ޓޭލާ ސްވިފްޓް (މ) އަދި ކެމީލާ ކެބެލޯ (ވ) އާއި ޗާލީ: ޓުއާގެ އޯޕަނިންގައި ދެ ފަންނާނުން ބައިވެރި ވާނެ.
03 މާޗް 2018 - 15:39
އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް މިދިޔަ އަހަރު ނެރުނު ކާމިޔާބު އަލްބަލް "ރެޕިއުޓޭޝަން" ޕްރޮމޯޓް ކުރަން މި އަހަރު ކުރިއަށް ގެންދާ ސްޓޭޑިއަމް ޓުއާގައި، މަޝްހޫރު އެހެން ދެ ފަންނާނަކު ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޒުވާން ލަވަކިޔުންތެރިޔާގެ ޓުއާގައި، ލަވަކިޔުންތެރިޔާ ކެމީލާ ކެބެލޯ ބައިވެރިވާނެ ކަމުގެ އަޑުތަކެއް ފެތުރެމުން ދަނިކޮށް، ޓޭލާ ވަނީ ޓްވިޓާގައި އެކަން މިހާރު ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ "ރެޕިއުޓޭޝަން ޓުއާ" ގެ ހަތަރު ވަނަ ލެފްގައި އޭނާއާ އެކު އޯޕަނިންގައި ކެމީލާގެ އިތުރުން އިނގިރޭސި ލަވަކިޔުންތެރިޔާ ޗާލަޓް އެމާ އެކިޒަން (ޗާލީ އެކްސްސީއެކްސް)، 25، ބައިވެރި ވާނެ ކަމަށެވެ.
ޓޭލާ މިކަން އިއުލާން ކުރުމާ އެކު ކެމީލާ އާއި ޗާލީ ވަނީ އެ މީހުންގެ އިހުސާސްތައް ވެސް ޓްވިޓާގައި ބަންޑުންކޮށްލައިފަ އެވެ. އެގޮތުން މިއީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި މިފަދަ ފުރުސަތެއް ދިނީތީ ޝުކުރު އަދާ ކަމަށް ކުރާ ކަމަށް ދެ މީހުން ވެސް ބުނެފައިވެ އެވެ.
I have a very exciting update to share... @Camila_Cabello and @charli_xcx will be the opening acts on the #reputationStadiumTour!!! pic.twitter.com/LAjmecVOrJ
— Taylor Swift (@taylorswift13) March 1, 2018
ޓޭލާގެ ޓްވީޓް.
މި އަހަރުގެ ނޮވެމްބަރު މަހުގެ 9 އާ ހަމައަށް ދެމިގެންދާ ޓުއާ ފަށަން ހަމަޖެހިފައި ވަނީ އަންމަ މެއި މަހުގެ 8 ގަ އެވެ.
ޓޭލާއެކު ކެމީލާ އާއި ޗާލީ ނުކުންނަ އިރު، އެ ދެ ފަންނާނުން ވެސް ވަނީ ދާދި ފަހުން ވަރަށް ކާމިޔާބު އަލްބަމްތަކެއް ނެރެފަ އެވެ. އެގޮތުން ކެމީލާ ނަން ދީފައިވާ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމްގެ ލަވަތަކުގެ ތެރެއިން "ހަވާނާ" އާއި "ނެވަ ބީ ދަ ސޭމް" އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ދެ ލަވަ އެވެ. އަދި ޗާލީގެ މިކްސްޓޭޕް އަލްބަމް "ޕޮޕް 2" ވެސް ވަނީ ވައިގައި ހިފައިފަ އެވެ.
"ރެޕިއުޓޭޝަން ސްޓޭޑިއަމް ޓުއާ" އަރިޒޯނާ އިން ފަށައިގެން ނިއުޒިލަންޑްގެ އޯކްލަންޑުން ނިންމާލަން ރޭވިފައިވާ އިރު، ޓުއާގެ ތެރޭގައި ޖުމްލަ 51 ޝޯ ދޭނެ އެވެ. އެގޮތުން އުތުރު އެމެރިކާގެ 40 ސިޓީއަކާއި ޔޫރަޕްގެ ހަ ގައުމަކާއި އޯޝެނިއާގެ ފަސް ގައުމެއްގައި ޝޯ ދޭނެ އެވެ.
ޓޭލާއަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ފޮޓޯގްރަފިކް އިންޑަސްޓްރީ (އައިއެފްޕީއައި) އެކުލަވައިލި 2017 ގެ އެންމެ ކާމިޔާބު އާޓިސްޓުންގެ ތިން ވަނައިން ޖާގަ ހޯދި ފަންނާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy