ބެން އެފްލެކާއި ޖެނިފާ ގާނާ: ދެ މީހުން މިހާރު ވަރިވާން ބޭނުން ނޫން ކަމަށްވޭ.
09 ޖުލައި 2016 - 08:08
މަޝްހޫރު ދެ ތަރިން ކަމަށްވާ ބެން އެފްލެކާއި ޖެނިފާ ގާނާ ވަކިވާން ނިންމިކަން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިއުލާން ކުރުމުން އެ ދެ މީހުންގެ ފޭނުންނަށް ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބުނެވެ.
ކައިވެންޏަށް 11 އަހަރު ފަހުން ވަކިވާން ނިންމި އިރު ދެ މީހުންނަށް ތިން ދަރިން ވެސް ލިބިފައިވެ އެވެ.
ދެ މީހުންނަށް އެކީގައި އުޅެވެން ނެތް ކަމަށް ނިންމައި ވަރިވާން ނިންމިކަން އިއުލާން ކުރިތާ މިހާރު އަހަރެއްހާ ދުވަސްވީ އެވެ. އެކަމަކު ރަސްމީކޮށް ކައިވެނި ނިމުމަކަށް ގެންނަން ދެ ފަރާތުން ވެސް މިހާތަނަށް މަސައްކަތްކޮށްފައެއް ނުވެ އެވެ.
އެހެންވެ މިހާރު ބެލެވޭ ގޮތުން އެފްލެކް، 43، އާއި ގާނާ، 44، ގެ ހިޔާލު ބަދަލުވެ، މިހާރު ވަނީ އަލުން އެކުގައި އުޅެވޭތޯ މަސައްކަތްކުރަން ފަށައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދަރިންނާ އެކު ދެ މީހުން މިހާރު ދިރިއުޅެމުން އަންނަނީ އެކުގަ އެވެ. އަދި ވަރަށް ގިނަ ތަންތަނުން އާއިލާ އެއްކޮށް ފެނިފައި ވެސް ވެ އެވެ.
ދާދި ފަހުން އެ މީހުން އިޓަލީގައި ޗުއްޓީ ވެސް ހަދާފައިވެ އެވެ. އަދި ކައިވެނީގެ 11 ވަނަ އަހަރާ ދިމާކޮށް އެފްލެކް ވަނީ ގާނާ 11 ކެރަޓްގެ ޖަވާހިރު އަނގޮޓިއެއް ވެސް ހަދިޔާކޮށްފަ އެވެ.
ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން އެފްލެކްގެ ކައިރިން ވަރިވުމުގެ ހިޔާލު ގާނާ މިހާރު ވަނީ އެއްކޮށް ދޫކޮށްލައިފަ އެވެ. އެހެންވެ އޭނާ ހުރީ ކުރިއެކޭ އެއްގޮތަށް ދެ މީހުންގެ ގުޅުން ކުރިއަށް ގެންދާ ކަހަލަ ހިޔާލެއްގަ އެވެ.
ބެން އެފްލެކާއި ޖެނިފާ ގާނާ އެ ދެ މީހުންގެ ދަރިންނާ އެކު.
އަނެއްކޮޅުން ދަރިންގެ މަންމައާ ވަކިވެގެން ދިއުމަކީ އެފްލެކަށް ވެސް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. މާޒީގައި އޭނާ ވަނީ ވަރަށް ނާކާމިޔާބު ލޯބީގެ ގުޅުންތަކެއް ތަޖުރިބާކޮށްފަ އެވެ.
އެހެންވެ ހަޔާތުގެ އެ މަރުހަލާ އަށް އަލުން ރުޖޫއަކަށްވާކަށް އެފްލެކް ވެސް ބޭނުމެއް ނޫން ކަމަށްވެ އެވެ.
"އެ ދެ މީހުން އަންނަނީ މައްސަލަތައް ހައްލުކޮށް އެކީގައި އުޅެވޭތޯ މަސައްކަތް ކުރަމުން،" ޕީޕަލް އަށް ދިން އިންޓަވިއުއެއްގައި ގާނާގެ ގާތް ރައްޓެއްސަކު ބުންޏެވެ. "ބެން ބޭނުމެއް ނުވޭ ގާނާ އާ ވަރިވާކަށް. މަންޒަރުތައް މިހާރު ފެންނަނީ އެގޮތަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy