ރާއްޖޭގައި މި ފަހަކަށް އައިސް ހިނގާ މަރުގެ ހާދިސާތައް ގިނަ އެވެ. ކުށެއް ނެތް އެތައް ބަޔަކު ގަތުލު ކުރެވިގެންދާ އިރު، މިއީ މުޅި ގައުމު ވެސް އެންމެ ކަންބޮޑުވާ އެއް މައްސަލަ އެވެ.
މަރުތަކުގެ ވާހަކަ ލަވައަކުން އަޑު އަހާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއޮތީ އެކަހަލަ ލަވައެކެވެ. ނަމަކީ "ގާތިލް" އެވެ. މި ލަވައަކީ ރާއްޖޭގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ އާ އޮރިޖިނަލް ލަވައެއް ނިވޭތާ ދުވަސްތަކެއް ފަހުން އޭނާ ކިޔައިދިން ފުރަތަމަ ލަވަ އެވެ. އޭނާއާ އެކު މި ލަވަ އަށް މަޝްހޫރު ރެޕާ ސޮއްޕެ ފީޓްކޮށްފައިވެ އެވެ.
ލަވަ އަޑު އަހައިލަމާ ހިނގާށެވެ. ޔަގީނުން ވެސް އިބުރަތެއް ލިބޭނެ އެވެ.
މީރާ ބުނި ގޮތުގައި "ގާތިލް" ލަވަ އެހުންތެރިންނަށް މި ދޫކޮށްލެވުނީ މި ލަވަ އަށް މަސައްކަތް ކުރާތާ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. ލަވަ ނިންމައިލަން ތިން އަހަރު ނެގިޔަސް، މިއީ މިހާރުގެ މުޖުތަމައުގެ އަނދިރި އެއް ފަރާތް ސިފަކޮށްދޭ ލަވައެކެވެ. މިހާރުގެ ހާލަތާ ގުޅޭ ކަހަލަ ލަވައެކެވެ.
"މިއީ އަހަރެންގެ ފެވަރިޓް ޓީމާ އެކު މަސައްކަތްކޮށްލެވުނު އެންމެ ފެވަރިޓް އެއް ލަވަ. އުންމީދު ކުރަން ލަވަ ކަމުދާނެ ކަމަށް،" މީރާ ބުންޏެވެ.
"ގާތިލް" ލަވައިގެ މިކްސިން އާއި ރިކޯޑިން ހަދާފައި ވަނީ ރާއްޖޭގެ ތަޖުރިބާކާރު މިއުޒިޝަން މުހައްމަދު އިކްރާމެވެ.