"އޮކްޓޯބާ" ގެ ޕޯސްޓަރެއްގައި ވަރުން އާއި ބަނީތާ.
13 މާޗް 2018 - 06:44
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ސުޖިތު ސިރްކާގެ އާ ފިލްމް "އޮކްޓޯބާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
އަންނަ މަހުގެ 13 ގައި ރިލީޒްކުރާ ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ވަރުން ދަވަން އާއި ބޮލީވުޑަށް އަލަށް ތައާރަފުވާ ބަނީތާ ސަންދޫ އެވެ.
އަބަދު ވެސް އާދަޔާހިލާފު މޮޅު ވާހަކަތަކަށް ފިލްމްތައް ގެނެސް ދޭން މަޝްހޫރު ސުޖިތުގެ "އޮކްޓޯބާ" އަކީ 2014 ގައި ދީޕިކާ ޕަދްކޯނާއި އަމީތާބް ބައްޗަން އަދި އިރްފާން ހާން މުހިއްމު ރޯލްތައް ކުޅުނު "ޕީކޫ" އަށް ފަހު، އޭނާ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ. "އޮކްޓޯބާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނީ "ޕީކޫ" ލިޔުނު ޗޫހީ ޗަތުރަވެދީ އެވެ.
ފިލްމްގެ ޓްރެއިލާ އިން މިއީ ވަރަށް ސީރިއަސް ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެއްކަން އެނގެ އެވެ. ވަރުން އާއި ބަނީތާ ޓްރެއިލާ އިން ފެންނަނީ ހޮޓަލެއްގައި މަސައްކަތް ކުރާ ދެ މީހުންގެ ގޮތުގަ އެވެ. އެކަމަކު މީގެ ވާހަކަ ފުރޮޅިގެން އަންނަ ގޮތް އެނގޭނީ ސްކްރީނުން ފިލްމް ބަލައިލަން އާންމުންނަށް ލިބޭ ހިސާބުންނެވެ.
ޔަގީނުން ވެސް ސުޖިތުގެ ފިލްމެއް ނަމަ، ބެލުންތެރިން ސިނަމާ އިން މާޔޫސްވެގެނެއް ނުނިކުންނާނެ އެވެ. އަނެއްކޮޅުން އޭނާ ވަނީ "އޮކްޓޯބާ" އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައި ދޭނެ ފިލްމެއް ކަމަށް ބުނެ، ފިލްމްގެ ލީޑް ތަރިންނަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"ވިކީ ޑޯނާ" ވެސް ގެނެސް ދިން ޑައިރެކްޓަރު ބުނި ގޮތުގައި ބަނީތާއަކީ އެކްޓް ކުރަން މޮޅު، ވަރަށް ހުނަވެރި ބަތަލާއެކެވެ. އަދި އެކަން "އޮކްޓޯބާ" އިން އޭބާ ސާބިތުކޮށް ދޭނެ ކަމަށް ބުންޏެވެ.
ފިލްމާ ބެހޭ ގޮތުން ވަރުން ބުނެފައި ވަނީ މިއީ "ބަދްލާޕޫރް" އަށް ފަހު، އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ފިލްމް ކަމަށެވެ. އަދި ސުޖިތުއާ އެކު ކުރަން ޖެހުނީ ތަފާތު ތަޖުރިބާއެއް ކަމަށް ޒުވާން އެކްޓަރު ބުންޏެވެ.
"އޮކްޓޯބާ" ވެގެން ދާނީ މިދިޔަ އަހަރު ރިލީޒް ކުރި "ޖުޅްވާ" އަށް ފަހު، ރިލީޒްވާ ވަރުންގެ ފުރަތަމަ ފިލްމަށެވެ. އޭނާ މިހާރު އަންނަނީ އަނުޝްކާ ޝަރްމާއާ އެކު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާ އެނގޭ
14 March 2018
ސިރްކާ އެއް ނޫން. ސަރުކާރު*.