29 ޖެނުއަރީ 2018 - 06:25
މީގެ ހަތަރު އަހަރުކުރިން ރޫޅުނު ޖޯނަސް ބްރަދާސް ބޭންޑް އަލުން ގުޅެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ. ޖޯނަސް ބްރަދާސްގެ އިންސްޓަގްރާމް އެކައުންޓް އަލުން އެކްޓިވޭޓްކޮށްފައި ވަނިކޮށް މި އަޑުތައް ގަދަވެފައި މިވަނީ ޖޯނަސް ބްރަދާސްގެ އެއް މެންބަރު ކަމަށްވާ ކެން ޖޯނަސް އޭނާގެ އަނެއް ދެ ބައިވެރިން ކަމަށްވާ ޖޯއީ ޖޯނަސް އާއި ނިކް ޖޯނަސްއާ އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކުރުމުންނެވެ.
ރަސްމީކޮށް މި ގްރޫޕް ރޫޅުނީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު މި ތިން ބައިވެރިން އެކުގައި މަސައްކަތްކުރާ މަންޒަރު ފެނިފައި ނުވާއިރުއެ ގްރޫޕްގެ އިންސްޓަގްރާމް އެކައުންޓް އެކްޓިވޭޓްކުރިކަން ފޭނުންގެ ސަމާލުކަމަށް ގެނެސްދިނީ "ދަ ބެޗްލާ" ގެ ތަރި އޭޝްލީ ލަކޯނޭ އެވެ.
ކެވިން ޖޯނަސް ޕޯސްޓްކުރި ޖޯނަސް ބްރަދާސްގެ ފޮޓޯ
އެއަށްފަހު ޖޯނަސް ބްރަދާސް އަލުން ގުޅެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށިއިރު ރަސްމީ ގޮތުން އެ މީހުން މިކަމާ ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެއްވެސް ކެޕްޝަނަކާ ނުލައި ކެވިން ޖޯނަސް ޕޯސްޓް ކުރި މިފޮޓޯ ބެލެވެނީ މިދެކެވޭ ވާހަކަތަކަށް ދިން ޖަވާބެއްގެ ގޮތުގައެވެ.
ޑިޒްނީ ޗެނަލުން އާންމުންގެ ބޮޑު ތަރުހީބެއް ހޯދި ޖޯނަސް ބްރަދާސް ބޭންޑް ރޫޅުނަސް އެ ތިން ފަންނާނުންގެ މިޔުޒިކް ކެރިއާ ދަނީ ކުރިއަށެވެ. ޑީއެންސީއީގެ ނަމުގައި ޖޯއީ ޖޯނަސް އަމިއްލަ ބޭންޑަކާ އެކީ ކުރިއަށްދާއިރު ނިކް ޖޯނަސްގެ "ހޯމް" ލަވަ ވަނީ ދާދިފަހުން ބޭއްވި ގޯލްޑަން ގްލޯބްސްގެ ބެސްޓް އޮރިޖިނަލް ސޯންގްއަކަށް ނޮމިނޭޓްވެސް ވެފަ އެވެ. އެއާއެކު ކެވިން ފެނިގެންދަނީ އޭނާގެ އާއިލާއާއި އެކީ ވަގުތުހޭދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy