ލާނާ ޑެލް ރޭ އިނގިރޭސިވިލާތުގެ ރޮކް ބޭންޑް ރޭޑިއޯހެޑްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ އޭނާ ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.
އެ ބޭންޑުން ބުނީ ލާނާ މިދިޔަ އަހަރު ނެރުނު އަލްބަމް "ލަސްޓް ފޮ ލައިފް" ގައި ހިމެނޭ ލަވަ "ގެޓް ފްރީ" އަކީ ރޭޑިއޯހެޑުން 1993 ގައި ނެރުނު ލަވަ "ކްރީޕް" ގެ ކޮޕީއެއް ކަމަށެވެ. އަދި މި ދެ ލަވަ އަޑު އަހާލައިފި ނަމަ، އޭގައި ހުރި އެއްގޮތްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭނެ ކަމަށް ފަސް ފިރިހެން މެމްބަރުން ހިމެނޭ އަދި 1985 ގައި އުފެދުނު ބޭންޑުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި ވަރަށް ގިނަ ބަޔަކު ވެސް ބުނެފައި ވަނީ "ގެޓް ފްރީ" ގެ ރާގުގަނޑާއި އެ ލަވަ ކިޔާފައިވާ ގޮތް "ކްރީޕް" އާ ވަރަށް ވައްތަރު ކަމަށެވެ.
ރޭޑިއޯހެޑުން ބުނީ އެހެން ބައެއްގެ ފިކުރީ މުދަލަކަށް 32 އަހަރުގެ ލަވަ ކިޔުންތެރިޔާ އަރައިގެންފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށާއި ލާނާއާ ދެން ބައްދަލު ކުރާނީ ވެސް ކޯޓްގައި ކަމަށެވެ.
މިކަމާ ގުޅިގެން ލާނާ ކުރި ޓްވީޓެއްގައި ވަނީ އިނގިރޭސި ބޭންޑުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި މި މައްސަލާގައި ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ދާން ލަވައިގެ 40 ޕަސަންޓް ކްރެޑިޓް ރޭޑިއޯހެޑަށް ދޭން ހުށަހެޅި ކަމަށް ވެސް ބުންޏެވެ.
"އެކަމަކު އެ މީހުން ބޭނުން ވަނީ ލަވައިގެ ސަތޭކަ ޕަސަންޓް ކްރެޑިޓް ހޯދަން،" އޭނާ ބުންޏެވެ. "އެހެންވީމާ އަހަރެން ވެސް އެ މީހުންނާ ކުރިމަތިލާނީ ކޯޓްގައި."
"ގެޓް ފްރީ" ލަވައިގެ ޅެމުގެ ކްރެޑިޓް ދީފައި ވަނީ ލާނާގެ އިތުރުން ކިއެރޮން މެންޒީސް އާއި ރިކް ނޮވެލްސްއަށެވެ.
ޖުލައި، 21، 2017 ގައި ނެރުނު "ލަސްޓް ފޮ ލައިފް" އަކީ އެ އަލްބަމް ނެރުނު ދުވަސްކޮޅު އެމެރިކާގެ ލަވަ ޗާޓްތަކުގައި ވެސް ރަނިކަން ކުރި އަލްބަމެކެވެ. އަދި 16 ލަވަ ހިމެނޭ އަލްބަމް 60 ވަނަ ގްރެމީ އެވޯޑްގައި ބެސްޓް ޕޮޕް ވޯކަލް އަލްބަމް ކެޓަގަރީން ނޮމިނޭޓް ވެސް ވި އެވެ.