ރަކި ހިނިތުން: ވަކިން ލޯބިންގެ އާ ލަވައެއް

މިއީ "ރަކި ހިނިތުން" އެވެ. މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ، ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ފިލްމްގެ ހިތްގައިމު ލަވަތަކުގެ ތެރެއިން އަނެއްކާވެސް ބެލުންތެރިންނަށް ދޫކޮށްލި އިތުރު ލަވައެކެވެ.


"ޕަރީ" އާއި "ހިތުގެ ނަށާ ރާނީ" އަށް ފަހު، މި ފަހަރު އާންމުކުރި "ރަކި ހިނިތުން" އަކީ ޑުއެޓެކެވެ. ލަވަ ކިޔާފައި ވަނީ ފަތޯ އަދި އެހާ އާންމު ނޫން ނަމެއް ކަމަށްވާ އިންޝާ އަހުމަދެވެ. މިއީ ފަތޯގެ އަމިއްލަ މިއުޒިކަށް ހަދާފައިވާ ލަވައެކެވެ.

"ރަކި ހިނިތުން" ލަވައިގެ މަންޒަރުތަކުން ފެނިގެން ދަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ އެ ދެ މީހުން "ވަކިން ލޯބިން" ގައި ކުޅޭ ނުހާ އާއި އަޒާންގެ ލޯބީގެ ވާހަކަތަކުގެ ތެރެއިން ލޯބީގެ މާތައް ފޮޅުވައިދޭ ލަވައެކެވެ.

މިއީ އަޑު އަހާލަން ފަސޭހަ، މަޑުމައިތިރި ރާގަކަށް ކިޔާފައިވާ ލަވައެކެވެ. މިއީ ތަކުރާރުކޮށް އަޑު އަހާލައިގެން ފެވަރިޓަކަށް ވެސް ވެދާނެ ކަހަލަ ލަވައެކެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ "ވަކިން ލޯބިން" ސިނަމާ އަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ. އޮލިމްޕަހުގައ ފިލްމް ދައްކާ އިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވެސް ފިިލްމް ދައްކާނެ އެވެ.

މި ފިލްމަކީ އައިޝަތު ފުއާދު ތައުފީގްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފެމިލީ ޑްރާމާއެކެވެ. މި އަހަރުގެ ދެވަނަ ފިލްމެވެ.