"ވަކިން ލޯބިން"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

"ވަކިން ލޯބިން" ބެލި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ނުޒުހަތު (ނުޒޫ) ޝުއައިބް ކުޅުނު ރޫނާގެ ރޯލް ދެކެ ލޯބިވި މީހުން ގައިމު ވެސް މަދެއް ނުވާނެ އެވެ. ބޮޑާކަމާއި ކިބުރުވެރިކަމާއި އަމިއްލަ އެދުމުން ފޯވެފައިވާ ރޫނާގެ ކެރެކްޓާ ޒުވާން ބަތަލާ ވަނީ މޮޅަށް ދައްކުވައި ދީފަ އެވެ.


އޭނާގެ ރޭވުންގަނޑު ފަޅާއަރާ ހިސާބުން އަމިއްލަ އަށް ބޭސްތަކެއް ކައިގެން "ޚަބަރު ހުސްވަނީ" އެވެ. އެކަމަކު އެ ހިސާބުން ރޫނާ މަރުވީ ކަމަށް ބަލަންވީ ބާވަ އެވެ؟ އެ ސުވާލު އުފެއްދުމުގެ ޖާގަ މިހާރު މި ވާ ގޮތުން އެބަ އޮތެވެ.

"ވަކިން ލޯބިން" އަށް އިތުރު ޝައުގުވެރި ކަމެއް އުފެދެނީ މީގެ ދެވަނަ ބައެއް ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސް ދޭނެކަން އިއުލާންކޮށްފައިވާތީ އެވެ. ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނި ގޮތުގައި ފިލްމްގެ ދެވަނަ ބައި 2020 ގައި ގެނެސް ދޭނެ އެވެ. މައިގަނޑު ކާސްޓުންނަކީ ހަމަ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާގެ އިތުރުން ނުޒޫ އެވެ.

އެހެންވެ ރޫނާގެ ކެރެކްޓާ އަށް ވާނެ ގޮތެއް އަދި ސާފުވާން އަދި އޮތީ އެވެ. އޭނާ މަރުވީތޯ ނޫންތޯ މިހާރު އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ޔަގީނުން ވެސް މިހާރު ރޫނާ މަރުވީ ކަމަކަށް އަދި ނިންމޭކަށް ނެތެވެ.

"ހިނގާ ނިކަން ބަލަމާ ވާ ގޮތެއް. އަހަރެމެން މިހާރު ފިލްމްގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ވެސް ރާވައިފިން،" މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަށް ހެދި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

މޮގާ ބުނި ގޮތުގައި "ވަކިން ލޯބިން" ގެ ޕްރިކްއެލް ނިންމާލީ، މީގެ ވާހަކައިން އިތުރު ކުރިތައް ފަޅުވައިގެން ވާހަކަ އިތުރަށް ބެލުންތެރިންނަށް ކިޔައި ދެވޭ ގޮތަށް ވިސްނައިގެންނެވެ.

"އަނެއްކާ ފިލްމް ބެލި ގިނަ މީހުންނަށް ފިލްމް ވަރަށް ކަމުގޮސްފި. އެހެންވެ ބޭނުންވޭ މި ވާހަކަ އިތުރަށް ކުރިއަށް ގެންގޮސް، ބެލުންތެރިންގެ ހިތުގައި އުފެދުނު ބައެއް ސުވާލުތަކަށް ޖަވާބު ވެސް ދޭން،" މޮގާ ބުންޏެވެ.

މޮގާ ބުނީ "ވަކިން ލޯބިން" ވެސް ޑައިރެކްޓް ކުރާނީ ޕްރިކްއެލްގެ ވެސް ޑައިރެކްޓަރު އަލީ (ޗިއްޕެ) ޝިފާއު ކަމަށެވެ.

"ވަކިން ލޯބިން" ގެ ޓްރެއިލާ.

"ވަކިން ލޯބިން" ގެ ޝޯތައް މި މަހުގެ 5 އިން ފެށިގެން ކާމިޔާބުކަމާ އެކު، އޮލިމްޕަހާއި ރާއްޖޭގެ އެކި ރަށްރަށުގައި އަންނަނީ ދައްކަމުންނެވެ.

"ވަކިން ލޯބިން" ގެ ސީކްއެލްއެއް ގެނެސް ދޭން ޑާކް ރެއިނުން ނިންމި އިރު، އެ ސްޓޫޑިއޯ އިން 2016 ގައި ގެނެސް ދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" ގެ ދެވަނަ ބައެއް ގެނެސް ދޭން ވެސް އޮތީ ނިންމައިފަ އެވެ. އެ ފިލްމަކީ މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި 22 ނޮމިނޭޝަން ލިބި، 9 ކެޓަގަރީއަކުން އެވޯޑް އުފުލައިލި ފިލްމެކެވެ.

އެހެންވެ "ވާށޭ މަށާއެކީ" ގެ ޖާދޫގައި ޖެހުނު މީހުން ތިބީ ސީކްއެލްގެ ހަނދާން ނައްތާލާ ކަހަލަ ގޮތަކަށް ނޫނެވެ.