ޑާކް ރެއިންގެ "ގޮށްރާޅު" ޑިސެމްބަރަށް ފަސްކޮށްފި

އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން އޮތް، ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "ގޮށްރާޅު" މި އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރާ ގޮތަށް ފަސްކޮށްފި އެވެ.


ޑިސެމްބަރުގައި ފިލްމް އަޅުވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ކަނޑައެއް ނާޅަ އެވެ.

ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ "ގޮށްރާޅު" ރިލީޒްކުރުން ފަސްކޮށްލި މައިގަނޑު އެއް ސަބަބީ ރާއްޖޭގެ ސިޔާސީ މާހައުލު ވެސް އޮތް ގޮތުން ކަމަށެވެ.

"އެހެންވެ އަހަރެމެން މިހާރު އުންމީދުކޮށްގެން މި ތިބެނީ ރިޔާސީ އިންތިހާބާ އެއްޗެހި ވެސް ބާއްވައި، ޑިސެމްބަރާ ހަމައަށް އަންނަ އިރު، ގައުމުގައި މިހާރު މިއޮތް ހާލަތަށް ހެޔޮ ބަދަލެއް އައިސް ހަމައަކަށް އެޅޭނެ ކަމަށް،" މިހާރު ސިނަމާގައި ދައްކަމުން އަންނަ "ވަކިން ލޯބިން" ގެ ވެސް ޕްރޮޑިއުސަރު ބުންޏެވެ.

"ގޮށްރާޅު" އަކީ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ ކްރައިމް ތުރިލާއެކެވެ. ޝިނާނަކީ ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގައި ބިރުވެރި ފިލްމް "4426" ގެނެސް ދިން ޑައިރެކްޓަރެވެ.

ގިނަ އެވޯޑްތަކެއް ހޯދި ދެ ފިލްމް ކަމަށްވާ "ހެޕީ ބާތު ޑޭ" އާއި "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހަދާ، "ގޮށްރާޅު" އަކީ ގޭންގް ލީޑަރެއް ލޯބިވެރިއަކާ ހެދި އުޅެން ފެށުމުން ދިމާވާ މައްސަލަގަނޑެއްގެ ތެރެއިން ދިމާވާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ.

ފިލްމްގެ މުހިއްމު ރޯލްތަކުން ފެންނާނީ އަލަށް ތައާރަފު ހަސަން (ޒަކިއްޓެ) އިރްފާނާއި އައިޝަތު ތަސްނީމާއި ޑާކް ރެއިންފެ ޑާލިން ޖުމައްޔިލް (ޖުމަލް) ނިމާލް އެވެ. މީގެ އިތުރުން ވެސް ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އާ މޫނުތައް ގިނަ އެވެ.

ކާސްޓުންގެ ތެރޭގައި އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން، އަހުމަދު ނާޝިތު، ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ އަދި އިސްމާއީލް (ކޮޕީ އިއްސެ) ރަޝީދު ވެސް ހިމެނެ އެވެ.

ސިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން "ގޮށްރާޅު" ގެ މޯޝަން ޕޯސްޓަރު މިދިޔަ މަހު ދައްކާލައިފައިވާ އިރު، ފިލްމްގެ ޝޫޓިންގެ 80 ޕަސަންޓް ވަނީ ނިންމައިފަ އެވެ.