ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް"ގައި ސަންސާ ސްޓާކްގެ ބައި ކުޅޭ ބަތަލާ ސޯފީ ޓާނާ އާއި ލޯބިވެރިޔާ، އެމެރިކާގެ އެކްޓަރު/ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި އެވެ.
ސޯފީ އާއި ޖޯނަސް ރާއްޖޭގެ ކޮކޯ ޕްރައިވް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރި ތަނުގެ ބައެއް ފޮޓޯތައް ވަނީ އިންސްޓަގްރާމްގައި އާންމުކޮށްފަ އެވެ. އެގޮތުން ރިސޯޓްގެ ގޮނޑުދޮށުގައި ސްވިމިންސޫޓެއް ލައިގެން، ޖޫސް ތަށްޓެއް ބޯލަން ޖައްސާލައިގެން އޮއްވައި ނަގާފައިވާ ފޮޓޯގައި އޭނާ ލިއެފައި ވަނީ "މިހުރީ ޕެރެޑައިސް" ގައި ކަމަށެވެ. އަދި ޓްވިޓާގައި ވެސް ސޯފީ ވަނީ އިތުރު ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
"ގޭމް އޮފް ތުރޯންސް" އިން ވިދާލި 21 އަހަރުގެ ބަތަލާ ލޯބިވެރިޔާ ޖޯއާ އެންގޭޖްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މިއީ އެންގޭޖްމަންޓް އިއުލާންކުރި ފަހުން ދެ މީހުން އެކުގައި ޗުއްޓީ އަށް ގައުމުން ބޭރަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ބުންޏެވެ. އަދި ރާއްޖޭގެ ޗުއްޓީ އަށް ރެއަކަށް 45،000 ޑޮލަރު ހޭދަކުރި ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
މިހާތަނަށް ހަތް ސީޒަން ދައްކައި، "ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ ސީޒަނަކަށް އެޗްބީއޯ އިން ތައްޔާރުވަމުން އަންނަ އިރު، މި ސިލްސިލާ އިން އެކްޓިންގެ ތެރެއަށް ވަން ސޯފީ ވަނީ ބައެއް ފީޗާ ފިލްމްތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި އެނަދަ މީ (2013) އަދި އެކްސް މެން-އެޕޮކެލިޕްސް (2016) ފާހަގަކޮށްލެވެ އެވެ.
މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ އަދި ޖެނިފާ ލޮރެންސް އާއި ޖެސިކާ ޗެއިސްޓެއިން ފަދަ އޭ ލިސްޓް ތަރިން ފެނިގެންދާ "އެކްސް މެން: ޑާކް ފީނިކްސް" އިން ވެސް ސޯފީ ފެނިގެން ދާނެ އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ ތުރިލާ "ޖޯޒީ" އިންނެވެ.