މިހާރު "މާމުއި" އަކީ ފީޗާ ފިލްމެއް، ވެބް ސީރީޒެއް ނޫން

"މާމުއި" ގެ ނަމުގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ހަދަން އުޅުނު ވެބް ސީރީޒް ފީޗާ ފިލްމެއްގެ ގޮތުގައި ގޮތުގައި ގެނެސް ދޭން ނިންމައި، ފިލްމްގެ ބައެއް ކާސްޓުން ވެސް އިއުލާންކޮށްފި އެވެ.


އައިޝަތު ފުއާދު ތައުފީގާ އަލީ (ޗިއްޕެ) ޝިފާއުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމް ޑައިރެކްޓް ކުރާނީ ވެސް ޗިއްޕެ އެވެ.

ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނި ގޮތުގައި ޑާކް ރެއިނުން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ "މާމުއި" ގަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި މީގެ ކުރިން އެ ސްޓޫޑިއޯގެ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ތަރިން ހިމެނެ އެވެ. އޭގެ ތެރޭގައި މަރިޔަމް އައްޒަ، ޝީލާ ނަޖީބް، މަރިޔަމް (މަޖޫ) މަޖުދާ އިބްރާހީމް (ފުބޫ) ޝާފިއު، އަހުމަދު ސުނީ ނުޒުހަތު (ނުޒޫ) ޝުއައިބް، އާދަމް (ރެކްސް) ރިޒްވީ، އަލީ ޝަޒްލީމް، އިބްރާހީމް އަމާން، ނޫރާ އަލީ، ހަމްދާން ފާރޫގް، އައިޝަތު (އައިޝާ) ޔާދާ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި ޑާކް ރެއިންގެ ފިލްމަކުން އަލަށް ފެންނަ އިސްމާއީލް (ޖުމާ) ޖުމައިހް ހިމެނެ އެވެ.

މޮގާ ބުނީ "މާމުއި" އިން އެ ތަރިންތަކުގެ އިތުރުން ވެސް ބައެއް އެކްޓަރުން ފެނިގެން ދާނެ ކަމަށެވެ.

އޭނާ ބުނީ މަޖާ ކަންތައްތަކެއްގެ މައްޗަށް ހަދާ "މާމުއި" ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމި މައިގަނޑު ސަބަބަކީ، އޭތި ވެބް ސީރީޒެއްގެ ގޮތުގައި ގެނެސް ދޭން ސްޕޮންސަ ނުލިބުން ކަމަށެވެ.

"އެހެންވެ ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމީ. އަނެއްކާ މީތި ފިލްމެއްގެ ގޮތުގައި ސްކްރީނުން ބަލާލަން މާ ފައްކާ ވާނެ. ވަރަށް މަޖާ ކަންތައްތަކެއް ހުންނާނެ މާމުއިގައި،" މިހާރު ސިނަމާގައި އޮތް "ވަކިން ލޯބިން" ގެ ވެސް ޕްރޮޑިއުސަރު ބުންޏެވެ. "އެކަމަކު އަހަރެމެންގެ ވިސްނުން އެބަ ހުރި ފަހުން، މާމުއިގެ ބައެއް އިންޑިވިޖްއަލް ކެރެކްޓާތައް އިތުރަށް ޑިވެލޮޕްކޮށްގެން ވެބް ސީރީޒެއް ހަދަން."

"މާމުއި" ގެ ދެ ޕްރޮޑިއުސަރުން ކަމަށްވާ މޮގާ އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގް.

"މާމުއި" ވެގެން ދާނީ ޑާކް ރެއިނުން އަންނަ އަހަރުން ގެނެސް ދޭ ތިން ފިލްމްގެ ތެރެއިން ފުރަތަމަ ފިލްމަށެވެ. "މާމުއި" ރިލީޒް ކުރަން އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.

އެ ސްޓޫޑިއޯ އިން ދެން އެންމެ އަވަހަށް ސިނަމާ އަށް ގެންނާނީ ޑިސެމްބަރުގައި ރިލީޒް ކުރާ "ގޮށްރާޅު" އެވެ.