"ލީނާ"ގެ ޝޫޓިން ނިންމާލައި، ކްރޫ އާއި ކާސްޓް މާލެ އަށް އަތުވެއްޖެ

މީގެ އަހަރުތަކެއް ކުރިން ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާ ފިލްމް "ލީނާ" ގެ ޝޫޓިން އއ. އުކުޅުގައި ނިންމާލައި، ކާސްޓާއި ކްރޫ މާލެ އަތުވެއްޖެ އެވެ.


އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، މުހިއްމު ރޯލަކުން ވެސް ފެނިގެންދާ ފިލްމްގެ ޝޫޓިން އަށް އުކުޅަހަށް ފުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"އެކޮޅުގައި ވަރަށް ހިތްހަމަޖެހޭ ގޮތަށް މަސައްކަތް ނިންމާލައި މާލެ މިއައީ. އެކަމަކު އަދި އެހެން ދިމާލެއްގައި ނަގަން ޖެހޭ ހަތަރު ވަރަކަަށް މަންޒަރު އެބަ އޮތް،" މުއާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި އެ މަންޒަރުތައް ވެސް ނަގައި ނިންމައިިލެވޭނެ."

މުއާ ބުނީ ފިލްމްގައި މިހާރު ކުރަން ހުރީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް ފަށާނީ އެޑިޓިން ކަމަށް ބުންޏެވެ.

އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ ފިލްމްގެ މައިގަނޑު ކާސްޓުންނަކީ މުއާއާ އެކު، ފިލްމްގެ ޓައިޓްލް ރޯލް ކުޅޭ މަރިޔަމް އައްޒަ، އަލީ (ދޮންއައްޔަ) އާޒިމް، ޒީނަތު އައްބާސް، އަހުމަދު ނިމާލް، ނުޒުހަތު (ނުޒޫ) ޝުއައިބް އަދި އަހުމަދު ސައީދެވެ.

ދޮންއައްޔަ: ފިލްމް "ލީނާ" ގެ މުހިއްމު ރޯލަކުން ފެންނާނެ.

މުއާ ބުނީ އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ ފިލްމްގެ ޕްރޮމޯޝަނަލް މަސައްކަތްތައް ވެސް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އެގޮތުން ފިލްމްގެ ޕޯސްޓަރާ އެއްޗެހި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދައްކައިލެވޭތޯ މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

މުއާ އާއި ސައްހާޔް އައްބާސް ޕްރޮޑިއުސް ކުރާ "ލީނާ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އެޕްރީލް މަހުގެ ފަހުކޮޅު ނުވަތަ މެއި މަހުގެ ކުރީކޮޅު އެވެ.

"ލީނާ" އަކީ މި އަހަރުގެ އެންމެ އުންމީދީ އަދި ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމެވެ.