މަގުބޫލުވަނީ ފިލްމުތަކަށް ލަވަކިޔާ މީހުންތަ؟

ރާފިޔަތަކީ އަދިވެސް އެންމެ ކުރީގައި މެދުކެނޑުމެއް ނެތި ޕްލޭބެކް ސިންގިންގައި ހިފަހައްޓަމުން އަންނަ ލަވަކިޔުންތެރިޔާ.

ރާއްޖޭގެ ލަވަ ކިޔުންތެރިންގެ ތެރެއިން ފިލްމްތަކަށް ލަވަ ކިޔާ ލަވަ ކިޔުންތެރިންނަކީ ވަކިން ހާއްސަކޮށް އާންމުންގެ މެދުގައި ވަރަށް މަގުބޫލު ބައެކެވެ. ފިލްމްތަކުން އަޑު ނީވޭ ލަވަ ކިޔުންތެރިންނަށް ވުރެ، ފިލްމުތަކަށް ލަވަ ކިޔައިދޭ ލަވަ ކިޔުންތެރިން މާ ކާމިޔާބު ވެސް މެ އެވެ.


ރާއްޖޭގެ ސިނަމާ އަށް ބަލައިފި ނަމަ ވަރަށް ބޮޑަށް މަގުބޫލުވި އަދި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި އަޑުތަކެއް އެބަ ހުއްޓެވެ. ވަކިން ހާއްސަކޮށް ފިލްމްތަކަށް ކިޔައި ދީފައި ހުރި ލަވަތަކާ އެކުގަ އެވެ.

މަޝްހޫރު އަޑުތަކަށް ބަލާއިރު އަލީ ރަމީޒް، ބާރީ، ފާތުމަތު ޒޫނާ، ޝިފާ ތައުފީގް، މުހްތާރް އާދަމް، ފަޒީލާ އާމިރު (ފަޒީ)، އުމަރު ޒާހިރު، ރާފިޔަތު ރަމީޒު އަދި އައިޝަތު އިނާޔާމެން ފަދަ ލަވަ ކިޔުންތެރިންގެ އަޑުތައް ވަކިން ފާހަގަކޮށްލެވޭނެ އެވެ.

މި ލިސްޓަށް ބަލާ އިރު، ރާފިޔާތު ނޫނީ މިހާރު އެހާ ގިނައިން އިވޭ އަންހެން އަޑެއް ނެތެވެ. ކުރިއާ ހިލާފަށް ޒޫނާ އާއި ޝިފާ އަދި ފަޒީ ކަހަލަ ލަވަކިޔުންތެރިންގެ އަޑު ވަރަށް މަދުން ނޫނީ ނީވެ އެވެ. ރާފިޔަތަކީ ދެ ގޮތެއް ނުވެ، ހަމަ ކުރިއަށްދާ ލަވަ ކިޔުންތެރިއެކެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިހާރުގެ އެންމެ ޒުވާން ލަވަ ކިޔުންތެރިންނާ އެކުގައި ވެސް ލަވަ ކިޔާތީ އެވެ.

އަޝްފާ އާއި ތޭރަވާ ކިޔާފައިވާ "ހައްދު" ގެ ލަވައެއް.

އެކަމަކު މި ފަހަކަށް އައިސް އަނެއްކާ ވެސް ހަމަ އާންމުކޮށް ފިލްމްތަކުގެ ލަވަތަކުން އިވޭ އަޑުތައް އެބަ ހުއްޓެވެ. އަންހެން އަޑަކަށް އަދިވެސް އެންމެ އާންމީ ރާފިޔަތުގެ އަޑެވެ.

ފިލްމްތަކަށް ލަވަ ކިޔައިދޭ އަންހެން ފަންނާނުންގެ ތެރޭގައި ދެން ހިނގާ ނަންތަކުގެ ތެރޭގައި މަރިޔަމް އަޝްފާ އާއި މާއިން ރަޝީދު ފާހަގަކޮށްލެވެ އެވެ.

މާއިން އާއި ސަމާހް ކިޔާފައިވާ "މިހަށި ފުރާނަދަންދެން" ގެ "ހުވާކޮށްފާ"

ފިލްމްތަކުން ވަރަށް މަދުން އިވޭ އަންހެން އަޑުތަކުގެ ތެރޭގައި "ވާށޭ މަށާއެކީ" އަށް ލަވަ ކިޔައި ދީފައިވާ މީރާ މުހައްމަދު މާޖިދާއި ހަދީޖާ އިބްރާހީމް (ރިޒޫ) އާއި "ވިޝްކާ" ގެ ލަވަތައް ކިޔާފައިވާ މަރިޔަމް ރިފްގާ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ބޭއްވި އަށް ވަނަ ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާގެ މަގާމު ހޯދި މަރިޔަމް އުނޫޝާ (ކިޑީ) އަކީ ވެސް ފިލްމްތަކުން ގިނަ ބަޔަކު އަހާލަން ބޭނުންވާ ކަހަލަ އަޑެކެވެ.

"ވާށޭ މަށާއެކީ" އަށް މީރާ އާއި ޔާމީން ކިޔާފައިވާ ލަވައެއް.

މިހާރުގެ ފިރިހެން ލަވަ ކިޔުންތެރިންނަށް ބަލާ އިރު، އެންމެ އާންމުކޮށް ފިލްމްތަކުން އިވޭ ދެ އަޑަކަށް މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ގެ އަޑު ވާނެ އެވެ. މި ދެ މީހުންނަކީ ލަވަ ކިޔުންތެރިންގެ އިތުރަށް ދެ މިއުޒިޝަނުން ވެސް މެ އެވެ.

މި ފަހަކަށް އައިސް ފިލްމްތަކުން އިވެމުން އަންނަ އަޑުތަކުގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި ބައެއް ލަވަ ކިޔުންތެރިން ހިމެނެ އެވެ. އޭގެ ތެރެއިން ވެސް ފިލްމްތަކަށް ލަވަ ކިޔަން މިހާރު އެންމެ ގިނައިން ފުރުސަތު ލިބޭ ދެ ލަވަ ކިޔުންތެރިންގެ ތެރޭގައި ސީޒަން އެކެއްގެ ދެވަނަ ޝަލަބީ އިބްރާހީމާއި ސީޒަން ދޭއްގެ ދެވަނަ ހަމޫދު އަހުމަދު ފާހަގަކޮށްލެވެ އެވެ.

ފުޖީ ކިޔާފައިވާ ލަވަ "ނޫން ނޫން ނުދޭ"

ފިލްމްތަކުން އިވޭ ފިރިހެން އަޑުތަކުގެ ތެރެއިން އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ) އަކީ ވެސް ވަރަށް ހިތްގައިމު އަޑެކެވެ. ޑާކް ރެއިންގެ ފިލްމްތަކަށް އޭނާ ކިޔައި ދީފައިވާ ކޮންމެ ލަވައަކީ ވެސް ވަރަށް ހިތްގައިމު ލަވައެކެވެ.

ޒުވާން ލަވަ ކިޔުންތެރިން އަދި އާ ލަވަ ކިޔުންތެރިންގެ އަޑު ފިލްމްތަކުން އިވުމަކީ ވަރަށް ގިނަ މީހުން ބޭނުން ވެސް ވާނެ ކަމެކެވެ. އެކަން އަހުމަދު ފުރްގާން (ފުޖީ) އާއި މުހައްމަދު ޝައްމޫން (ޝައްމު) އަދި ޔާމީން ރަޝީދު ފަދަ އާ އަޑުތައް ފިލްމްތަކުން އިވިގެން، ބޮޑު މަގުބޫލު ކަމެއް ވެސް ލިބުނެވެ.

ފަތޯ "އެންމެ ފަހު ވިންދާ ޖެހެންދެން" އަށް ކިޔާފައިވާ "ރޯލީމޭ"

އެހެންވެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އާ އެކްޓަރުން މިހާރު ހޯދަން އިސްކަން ދޭހެން، ލަވަތައް ކިޔުއްވަން ވެސް ޒުވާން ލަވަ ކިޔުންތެރިންނަށް ފުރުސަތު ދޭން ޖެހެ އެވެ. ކުރިމަގަށް ވިސްނާ އިރު، އެއީ ކުރަން ޖެހޭ ކަމެކެވެ.