"ދެވަންސޫރަ" ގެ ވެސް ދެވަނަ ބައެއް ގެނެސް ދޭނަން: ޔޫއްޕެ

މިހާރު ސިނަމާގައި ދައްކަމުން އަންނަ ސަސްޕެންސް ތުރިލާ "ދެވަންސޫރަ"ގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.


އޭނާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެ ފިލްމަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

"މީގެ މަސައްކަތް ފެށި އިރު ވެސް ދެ ބައެއް ހަދާ ގޮތަށް އޮތީ. ޝޫޓިން ފެށި އިރު، އަހަރެމެން ޕްލޭން ވެސް ކުރިން ދެ ބައިގެ ޝޫޓިން އެއްކޮށް ކުރިއަށް ގެންދަން ވެސް،" ޔޫއްޕެ ބުންޏެވެ. "ފިލްމު ގެނެސްދީފައި އޮންނާނީ ވެސް މީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތަށް."

އެކަމަކު ޔޫއްޕެ ބުނީ "ދެވަންސޫރަ" ބެލި ބައެއް މީހުން ފިލްމްގައި ލޯބީގެ ބައި ތަންކޮޅެއް ކުޑަވެގެން ކޮމެންޓް ކުރި ކަމަށެވެ.

"އެހެންވެ ދެވަނަ ބައި ހަދާ އިރު، ލޯބީގެ ބައި ތަންކޮޅެއް ބޮޑަށް އިތުރުކޮށްލައިގެން ގެނެސްދޭން މިހާރު ވިސްނުން ހުރީ،" އޭނާ ބުންޏެވެ.

ނަމަވެސް މި އަހަރު "ދެވަންސޫރަ" ގެ ދެވަނަ ސްކްރީނަށް އައުމުގެ ފުރުސަތު ކުޑަ އެވެ.

"ސިޔާސީ ހަލަބޮލިކަމާ އެކު، ފިލްމީ މަސައްކަތްތަކާއި ފިލްމީ ވިޔަފާރި އަށް ވަރަށް ބޮޑަށް އަސަރު ކުރާނެ. ދެވަންސޫރަ އަޅުވަން ކައިރިވި ދަނޑިވަޅާ ސިޔާސީ ގޮތުން ގައުމު ހަލޮބޮލިވެގެން މި ދިޔައީ. އޭގެ ސަބަބުން ފިލްމްގެ ވިޔަފާރި އަށް އަސަރު ވެސްކޮށްފައި އޮތީ،" ޔޫއްޕެ ބުންޏެވެ. "އެހެންވެ އަންނަ އަހަރުގެ ތެރޭގައި ދެވަނަ ބައި ގެނެސްދޭން މިހާރު ވިސްނުން ހުރީ."

މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން "ދެވަންސޫރަ" ދައްކަމުން އަންނަ އިރު، އޮލިމްޕަހުގައި މި މަހުގެ 17 އާ ހަމައަށް ޝޯތައް ދައްކާނެ އެވެ.

ޔޫއްޕެ ބުނީ ފިލްމަށް އާންމުންގެ ފަރާތުން ލިބުނު ކޮމެންޓްތައް ވަރަށް ޕޮޒިޓިވް ކަަމަށެވެ.

"ދިވެހި ސިނަމާ އަށް ވަރަށް އާ ޖޯންރާއެއް މިއީ. އެއާ އެކު ވެސް ފިލްމް ބެލި ގިނަ މީހުންގެ ފަރާތުން ލިބުނު ކޮމެންޓްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.

"ދެވަންސޫރަ" ގެ ކާސްޓުންގެ ތެރޭގައި ޔޫއްޕެ، އަލަށް ތައާރަފުވި މަރިޔަމް ޝިފާ، އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ)، އަހުމަދު ސައީދު، އަހުމަދު އީސަ (އާނަންދު)، ނާޝިދާ މުހައްމަދު (ނާއްކޮ)، ޖާދުﷲ އިސްމާއީލް (ޖާދު) އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ.