"ވަކިން ލޯބިން" ގެ ޕޯސްޓަރެއް: ފިލްމް އަޅުވާނީ މާޗް 5 ގައި.
25 ޖެނުއަރީ 2018 - 21:41
ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް 5 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ ފިލްމް "ވަކިން ލޯބިން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ އާއިލީ ވާހަކައެއް ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ. "ވަކިން ލޯބިން" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އެންމެ ފަހުން ބޭއްވި ދިވެހި ފިލްމް އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް "ހުޅުދާން" އިން ހޯދި އައިޝަތު ފުއާދު ތައުފީގެވެ.
އަހަރުގެ އެންމެ އުންމީދީ އެއް ފިލްމްގެ ތެރޭގައި ހިމެނޭ "ވަކިން ލޯބިން" ގައި އެވޯޑް ހޯދާފައިވާ ފަންނާނުންގެ ހިއްސާ ވަރަށް ބޮޑެވެ. ފިލްމަށް އެންމެ އިންތިޒާރު ކުރެވޭ އެއް ސަބަބަކީ ވެސް އެއީ އެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ އެންމެ ފަހުން ބޭއްވި އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހޯދި އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމްގެ މައިގަނޑު ތަރިންގެ ތެރެއިން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އަކީ އެންމެ މޮޅު ބަތަލާ އާއި ބަތަލާގެ މަގާމު ހޯދި ތަރިންނެވެ.
ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ޖޯޑުގެ ގޮތުގައި ފާހަގަ ކުރެވޭ ޖުމަލް އާއި މަޖޫގެ ޖޯޑު ސްކްރީނަށް އަލުން މި އަންނަނީ 2016 ގައި ރިލީޒް ކުރި "ވާށޭ މަށާއެކީ" އަށް ފަހު އެވެ. އެހެންވެ މި ދެ ތަރިންގެ ކެމިސްޓްރީ "ވަކިން ލޯބިން" އިން ވެސް ބަލައިލުމުގެ ޝައުގުވެރިކަން ބޮޑެވެ.
ޒުވާން ދެމަފިރިއަކު ވަރިފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ "ވަކިން ލޯބިން" ގެ ވަރަށް މުހިއްމު ރޯލަކުން ވިދަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެން ދާނެ އެވެ. ޑާކް ރެއިނުން މި ފަހުން ގެނެސް ދިން ރޮމޭންޓިކް ކޮމެޑީތަކާ ހިލާފަށް "ވަކިން ލޯބިން" އަކީ ވަރަށް ސީރިއަސް ފިލްމަކަށް ވާނެ އެވެ.
މި ފިލްމްގެ ޓިކެޓް މިހާރު އަންނަނީ ފިލްމަށް ހާއްސަ ހޮޓްލައިން ނަމްބަރުން ބުކް ވެސްކޮށް ދެމުންނެވެ.
ފިލްމްގެ ފުރަތަމަ ޓްރެއިލާ މިއަދު އާންމުންނަށް ދޫކޮށްލި އިރު، މީގެ ފުރަތަމަ ލަވަ "ޕަރީ" ކުރިން ވަނީ ދައްކާލައިފަ އެވެ. ފިލްމްގައި ހިމެނޭނީ މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއެނަލަ
28 January 2018
ވަރަށް ތަފާތު. ހީބިހި ނަގައިގެން ދިޔައީ. އަހަރެން ގެއިން ބޭރުކޮއްލީ ހަމަ އެގޮތަށް.
މަހުދީ
26 January 2018
ހީވީ ހަމަ ވާށޭ މަށާއެކީގެ މަންޒަރުތަކެއްހެން.. ޑައިލޮގްތައްވެސް.
ޚީމުންދު
26 January 2018
ޓްރޭލަރ ވަރަށް ސަޅި!
ޖޯން
26 January 2018
ޓްރޭލަރ ވަރަށް ފޫހި
މުންދު
26 January 2018
މީ ހިންދީ ފިލްމް އޭތުރާޒްތޯ.
ނުހާ އެން
25 January 2018
ޑައިލޮގްސް ތައް ކުރީގެ ފިލްމް ތަކާ ވަރަށް އެތް ގޮތް