ބިޔޯންސޭ އާއި ޖޭ-ޒީ: "އޮން ދަ ރަން 2" އަންނަނީ ތައްޔާރުވަމުން ކަމަށް ރިޕޯޓްތައް ބުނޭ.
07 މާޗް 2018 - 06:40
މިއުޒިކް އިންޑަސްޓްރީގައި އެންމެ ނަން ހިންގާ ދެ ފަންނާނުންގެ ތެރޭގައި ހިމެނޭ ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭ-ޒީ އެކުގައި މި އަހަރު ޓުއާއަކަށް ނުކުންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"އޮން ދަ ރަން" ގެ ނަމުގައި ފެށި ޓުއާގެ ދެވަނަ ލެގް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބިޔޯންސޭ އިއުލާން ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ޕޯސްޓް ޑިލީޓްކޮށްލި ނަމަވެސް، ބިޔޯންސޭ އާއި ޖޭ-ޒީގެ ވާހަކަތައް ގެނެސްދޭ ސޯޝަލް މީޑިއާ ހޭންޑްލްތަކުން ވަނީ ޓުއާ މި އަހަރު ބާއްވާނެކަން ޔަގީންކޮށްފަ އެވެ. އަދި ޖުލައިގައި ފަށާ ޓުއާގެ ޓިކެޓްގެ ޕްރި ސޭލިން އަށް ވެސް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ބުންޏެވެ.
"އޮން ދަ ރަން" ޓުއާއަކީ ޖޭ-ޒީ އާއި ބިޔޯންސޭ އެކުގައި ޕަމޯމް ކުރަން 2014 ގައި ލޯންޗް ކުރި ޓުއާއެކެވެ.
On The Run 2? Beyoncé and Jay Z set to tour again in the summer! pic.twitter.com/5nG8v1Z8ph
— Yoncé Hub (@theyoncehub) March 5, 2018
ބިޔޯންސޭ އާއި ޖޭ-ޒީގެ ޓުއާއާ ބެހޭ ޓްވީޓެއް.
އެގޮތުން ދެމަފިރިން އެކުގައި ނުކުންނަ "އޮން ދަ ރަން 2" ޓުއާ ފަށާނީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެކަމުގެ އެންމެ ފަހިގެ ތައްޔާރީވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ދެ މީހުންނާ ގާތް ބައެއް މީހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ޓުއާ އަށް ތައްޔާރުވަމުން އަންނާތީ ބިޔޯންސޭ އާއި ޖޭ-ޒީ އާ ލަވަތަކެއްގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޖޭ-ޒީ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރު ނެރުނު 4:44 އެވެ. އަދި ބިޔޯންސޭގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގައި ނެރުނު "ލެމަނޭޑް" އެވެ. ޓުއާއަކަށް ދެ މީހުން އަލުން އެކުގައި ނުކުންނަ އިރު، ބިޔޯންސޭ އާއި ޖޭ-ޒީ އަށް ވަނީ މިދިޔަ އަހަރު އެއްމާނޑު ދެ ކުދިން ވެސް ލިބިފަ އެވެ. އެ ދެ މީހުންގެ ތިން ކުދިން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy