"ދެވަންސޫރަ" ގެ ޕޯސްޓަރެއް: ފިލްމް އަޅުވާނީ ފެބްރުއަރީ، 6، 2018 ގައި.
29 ނޮވެމްބަރ 2017 - 06:45
މި އަހަރު ރިލީޒްކޮށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމް "ނޯޓީ 40" އަށް ފަހު، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް "ދެވަންސޫރަ" އަންނަ އަހަރުގެ ފެބްރުއަރީ 6 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
އެއްކޮށް ޝޫޓިން ނިންމައި، ބެކް މިއުޒިކްގެ މަސައްކަތް މިހާރު ކުރަމުން އަންނަ މި ފިލްމަކީ ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ސަސްޕެންސް ތުރިލާއެކެވެ.
"މިއީ މާޑާ ކޭސްއަކަށް ވިޔަސް، މިއީ މިހާރުގެ މުޖުތައުއާ ވަރަށް ބޮޑަށް ގުޅޭ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެއް. ކޮންމެހެން ވެސް ބަލައިލަން ޖެހޭ ކަހަލަ ފިލްމެއް ދެވަންސޫރައަކީ. އަނެއްކާ ދިވެހި ސިނަމާ އަށް އާ ޖޯންރާއެއް ވެސް މެ،" ޔޫއްޕެ ބުންޏެވެ. "ވަރަށް ޔަގީންކަން އެބަ އޮތް ފިލްމް ބެލުންތެރިންނަށް ކަމުދާނެ ކަމަށް ވެސް. ފިލްމަށް އަހަރެމެން ހުންނާނެ ވަރަށް މަސައްކަތްކޮށްފައި."
ޓީޒާ ވެސް ދައްކާލާފައި "ދެވަންސޫރަ" އަކީ ފިލްމީ ދާއިރާ އަށް މުޅިން އާ ބަތަލާއަކު ވެސް ތައާރަފު ވާނެ ފިލްމެކެވެ. އެއީ ފިލްމްގެ މައި ބަތަލާ މަރިޔަމް ޝިފާ އެވެ. އޭނާއާ އެކު ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި ޔޫއްޕެ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ ޝަޒްލީމް، ޖާދުﷲ އިސްމާއީލް (ޖާދު)، އަހުމަދު ސައީދު، އަހުމަދު އީސަ (އާނަންދު) އަދި އިބްރާހީމް ޖިހާދު (ޖިމީ) އާއި މަރިޔަމް ޝަކީލާ ފަދަ ތަރިން ހިމެނެ އެވެ.
ޔޫއްޕެ ބުނީ މި ފަހަރު އަމާޒަކީ މާލެއާ އެއް ދުވަހެއްގައި މި ފިލްމް، އާބާދީ ބޮޑެތި އަތޮޅުތަކުގައި ވެސް ދެއްކުން ކަމަށެވެ. އޭގެ ތެރޭގައި އައްޑު އާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލައް ހިމެނެ އެވެ.
"ދެވަންސޫރަ" ގެ ޓީޒާ.
"ވީހާ ވެސް ގިނަ ރަށްރަށުގައި މާލެއާ އެކުއެކީގައި ދެއްކޭތޯ އަހަރެމެންގެ މި ފަހަރުގެ ޓާގެޓަކީ. އެކަމަށް ޓީމްތައް ވެސް ހާއްސަކޮށްގެން މިކަން ކުރިއަށް ގެންދާނީ،" އޭނާ ބުންޏެވެ.
ޔޫއްޕެ އާއި އަލީ އަހުމަދު ޝާހް އަލީ އަދި ޝަޒްލީމް ޕްރޮޑިއުސްކޮށްފައިވާ "ދެވަންސޫރަ" ގެ ޕްރޮމޯޝަނަލް ހަރަކާތްތައް އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމްގެ ޓިކެޓް ޖެނުއަރީ މަހުގެ ތެރޭގައި ވިއްކަން ފަށާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy