"ފޯޓީ ޕްލަސް" އިން އާ ފަސް އެކްޓަރަކު ފެންނާނެ: ޔޫއްޕެ

ޔޫސޫފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމް "+40" އިން ފިލްމީ ދާއިރާ އަށް މުޅިން އާ ފަސް އެކްޓަރަކު ތައާރަފު ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.


މި ފިލްމަކީ މި އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ނޯޓީ 40" ގެ ދެވަނަ ބައެވެ. އެ ފިލްމުން ވެސް އާ އެކްޓަރުންތަކެއް ތައާރަފުކުރި އެވެ.

ޔޫއްޕެ ބުނީ "+40" ގެ ޝޫޓިން އަށް މި މަހުގެ 22 ގައި ތ. އަތޮޅަށް ފުރާ އިރު، ފިލްމުގެ ކާސްޓުން މިހާރު އެއްކޮށް ހަމަޖެހިފައިވާ ކަމަށެވެ. "ނޯޓީ 40" ގެ މައިގަނޑު ކާސްޓުންނާ އެކު، އަލަށް ކާސްޓާ ގުޅުނު މަޝްހޫރު ތަރިންތަކުގެ އިތުރަށް "+40" އިން އަލަށް ނުކުންނަނީ އަންހެން ފަސް އެކްޓަރުންނާއި ފިރިހެން އެކްޓަރެކެވެ.

އާ ކާސްޓުން ހޯދަން "+40" ގެ ޓީމުން ކާސްޓިން ކޯލަކަށް ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޔޫއްޕެ ބުންޏެވެ. އަދި ފިލްމަށް ކާސްޓުން ހޮވީ އޮޑިޝަނަކަށް ފަހު އެވެ.

"ލިބުނު ސަޕޯޓް ވަރަށް ރަނގަޅު. މި ފިލްމަށް ބޭނުންވަނީ އާ ފަސް އެކްޓަރަކު ކަމަށް ވާތީ، ކެރެކްޓާތަކާ އެންމެ ގުޅޭ ފަސް ކުއްޖަކަށް މި ފުރުސަތު ލިބުނީ،" ޔޫއްޕެ ބުންޏެވެ.

އޭނާ ބުނީ ޝައުގުވެރިކަން ފާޅުކުރި ކުދިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަ ތިބި ކަމަށެވެ.

"އެހެންވެ ކުރިިއަށް ހުރި ޕްރޮޖެކްޓަތަކުން އެ ކުދިންނަށް ފުރުސަތު ދޭނަން،" ޔޫއްޕެ ބުންޏެވެ.

އަންނަ އަހަރު ރިލީޒް ކުރާ "+40" ގެ ކާސްޓުންގެ ތެރޭގައި ޕްރިކްއެލްގައި މައިގަނޑު ކާސްޓުންގެ ތެރެއިން ޔޫއްޕެ، އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެ އެވެ. ކާސްޓަށް މި ފަހަރު އިތުރުވި ބައެއް ތަރިންގެ ތެރޭގައި މުހައްމަދު ފައިސަލާއި ޝީލާ ނަޖީބާއި އަންނަ އަހަރުގެ ފެބްރުއަރީގައި ރިލީޒް ކުރާ ފިލްމު "ދެވަންސޫރަ" އިން ތައާރަފުކުރާ ބަތަލާ މަރިޔަމް ޝިފާ ހިމެނެ އެވެ.

ޔޫއްޕެ ބުނީ ތ. ބުރުނީގައި ބޮޑު ބައި ޝޫޓްކުރާ "+40" ގެ ޝޫޓިން އަށް ނަގާނީ 25 ވަރަކަށް ދުވަސް ކަމަށެވެ.