައް ބެލުން މާ އައުލާކަން ބޮޑުކަން ފާހަގަކޮށްލަން ޖެހެ އެވެ. ހިންދީ ސިލްސިލާތަކުގައި ދައްކާ ބުދަށް އަޅުކަންކުރާ މަންޒަރުތައް ޕާކިސްތާން ސިލްސިލާތަކަކުން ނުފެނެ އެވެ. ފެންނަނީ ނަމާދުކުރާ ތަނާއި ދުއާ ކުރާ ތަނެވެ. އެކަކު އަނެކަކާ ބައްދަލުވާ ވަގުތު އައްސަލާމް އަލައިކުމް ކިޔާ ސަލާމްކޮށް ވަކިވާ ވަގުތު "ޚުދާ ހާފިޒް" ނުވަތަ "ﷲ ހާފިޒް" ބުނެ އެވެ.
އަންހެނުން ފިރިހެނުންނާ މަސްހުނިވެ އުޅުމަކީ ހަޑި ހުތުރު ކަމެއްކަން މި ސިލްސިލާތަކުގައި ދައްކަ އެވެ. އަދި އަންހެނުންނާއި ފިރިހެނުން ސަލާމްކޮށް އެކަނި ބައްދަލުކޮށް އުޅުމަކީ ވެސް ބޭއަދަބީ ކަމެއްގެ ގޮތުގައި ދައްކަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ދިވެހި ފިލްމުތަކުގައި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވާ މިންވަރަށް ޕާކިސްތާން ސިލްސިލާތަކުގައި ދެ ޖިންސުގެ މީހުން ގައިގޯޅިވެއެއް ނޫޅެ އެވެ. އޭގެ ބަދަލުގައި ފެންނަނީ އަބުރުވެރިކަމާއި އިއްފަތްތެރިކަމުގައި އުޅޭ އަންހެން ކުދިންނެވެ. ދެ ލޯބިވެރިންނަށް ވިޔަސް އެމީހުންގެ މެދުގައި ކައިވެނީގެ ކުރިން އެއްވެސް ވަރަކަށް ގައިގޯޅިވުން ނޯންނަ ކަމެވެ.
މީގެ އިތުރަށް ވެސް ޕާކިސްތާން ސިލްސިލާތައް ކަމުދާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.
ހައިރާން ނުވާށެވެ. އެތައް އަހަރަކަށް ދެމިގެންދާ ހިންދީ ސިލްސިލާތަކާ ތަފާތުކޮށް ޕާކިސްތާން ސިލްސިލާތައް އެންމެ ގިނަ ވެގެން ވެސް ދެމިގެން ދަނީ ހައެއްކަ މަސް ދުވަހަށެވެ. އަދި ސިލްސިލާ އާއްމުކޮށް ދައްކަން ފަށަނީ ހުރިހާ އެޕިސޯޑެއް ކުޅެ ނިންމާފަ އެވެ. އެހެންކަމުން ބެލުންތެރިން އެދޭ ގޮތްގޮތަށް ވާހަކަ ބަދަލުކުރުމެއް ޕާކިސްތާން ސިލްސިލާތަކަކުން ނުފެންނާނެ އެވެ. އެހެންކަމުން ވާހަކަ ލިޔުންތެރިޔާ ބޭނުންވާ ގޮތަކަށް ވާހަކަ ކުރިޔަށް ގެންގޮސް އޭނާ ބޭނުންވާ ގޮތަށް ވާހަކަ ނިންމާލުމަށް ހުރަހެއް ނޯވެ އެވެ. ހިންދީ ސިލްސިލާތަކުގެ ވަކި ހިސާބަކުން ވާހަކަ ހުތުރުވެ ބުއްދި ގަބޫލު ނުކުރެވޭ ކަހަލަ ކަންތައްތައް ތަކުރާރުވަނީ ބެލުންތެރިން ބޭނުންވާ ގޮތްގޮތަށް ވާހަކަ ބަދަލުކުރަން ލިޔުންތެރިޔާ އަށް މަޖްބޫރު ވާތީ އެވެ. އޭރުން ވަނީ ކުޑަކުދިންނަށް ހަދަހަދައިގެން ކިޔައިދޭ ވާހަކަ ގޮތަށެވެ.
ހިންދީ ސިލްސިލާތަކުގައި އަބަދުވެސް ފެންނަނީ ގޯސް މައިދައިތައަކާއި ރަނގަޅު ޅީދަރިއެއް ނުވަތަ ގޯސް ޅީދަރިއަކާއި ރަނގަޅު މައިދައިތައެއްގެ އަރާރުމާއި ރޮއި ހޭރުމެވެ. ނަމަވެސް ޕާކިސްތާން ސިލްސިލާތައް ބިނާކޮށްފައި ހުންނަނީ މުޖުތަމައުގައި ހުންނަ ތަފާތު މައްސަލަތަކަށެވެ.
ހަތަރުދަމު، ދެ އިންޗި ބޯމިނަށް މޭކަޕްކޮށްގެން އުޅޭ އަންހެނުންތަކެއް ޕާކިސްތާނު ސިލްސިލާތަކުން އަބަދަކު ނުފެނެ އެވެ. އަދި ހުރިހާ ގަހަނާ އަޅައިގެން ވަރުގެ ކޮޅަށް ނަލަހެދިގެން ނިދާ މީހުންނެއް ވެސް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ހަގީގީ ދިރިއުޅުމުގައި މީހުންގެ ސިފަ ހުންނަ ގޮތަށެވެ. އަދި ނިދާ ގަޑީގައި ނިދާ ހެދުން ލައިގެން މޭކަޕާ ނުކޮށް ތިއްބަ އެވެ.
ޕާކިސްތާނު ޑްރާމާތަކުގައި މަސައްކަތްކުރާ އެކްޓަރުންނަކީ ވެސް އާދަޔާ ޚިލާފަށް ހުނަރުވެރި ބައެކެވެ. އެހެންކަމުން ހިންދީ ސިލްސިލާތަކުގައި ގިނަ ބަޔަކު އޯވަ-އެކްޓިން ކުރާ ގޮތަށް ޕާކިސްތާނު ސިލްސިލާތަކުގައި އެކްޓް ކުރާ ތަން ވަރަށް ނުފެނެ އެވެ.
އަދި އިންޑިއާ ޑްރާމާތަކުގައި ކޮންމެ ދެ މިނެޓަކުން އެއް ފަހަރު ކޮންމެވެސް ހިންދީ ފިލްމެއްގެ ލަވައެއް އަންނަން ފެށުމުން ބޮލަށް އެވާ އުނދަގުލާއި މަންޒަރުތައް ބޮޑަށް ޑްރެމެޓިކް ކުރުމަށްޓަކައި ބެކްގްރައުންޑްގައި ހުންނަ ތަފާތު އަޑުތައް ވެސް ޕާކިސްތާނު ސިލްސިލާތަކަކު ނުހުރެ އެވެ. އޭގެ ބަދަލުގައި ކޮންމެ ސިލްސިލާއަކަށް ވަކިން ވަރަށް ރީތި ތީމް ލަވައެއް ތައްޔާރުކޮށް މުޅި ސިލްސިލާގައި ވެސް އަޑު އިވެނީ އެ ލަވައިގެ ކަޑިތަކެވެ. އަދި މަންޒަރުތައް ހުންނަނީ ވަރަށް ވެސް އަސްލާ އެއްގޮތަށެވެ. ޕާކިސްތާނު ސިލްސިލާތަކުގެ ވާހަކަ ލިޔާ ފަރާތްތަކާއި ޑައިލޮގް ލިޔާ ފަރާތްތަކުގެ މޮޅުކަން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެ އެވެ. ކޮންމެ ވާހަކައެއް ވެސް އެހާ އަސަރުގަދަވެފައި ދެން ވާނެ ގޮތެއް ނޭނގި ނޭވާ ހިފަހައްޓާލަން ޖެހެ އެވެ. އުރުދޫ ބަހުން ޑައިލޮގްތައް ކިޔާއިރު އެ ބަހުގެ މުއްސަނދިކަން އިނގިރޭސި އަދި އެނޫން ބަސްތަކަށް ވުރެ ވެސް މާ ފުރިހަމަކަން ގަބޫލުކުރަން މަޖްބޫރު ވެއެވެ.
"ހަމްސަފަރް"ގެ އިނގިރޭސި މާނައަކީ ސޯލްމޭޓްސް އެވެ. މި ސިލްސިލާގައި ބަތަލުގެ ބައި ކުޅެފައިވަނީ މިހާރު ބައެއް ބޮލީވުޑް ފިލްމްތަކުން ވެސް ފެންނަމުންދާ ފަވާދު ޚާން އެވެ. މި ޑްރާމާގައި ފަވާދު ކުޅެނީ އާޝަރު ކިޔާ ކެރެކްޓާއެކެވެ. އާޝަރު އަކީ ވަރަށް މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. "ހަމްސަފަރް"ގެ ބަތަލާއަކީ މާހިރާ ޚާން އެވެ. އޭނާ ކުޅެފައިވަނީ ޚިރާދު ކިޔާ ފަގީރު އަންހެން ކުއްޖެއްގެ ރޯލެވެ. އިއްތިފާގުން އާޝަރުގެ ބައްޕަ އާއި ޚިރާދުގެ މަންމަ އަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. އާޝަރުގެ ބައްޕަ ބޮޑުވެގެން މަސައްކަތްކުރަން އެހެން ރަށަކަށް ގޮސް ބޮޑު ފައިސާވެރިއަކަށް ވެއެވެ. ނަމަވެސް އޭނާގެ ކޮއްކޮ އަދި ޚިރާދުގެ މަންމަ ފަގީރުކަމުގައި އަމިއްލަ އަވަށުގައި ދިރިއުޅެނީ އެވެ. ޚިރާދު ވަރަށް ކުޑައިރު އޭނާގެ ބައްޕަ މަރުވެ މަންމަ އާއި ޚިރާދު އެކަނި ދިރިއުޅެމުން ދެއެވެ. ޚިރާދުގެ މަންމައަކީ ޓީޗަރެކެވެ. އަދި ހުސްވަގުތު ގޭގައި ވެސް ދެމައިން ކުދިންނަށް ޓިއުޝަން ދެއެވެ.
ޚިރާދު ޔުނިވަސިޓީގައި ކިޔަވަން ތައްޔާރުވަމުން ދަނިކޮށް އޭނާގެ މަންމަ އަށް ކެންސަރު ޖެހެ އެވެ. ބަލި ބޮޑުވާން ފެށުމުން ފައިސާގެ ދަތިކަމުން އެހެން ގޮތެއް ނެތިގެން ޚިރާދުގެ މަންމަ އޭނާގެ މުއްސަނދި ބޭބެ އަށް ގުޅައި އެހީ އަށް އެދެ އެވެ. ވަގުތުން އޭނާ ޚިރާދުގެ މަންމަ އަށް އެހީތެރިވުމަށް އެ ރަށަށް އާދެ އެވެ. އަދި އޭނާ ގޮވައިގެން ގޮސް އަގުބޮޑު ހޮސްޕިޓަލަކުން ފަރުވާ ދޭން ފަށަ އެވެ. ނަމަވެސް އޭރު ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި ވާތީ ޚިރާދުގެ މަންމަގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވެ އެވެ. މަރުވުމުގެ ކުރިން ޚިރާދުގެ މަންމަ ބޭނުންވީ އޭނާގެ ދަރިފުޅު މީހަކާ ކައިވެނިކުރާ ތަން ދުށުމަށެވެ. އެވަގުތު އާޝަރުގެ ބައްޕަ ނިންމަނީ ޚިރާދު އާއި އާޝަރު ކައިވެނި ކުރުވުމަށެވެ. ޕާކިސްތާނުގައި ދެބެންގެ ދެދަރި ކުދިންގެ ކައިވެންޏަކީ ވަރަށް އާއްމު ކަމެކެވެ. ދެފަރާތުގެ އާއިލާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ ކަމެކެވެ.
އާޝަރު އާއި ޚިރާދުގެ ކައިވެންޏަށް އާޝަރުގެ މަންމަ އެއްގޮތަކަށް ވެސް ގަބޫލެއް ނޫނެވެ. ޚިރާދުމެން ފަގީޜުކަމުން އޭނާ އަބަދުވެސް އެ ދެމައިންނަށް މަލާމާތްކޮށް އެމީހުންނާ ވީހާ ވެސް ދުރުވާން މަސައްކަތް ކުރެ އެވެ. އަދި އާޝަރުގެ މަންމަ ހަމަޖައްސާފައިވަނީ އޭނާގެ ދައްތަގެ ދަރިފުޅު ސާރާ އާއި އާޝަރު ކައިވެނި ކުރުވުމަށެވެ. ޚުދް އާޝަރު އާއި ސާރާ ވެސް އެކަކު އަނެކަކު ދެކެ ލޯބިވެ އެވެ. އަދި ދެ މީހުން ކައިވެނި ކުރުމަށް އުންމީދު ކުރި އެވެ. އާޝަރު އަށް ވުރެ ވެސް ބޮޑަށް ސާރާ އަޝަރު ދެކެ ލޯބި ވެ އެވެ. ނަމަވެސް އާޝަރުގެ ބައްޕަ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ވެފައިވާ ވައުދު ކޮންމެ ގޮތަކުން ވެސް ފުރިހަމަ ކުރެ އެވެ. މި ކައިވެންޏާ ދެކޮޅު ހަދައިފިނަމަ ވަރިކުރާނެ ކަމަށް ބުނެ އާޝަރުގެ މަންމަގެ އަނގަ ވެސް ބަންދު ކުރެ އެވެ.
ޚިރާދުގެ މަންމަގެ ކުރިމަތީގައި އާޝަރު އާއި ޚިރާދުގެ ކައިވެނި ކުރުވަ އެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ޚިރާދުގެ މަންމަ މި ދުނިޔެ ދޫކުރެ އެވެ.
ޚިރާދު ކަހަލަ ފަގީރު އަދި އާދައިގެ އަންހެންކުއްޖަކު އަންބަކަށް ގަބޫލުކުރުމަށް އާޝަރަށް ވެސް އުނދަގޫ ވެ އެވެ.
ފިލްމުގެ ވާހަކައިގެ ޝައުގުވެރިކަން މިހާތަނުން ވަރަށް ބޮޑުވެގެން ދެއެވެ. އަޝަރު އާއި ޚިރާދުގެ ގުޅުން ބަދަހިވަމުންދިޔަ ގޮތާއި ސާރާ އަށް އެކަމުން ކުރަމުންދިޔަ އަސަރު އަދި އަޝަރުގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވުމަށްފަހު އަޝަރުގެ ހަޔާތުން ޚިރާދު ނެރެ އެއްލާލުމުގައި އޭނާގެ މަންމަ ހޯދާ ކާމިޔާބު އަދި އޭގެ ފަހުން ޚިރާދު އަށް ކުރިމަތިވާ ހިތްދަތި ކަންތައްތަކަކީ މި ޑްރާމާގެ ވާހަކަ އިތުރަށް ފުރިހަމަވެ ރީތިވާ ސަބަބެކެވެ. މީގެ ފަހުން ވާ ގޮތްތައް ކިޔައިދީފިނަމަ ޑްރާމާގެ ހުރިހާ މަޖަލެއް ކެނޑިދާނެތީ ކިޔުންތެރިން ޑްރާމާ އަށް އިންސާފުކޮށްލަން މިހިސާބުން ދޫކޮށްލީ އެވެ.
"ދިލް އޭ މުޒްތަރް" (ނުތަނަވަސް ހިތް) އަކީ ސިލާ އާއި އަދީލް އަދި ޒޯޔާގެ މެދުގައި ހިނގާ ތިނެސްކަން ލޯތްބެއް ދައްކުވައިދޭ ވަރަށް ވެސް ރީތި ޑްރާމާ އެކެވެ.
ޝާހްޒާދު ކަޝްމީރީ ޑައިރެކްޓް ކޮށްފައިވާ މި ޑްރާމާގައި ސިލާގެ ރޯލު ކުޅެފައިވަނީ ޕާކިސްތާނު ޓީވީން ފެންނަ އެންމެ ރީތި އެއް ބަތަލާ ސަނަމް ޖަންގް އެވެ. ބަތަލަކީ ވެސް އެހާ ރީތި ޒުވާނެކެވެ. އިމްރާން އައްބާސް ނަގްވީ އެވެ. އަދީލްގެ ބައި އޭނާ ކުޅެލާފައިވާލެއް ވަރަށް ފުރިހަމަ އެވެ. ޒޯޔާގެ ރޯލުން ފެންނަނީ ސަރުވަތު ގިލާނީ އެވެ.
ބާވީސް އެޕިސޯޑުގެ މި ޑްރާމާއަށް އިންޑިޔާ ފިޔަވައި މެދުއިރުމަތީގެ ގައުމުތަކުގައި ވެސް ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައި ވެއެވެ. މެދުއިރުމައްޗާއި އިންޑިޔާގައި މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން މި ޝޯ ދެއްކީ "ދިލް އޭ ނާދާން"ގެ ނަމުގަ އެވެ.
ސިލާއަކީ މުއްސަނދި މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ މަންމަ ކުޑައިރު މަރުވުމުގެ ސަބަބުން އޭނާ ގެންގުޅެނީ ދޮންމަންމަ އާއި ބައްޕަ އެވެ. އަދީލް އަކީ ސިލާގެ ދެބެންގެ ދަރި ކުއްޖެކެވެ. އަދީލްގެ ބައްޕަ އާއި ސިލާގެ މަންމައަކީ ދެބެންނެވެ. އަދީލްގެ ބައްޕަ ކުޑައިރު މަރުވެ މަންމަ ހުވަފަތް ވުމުން އަދީލް އާއި މަންމަ ބަލަހައްޓަނީ ބޮޑުބޭބެ އެވެ. ސިލާގެ ދޮންމަންމަ އަދީލް އާއި އޭނާގެ މަންމަ ދެކެ ވަރަށް ފޫހިވެ އެވެ. އެހެންވެ އެ ގޭގައި ނޯކަރުން ގެންގުޅޭ ބައިގައި އަދީލްގެ މަންމަ ދިރިއުޅެނީ ނޯކަރެއްގެ ގޮތުގަ އެވެ. ކެއްކުމުން ފެށިގެން އެ ގޭގައި ޖެހޭ ހުރިހާ ކަމެއް ކުރުވަނީ އަދީލްގެ މަންމަ ލައްވަ އެވެ.
ސިލާ ވަރަށް ކުޑައިރުއްސުރެ އަދީލް ދެކެ ލޯބިވެ އެވެ. އަދި ބޮޑުދައިތަ ދެކެ ވެސް އޭނާ ވަރަށް ލޯބިވެ އެވެ. މިއީ ސިލާގެ ބައްޕަ އާއި ދޮންމަންމަ ވަރަށް ނުރުހޭ ކަމެކެވެ. ސިލާގެ ދޮންމަންމަ އަކީ ދަރިން ލިބޭ މީހެއް ނޫނެވެ. އެހެންކަމުން ފިރިމީހާގެ ހުރިހާ މުދަލެއް ވާރުތައިން ލިބޭނީ ސިލާއަށް ކަމަށް ވާތީ ދޮންމަންމަ ރާވައިގެން ހުރީ އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކާ ސިލާގެ ކައިވެނި ކުރުވުމަށެވެ. ނަމަވެސް މި ކައިވެންޏަށް ސިލާ އިންކާރުކޮށް ގަދަކަމުން ކައިވެނި ކުރުވަން އުޅޭތީ ގެއިން ފިލައިގެންދެ އެވެ.
އަދީލް ސިލާ ދެކެ ލޯތްބެއް ނުވެ އެވެ. ނަމަވެސް ސިލާ ގެއިން ފިލުމުން އެކަމުގެ ބަދުނާމު އޭނާގެ ބޮލުގައި އެޅެ އެވެ. އަދީލް އޭނާގެ ކުށެއް ނެތްކަން ދެއްކުމުގެ ގޮތުން ސިލާ ހޯދައިގެން އަނބުރާ ގެއަށް ގެނެ އެވެ. ސިލާ ގެއިން ފިލުމުން އޭނާއަށް ލިބުނު ބަދުނާމުގެ ބަދަލުގައި ސިލާ އާއި އަދީލް ކައިވެނި ކުރުވަން ސިލާގެ ބައްޕަ ނިންމަ އެވެ.
އަދީލް ސިލާ އާ ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަންމަ ތަކުރާރުކޮށް އެކަމަށް އެދި އާދޭސްކުރުމުގެ ސަބަބުން މަޖްބޫރުވެގެން އަދީލް ސިލާ އާ ކައިވެނި ކުރެ އެވެ. ނަމަވެސް ކައިވެނި ކުރިތާ އެންމެ ދުވަހެއް ވެސް ނުވަނީސް އަދީލްގެ މަންމަ ކުއްލިއަކަށް މި ދުނިޔެ ދޫކުރެ އެވެ. މިކަމުގެ ސަބަބުން އަދީލްގެ ހިތް މުޅިން ހަލާކުވެ އެވެ.
މަންމަ މަރުވުމަށްފަހު ސިލާގެ ގޭގައި މަޑުކުރަން އަދީލް ބޭނުމެއް ނުވެ އެވެ. ސިލާގެ ދޮންމަންމަ އާއި ބައްޕަގެ ނުރުހުމުގައި ސިލާ ގޮވައިގެން އޭނާ ފަގީރު ހިސާބެއްގައި ހުންނަ ކުޑަކުޑަ ގެއަކަށް ދިރިއުޅެން ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy