09 ފެބުރުއަރީ 2018 - 06:37
އަނުޝްކާ ޝަރުމާގެ އާ ފިލްމު "ޕަރީ" އަކީ ބިރުން ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރި ފިލްމަކަށް ވާނެކަން ފިލްމުގެ ފުރަތަމަ ޓީޒާ އިން ވެސް ޔަގީންވެ އެވެ. "ޕަރީ" އަކީ ޕަރީންގެ ވާހަކައެއް ނުވަތަ ފެއާރީ ޓޭލް އެއް ނޫން ކަމަށް ފިލްމުގެ ޕޯސްޓަރުތަކުގައި ވެސް ބަޔާން ކޮށްފައިވެ އެވެ.
އަނުޝްކާ އިއްޔެ ވަނީ "ޕަރީ"ގެ ފުރަތަމަ ޓީޒާ ޝެއާ ކޮށްފަ އެވެ. ނަމަވެސް މި ޓީޒާއިން ވެސް ފިލްމުގައި ހަގީގަތުގައި ވާގޮތްތައް އެއްގޮތަކަށް ވެސް ވިސްނާލާކަށް ނޭނގެ އެވެ. ޔަގީންވާ ކަމަކީ މިއީ ފަހަކަށް އައިސް ފެނިފައިވާ އެންމެ ބިރުވެރި އިޝްތިހާރު ކަމެވެ.
އިޝްތިހާރުގައި އަނުޝްކާ ހީވަނީ ޖިންނިމޮޔަވެފައިވާ މީހެއް ހެންނެވެ. އަނުޝްކާގެ ކެރެކްޓާ އޭނާގެ ފިރިމީހާ އެއް އަތުން އުފުއްލާލާފައި ބިންމައްޗަށް ވައްޓާލާ ތަނާއި ސިންގާއެއްހެން ވަރަށް އުހުން ފުންމާލާ މަންޒަރު ވަރަށް ބިރުވެރި އެވެ.
އިޝްތިހާރުގެ އެންމެ ބިރުވެރިވީ އެންމެ ފަހު މަންޒަރެވެ. ލެއިން ތަތްތެޅިފައި އިން ވިޗް އެއް ކަހަލަ މީހަކު ކުޑަކުއްޖެއް އުނގަށް ލައިގެން އިނދެ އެ ކުއްޖާގެ ބުއްފުޅިން ލޭ ބޮމުންދާ މަންޒަރަކީ ވަރަށް ބިރުވެރި މަންޒަރެކެވެ. މި ކެރެކްޓާ ވެސް ކުޅެފައިވަނީ އަނުޝްކާ އަށް ވާތީ އޭނާ މި ފިލްމުގައި ޑަބަލް ރޯލު އަދާ ކުރާ ކަމަށް ބެލެވެ އެވެ.
މާޗް 2 ވަނަ ދުވަހު ރިލީޒްކުރާ "ޕަރީ" ޑައިރެކްޓްކޮށްފައިވަނީ ޕްރޮސިތު ރޯއީ އެވެ.
ހޮލީވުޑް ބިރުވެރި ފިލްމުތަކަށް ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑުވެފައިވާ ޒަމާނެއްގައި މިފަދަ ހިންދީ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ.
"ޕަރީ" އަކީ އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން އުފައްދާ ތިން ވަނަ ފިލްމެވެ. ކުރިން ނެރެފައިވާ "އެންއެޗް10" އާއި "ފިއްލޯރީ"އަށް ވެސް ފުދޭ ވަރެއްގެ ކާމިޔާބެއް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
10 February 2018
ނަހުލާ ކައިރީގައި ބުނޭ ބަލާށޭ.