ޒޭން މާލިކް: އޭނާ ބުނީ ހިންދީ ފިލްމަކަށް ލަވައެއް ރެކޯޑްކޮށްފައިވާ ކަމަށް.
13 ފެބުރުއަރީ 2018 - 11:16
އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކަކީ ބޮލީވުޑްގެ ފިލްމްތަކަށް ވަރަށް ލޯބިކުރާ ފަންނާނެކެވެ. އެކަން ސާބިތުކޮށް ދިނުމުގެ ގޮތުން މި ފަހުން އޭނާ ދެއްކި ބައެއް ވާހަކަތަކުގެ ތެރޭގައި ލޯބިވެރިޔާ ޖިޖީ ހަޑީޑްއާ އެކު އެންމެ ގިނައިން ބަލާ ފިލްމަކީ ޝާހްރުކް ހާނާއި އައިޝްވާރިޔާ ރާއީ އަދި މަދޫރީ ޑިކްޝިޓް ލީޑް ރޯލް ކުޅުނު 2001 ގެ "ދޭވްދާސް" ކަމަށް ބުންޏެވެ. އަދި ބޮލީވުޑުން އެންމެ ގަޔަވާ އެއް އެކްޓަރަކީ ޝާހްރުކް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރަށް ޒޭން އިހަކަށް ދުވަހު ވަނީ ބޮލީވުޑްގެ ކުރީގެ ސްޕަސްޓާ ދިލިޕް ކުމާރާއާ އެކު އޭނާގެ ބައްޕަ ނަގާފައިވާ ފޮޓޯއެއް ވެސް އިސްޓްގަރާމްގައި ހިއްސާކޮށްފަ އެވެ.
މި ވަރަކުން އަދި ބޮލީވުޑަށް އޭނާގެ ހިތުގައި އޮތް ލޯތްބަށް ނިމުމެއް ނާދެ އެވެ. ފަންސަވީސް އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ބޮލީވުޑްގެ ފިލްމަކަށް މިހާރު ހިންދީ ލަވައެއް ވެސް ރެކޯޑްކޮށްފައިވާ ކަމަށެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
ޒޭންގެ ބައްޕަ ދިލިޕް ކުމާރާ އެކު.
"އެ ލަވައަކީ އަހަރެން މިހާތަނަށް ރެކޯޑް ކުރި ފުރަތަމަ ހިންދީ ލަވަ. ލަވަ އެހުންތެރިންނާ ހަމައައިސް އެއާ ދޭތެރޭ އެހުންތެރިން ބުނާ އެއްޗެއް ބަލަން ވަރަށް ބޭނުންވެފައި މިހުރީ." ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ރޫޅުމުން މިހާރު ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޒޭން ބުންޏެވެ.
މި ވާހަކަތަކާ އެކު އޭނާ ވަނީ ފޭނުންނަށް ވަރަށް އުފާވެރި އެހެން ހަބަރެއް ވެސް ދީފަ އެވެ. އެއީ ދެވަނަ ސޯލޯ އަލްބަމް މާ ލަސްތަކެއް ނުވެ ގެނެސް ދޭނެ ވާހަކަ އެވެ. ޒޭން މި ފަހަކަށް އައިސް އަންނަނީ "ޒޭން ޕޮޔަމް" ގެ ނަމުގައި އިސްޓަގްރާމްގައިި ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ. ފޭނުން ގަބޫލު ކުރަނީ އެއީ އަލްބަމްގެ އިޝާރާތްތައް ކަމަށެވެ.
ޒޭންގެ ޕޯސްޓެއް.
އަނެއްކާ ވެސް މި އަލްބަމާއެކު ދައްކަން ޖެހެނީ އިންޑިއާގެ ވާހަކަ އެވެ. ދެހާސް ސޯޅާގައި އޭނާ ނެރުނު ފުރަތަމަ ސޯލޯ އަލްބަމް "މައިންޑް އޮފް މައިން" އަކީ ވެސް ވަރަށް ކާމިޔާބު އަލްބަމެކެވެ.
ޒޭން ބުނި ގޮތުގައި އެ އަލްބަމްގެ ގިނަ ލަވަތަކުގައި އިންޑިއާގެ ލަވަތަކުގައި ހުންނަ ގައްވާލީ އާއި ބަންގްރާ ސްޓައިލްގެ ރަހަގަނޑާ އެކު އުރުދޫ ޅެންތަކުގެ އަސަރު ވެސް ހުންނާނެ އެވެ. އަދި އަލްބަމްގެ އެއް ލަވައިގައި އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނާ އެކު މަސައްކަތްކޮށްފައިވެ އެވެ.
"ޔަގީންކޮށް ދޭން ބޭނުން ވަނީ ލަސްތަކެއް ނުވެ އަލްބަމް ގެނެސް ދޭނެކަން. އޭގެ މަސައްކަތުގެ ތެރޭގައި މި އުޅެނީ." ޒޭން ބުންޏެވެ. ޔަގީނުން ވެސް ހިންދީ ބަހުން ޒޭން ރެކޯޑް ކުރި ލަވަ އަޑު އަހަލާން ފޭނުން މިހާރު ވަރަށް ބޭނުން ވާނެ އެވެ. އެކަމަށް އިންތިޒާރެއްކޮށްލާނީ އެވެ.
މީގެ ކުރިން ވެސް ބޭރުގެ ބައެއް މަޝްހޫރު ފަންނާނުން ހިންދީ ފިލްމްތަކަށް ލަވަ ކިޔައި ދީފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ހާންގެ "ރާ. ވަން" އަށް އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަން ހިންދީ ބަހުން ކިޔައި ދިން ލަވަ "ޗައްމަކް ޗައްލޯ" ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy