މި މަހުގެ 21 ގައި ޝޫޓިން ފަށާ "+40" އަށް އެކްޓަރުން ބޭނުންވޭ.
03 ޑިސެމްބަރ 2017 - 14:29
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ ފިލްމް "+40" އަށް އެކްޓަރުން ހޯދަން ނިންމައި، ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ. ޝައުގުވެރިވާ ދެ ޖިންސްގެ ޒުވާނުންނަށް ވެސް ފުރުސަތު އެބަ އޮތެވެ.
"+40" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްގެ ތެރޭގައި ހިމެނޭ "ނޯޓީ 40" ގެ ދެވަނަ ބައެވެ. ފިލްމްގެ ޝޫޓިން ތ. ބުރުނީގައި މި މަހުގެ 21 ގައި ފަށަން ނިންމާފައިވާ އިރު، ފިލްމުން އާ ހަތަރު އެކްޓަރަކަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ޝައުގުވެރިވާ ނަމަ "+40" ގެ ރަސްމީ ފޭސްބުކް ޕޭކަށް އިންބޮކްސް ކުރަންވީ އެވެ.
ފިލްމްގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ ފިލްމަށް ދެ ބަތަލާއިންނާއި ދެ ބަތަލުން ބޭނުންވާ ކަމަށެވެ.
"+40" ގެ ކާސްޓިން ކޯލް.
"އެހެންވީމާ އަހަރެމެންނަށް އިމްބޮކްސް ކުރާ ކުދިންނަށް ގުޅައި އޮޑިޝަނެއް ބޭއްވުމަށް ފަހު، ފިލްމަށް ކާސްޓުން ފައިނަލް ކުރާނީ. މި މަހުގެ އެކާވީހުގައި ޝޫޓިން ފަށަން މި ތައްޔާރު ވަނީ،" އޭނާ ބުންޏެވެ. "މިއީ އެކްޓް ކުރަން ޝައުގުވެރިވާ ޔަންގް ކުދިންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނީ."
ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު "ނޯޓީ 40" އިން ވެސް ފިލްމީ ދާއިރާ އަށް އާ ދެ ފަންނާނަކު ތައާރަފުކޮށްފައިވެ އެވެ. އެއީ އަހުމަދު ޝަރީފް އާއި ގުލިސްތާން (ގުލީ) އެވެ.
ޝަފީގް ބުނީ މި ފަހަރު ވެސް އާ ޒުވާނުންތަކަށް ފުރުސަތު ދޭން ނިންމީ، ފިލްމީ ދާއިރާ އަށް އާ މޫނުތަކެއް ނެރުމުގެ ބޭނުމުގައި ކަމަށެވެ.
"+40" ގެ ފަސްޓްލުކް: ފިލްމް ލޯންޗް ކުރީ އޮކްޓޯބަރު 30 ގައި.
އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ "+40" ގެ ކާސްޓުންގެ ތެރޭގައި ޕްރިކްއެލްގައި ހިމެނޭ މައިގަނޑު ކާސްޓް ހިމެނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެ އެވެ. ކާސްޓަށް މި ފަހަރު އިތުރުވި ބައެއް ތަރިންގެ ތެރޭގައި މުހައްމަދު ފައިސަލާއި ޝީލާ ނަޖީބާއި އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރާ ފިލްމް "ދެވަންސޫރަ" އިން ތައާރަފު ކުރާ ބަތަލާ މަރިޔަމް ޝިފާ ހިމެނެ އެވެ.
ޔޫއްޕެ ބުނީ "+40" ވެގެން ދާނީ "ނޯޓީ 40" އަށް ވުރެ ވެސް ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy