ސިޔާސީ ޝަކުވާތައް އޮއްސާލީ އެއްޗެއް ނުބުނެ ނުހުރެވިގެން: ނިއުމާ

މި ވެރިކަމާ ދޭތެރޭ އެއްގޮތަކަށް ވެސް ނުރުހޭ ކަމަށާއި ސިޔާސީ ވާހަކަ ދައްކަން ފެށީ ބުނަން ޖެހޭ އެއްޗެހި ނުބުނެވި ނުހުރެވިގެން ކަމަށް ބަތޮލާ ނިއުމާ މުހަންމަދު މިއަދު ބުނެފި އެވެ.


މީގެ ދެތިން ދުވަހެއް ކުރިން ނިއުމާ ކުރި ސިޔާސީ ޓްވީޓްތަކެއް އާންމުންގެ ތެރޭގައި "ވައިގައި" ހިފައިފައި ވަނިކޮށް، ބައެއް މީހުން ވަނީ އެ ޓްވީޓްތަކަށް އޭނާ އަށް ވަރަށް ޖެއްސުން ވެސް ކޮށްފަ އެވެ. އެއް ޓްވީޓެއްގައި ނިއުމާ ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

ނިއުމާގެ ޓްވީޓް

"ކުއްލި ނުރައްކަލުގެ ހާލަތު އޮންނަން ޖެހޭ ކަމަކަށް ވެސް އަހަރެން ގަބޫލެއް ނުކުރަން،" އެންމެ ގިނަ ފިލްމު ކުޅެ، ގައުމީ އެވޯޑާއި އާންމު ހިދުމަތުގެ އިނާމް ވެސް ހޯދާފައިވާ ހުނަރުވެރި ބަތޮލާ ބުންޏެވެ.

ސިޔާސީ ވާހަކަތަކެއް ދައްކަން ބޭނުން ނުވިޔަސް، ނިއުމާ މިއަދު ބުނީ، މިހާރު އޮތް ވެރިކަމާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނަނީ ގާނޫނާ ހިލާފަށް ކަންކަން ކުރާ ކަމަށް އޭނާ އަށް ގަބޫލުކުރެވުން ކަމަށެވެ.

"އަހަންނަކީ މާ ގާނޫނީ މީހެއް ނޫން. ގާނޫނު ކިޔަވައިގެން ހުރި މީހެއް ވެސް ނޫން. އެކަމަކު ގާނޫނާ ހިލާފަށް ކަންކަން ކުރަންޏާ އަހަރެމެންނަށް ވެސް އެކަން އެނގޭނެ،" އޭނާ ބުންޏެވެ. "އަހަންނަކީ އެހެން ނޫނަސް މި ސަރުކާރާ ދެކޮޅު މީހެއް."

ނިއުމާ ބުނީ، މީގެ ކުރިން ވެސް އޭނާ އަކީ ސިޔާސީ ވިސްނުން ފޭސްބުކްގައި ހިއްސާ ކުރަމުން އަންނަ މީހެއް ކަމަށެވެ. އެކަމަކު ނިއުމާ ބުނަނީ، މީހުންގެ ތެރޭގަައި އޭނާގެ ސިޔާސީ ވާހަކަތައް ކުއްލިއަކަށް ފެތުރިގެން އައީ ޓްވިޓާގައި އެއްޗެހިތަކެއް ލިޔެގެން ކަމަށެވެ.

"އަހަރެންގެ ހިޔާލާއި ފިކުރު އަހަރެން ފާޅުކުރާނަން،" އޭނާ ބުންޏެވެ. "އެއީ ކޮންމެހެން މަ މާ ބޮޑު ސިޔާސީ މީހަކަށް ވެގެނެއް ނޫން، އަދި ސިޔާސީ މީހަކަށް ވެސް ވާކަށް ނޫން."

"މިހާރު ރާއްޖޭގައި ސިޔާސީ ކަންތައްތައް މިދަނީ އަހަރެން އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫން. އަހަންނަށް ވަރިހަމަ ރާއްޖޭގައި ކޮންމެ ރައީސެއް ހުއްޓަސް. އަނެއްކާ މިހާރު މިއޮތް ކުއްލި ހާލަތަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. އަހަރެން ގަބޫލެއް ނުކުރަން ސްޓޭޓް އޮފް އެމަޖެންސީ ގެންނަން ޖެހޭ ސިޗުއޭޝަނެއްގައި ކަމަށް އަހަރުމެން މިތިބީ. ކުއްލި ހާލަތު އިއުލާނުކޮށްގެން ހިތުހުރި ގޮތަކަށް ކަންތައްކުރާ ސިޓުއޭޝަނެއްގައި ނޫން މިއޮތީ."