ޝަލަބީގެ "ޖަޒުބާތު" ވަރަށް ތަފާތު

ޝަލަބީ އިބްރާހީމްގެ ތަފާތު ވައްތަރެއްގެ ލަވައެއް އަޑުއަހާލަން ބޭނުން ނަމަ "ޖަޒްބާތު" އަކީ އޭގެ ލަވަޔަކަށް ވާނެ އެވެ. އޭނާ މީގެ ކުރިން ކިޔާފައި ހުރި ލަވަތަކާ ހިލާފަށް އާންމުންނަށް މި ފަހަރު ޑިމްބާ މިއުޒިކްގެ ތެރެއިން ދޫކޮށްލީ ދިވެހިވަންތަ ރަހަގަނޑު ވެސް ބޮޑު ލަވައެކެވެ.


"ޖަޒުބާތު" އަކީ މިއުޒިކީ ފަންނާނުންނާ އެކު "ދަމާ ގާޑިޔާ" ވެސް ގެނެސް ދޭ ޓީމްގެ އަލްބަމް "ގޮއްޔެ" ގެ ލަވަަތަކުގެ ތެރެއިން ލަވައެކެވެ. މި ލަވަ މިހާރު ޔޫޓިއުބުންނާއި ލަވަފޮށި ފަދަ ޕްލެޓްފޯމްތަކުން އަޑު އަހައިލެވޭނެ އެވެ. ހާއްސަކޮށް ލަވަފޮށީގައި "ޖަޒުބާތު" ގެ އަޑު ގަދަ އެވެ.

ޝަލަބީގެ މެނޭޖަރު އަބްދުﷲ ޝަފީގް (ސައްޕެ) ބުނީ އާ ލަވައަކީ ޝަލަބީ ކިޔާފައިވާ މުޅިން އާ ސްޓައިލެއްގެ ލަވައެއް ކަމަށެވެ.

"ލަވަ އަޑު އަހާލީމަ އެނގޭނެ އެކަން. އޭނަ ކުރިން ކިޔާފައި ހުރި ލަވަތަކާ ޖަޒުބާތު ލަވަ މާބޮޑަށް ވެސް ތަފާތު ވާނެ. މި ލަވަ މިހާރު ލަވަފޮށީގައި ވެސް ހިޓް،" އަންނަ ހަފުތާގައި ޝަލަބީގެ އާ ވީޑިއޯ ލަވައެއް ވެސް ނެރޭކަން ފާހަގަކޮށް ސައްޕެ ބުންޏެވެ.

މިދިޔަ އަހަރު އާންމު ކުރި "ގޮއްޔެ" އަލްބަމަށް ލަވަ ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ޓީވީއެމުން މިހާރު ދައްކަމުން އަންނަ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޖަޖުންގެ ތެރޭގައި ހިމެނޭ އިސްމާއީލް އައްފާނާއި ޒާރާ މުޖުތަބާ ހިމެނެ އެވެ.

"ގޮއްޔެ" އަލްބަމަށް ޝަލަބީ ކިޔައި ދީފައިވާ ލަވަ "ޖަޒުބާތު"

މީގެ އިތުރުން ބަތޫލް، ޝިއުޒް، ފަތޫ، ނިޝް ނާޝިދު، ހައިޝަމް، ޝުއައިބް، މާކޮ އަދި ޔާމީންގެ އަޑު ވެސް "ގޮއްޔެ" ގެ ލަވަތަކުން އިވިގެން ދާނެ އެވެ. ޑިމްބާ މިއުޒިކް އާއިލައަކީ ދިވެހި ފަންނާނުންގެ ދިވެހިވަންތަ ލަވަތައް ގެނެސް ދޭން ވަރަށް ފޯރި ހުންނަ ބައެކެވެ.

އެހެންވެ އެ އާއިލާގެ ތެރެއިން ޝަލަބީގެ އާ ސްޓައިލެއްގެ ލަވައެއް އަޑު އަހާލަން ލިބުމަކީ، އޭނާގެ ފޭނުން ނިކަން އުފާވާނެ ކަމަކަށް ވާނެ އެވެ.