"ލީނާ" ފެނުން ލަހެއް ނުވާނެ

މި އަހަރު ދިވެހި ސިނަމާ އަށް އަންނަން ހުރި ފިލްމްތަކަށް ބަލާ އިރު އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކުރާ ފިލްމް "ލީނާ" އަކީ މިހާރު ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ. ފިލްމްގެ އެންމެ ހާއްސަ އެއް ކަމަކީ "ލީނާ" ގެ ވާހަކަ ރާއްޖޭގައި ހިނގާފައިވާ ހަގީގީ ހާދިސާއެއް އަސްލަކަށް ބަލައިގެން ގެނެސް ދޭތީ އެވެ.


މުއާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމް "ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާގެ ހަނދާންތައް އާކޮށްދޭނެ ފިލްމެކެވެ. ފިލްމްގެ ޓައިޓްލް ރޯލުން ޒުވާން ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާ އިރު، މުއާ ކުޅެނީ އަޒްލީނާ މަރާލި ޒުހައިރްގެ ކެރެކްޓާ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ "ލީނާ" ގެ ޝޫޓިން މިދިޔަ މަހުން ފެށިގެން އއ. އުކުޅަހުގައި އަންނަނީ ނަގަމުންނެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި އަހުމަދު ނިމާލް، ޒީނަތު އައްބާސް، އަލީ އާޒިމް (ދޮންއައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ) އަދި އަހުމަދު ސައީދު ހިމެނެ އެވެ.

"ލީނާ" ގެ މަސައްކަތާ ބެހޭ ގޮތުން މުއާ މިހާރު ބުނަނީ ކީކޭތޯ ބަލަލައިމާ ހިނގާށެވެ.

"ޝޫޓިންގެ ފަސްދޮޅަސް ޕަސަންޓް މިހާރު ނިމިއްޖެ. ބާކީ ހުރި މަންޒަރުތައް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ،" މުޅި ފިލްމް ޝޫޓް ކުރަނީ އުކުޅަހުގައިކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ވަރަށް ފަސޭހަ މި ރަށުގައި ޝޫޓް ކުރަން. މިއީ ހަމަ ސަތޭކައިގެ ރަށެއް. އަހަރެން ބޭނުންވާ ގޮތަށް، ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ކުރިއަށް ދަނީ."

ދެން އޮތް ސުވާލަކީ "ލީނާ" ސިނަމާ އަށް އަންނާނީ ކިހާ ތާކުތޯ އެވެ؟

"އެޕްރީލް ފަހުކޮޅު ނޫނީ މެއި މަހުގެ ކުރީކޮޅު ސިނަމާ އަށް ގެނެވޭތޯ މި މަސައްކަތް ކުރަނީ،" އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން މުއާ ބުންޏެވެ.

"ލީނާ" ވެގެން ދާނީ 2016 ގައި ރިލީޒް ކުރި "ވީ ބޭވަފާ" އަށް ފަހު މުއާ ފެނިގެންދާ ފުރަތަމަ ފިލްމަށް ވެސް މެ އެވެ.

މުއާ: "ލީނާ" އަކީ އޭނާ ޑައިރެކްޓްކޮށް، އެކްޓް ކުރާ ފިލްމެއް.

"ހިތް ރޮއްވާ ނުލާ" އާއި "އިނގިލި" ފަދަ ފިލްމްތައް ކުޅެފައިވާ އެކްޓަރު އޭނާ މި ފަހަރު ޑައިރެކްޓް ކުރަމުން އެކްޓްކުރަން ޖެހުމުން އެހާ ފަސޭހަ ނޫން ކަމަށެވެ.

"މިއީ އަސްލު ކުޅެމުން ރެފްރީކަން ކުރުން ކަހަލަ ކަމެއް. އެކަމަކު މި ފިލްމްގެ ޓެކްނިކަލް ސައިޑްގައި ކަނޑި [ކެމެރާމަން އިބްރާހީމް ވިޝާން] ފަދަ ތަޖުރިބާކާރު މީހުން ތިބުމަކީ އަހަންނަށް ވަރަށް ބޮޑު ޕްލަސް ޕޮއިންޓެއް،" މުއާ ބުންޏެވެ. "އެ މީހުންގެ ލަފަ އާއި އިރުޝާދު ވެސް ހޯދައިގެން އަހަރެން މަސައްކަތް މި ކުރަނީ."

ކޮންމެއަކަސް "ލީނާ" އަށް ކުރެވޭ އިންތިޒާރީތައް ބޮޑެވެ. އެކަމަކު މުއާ ހުރީ ފިލްމްގެ ސަސްޕެންސް އެއްކޮށް ހިފަހައްޓައިގެންނެވެ.

"އަހަރެން ބޭނުމެއް ނޫން ފިލްމްގެ ޝޫޓިންތެރޭގެ މަންޒަރުތައް ވެސް އަދި އާންމު ކުރާކަށް. ތަރިންނަށް ވެސް އަންގާފައި އޮންނާނީ އެއްވެސް ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ޝެއާ ނުކުރަން،" އޭނާ ބުންޏެވެ. "މީގެ މާކެޓިން އާއި ޕްރޮމޯޝަން އަހަރެން ޖައްސަން ބޭނުން ވަނީ ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ފެށޭ ހިސާބުން. އެއީތާ އަސްލު މިކަން ކުރަން ޖެހޭ ގޮތަކީ ދޯ؟"