މީގެ 18 އަހަރު ކުރިން ހިނގާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އިން ހިޔާލު ހޯދައިގެން މަޝްހޫރު އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ހަދަން ނިންމާފައިވާ ޑްރާމާ ސިލްސިލާ "ލީނާ" ގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ މި ޑްރާމާ ސިލްސިލާގައި ހިމެނެނީ ފަސް އެޕިސޯޑެވެ. މި ޑްރާމާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާނީ ވެސް މުއާ އެވެ.
މީގެ މަސައްކަތް ކުރިން ފަށަން ރޭވީ މި އަހަރުގެ ކުރީކޮޅު ކަމަށް ވިޔަސް، އެހެން ޕްރޮޖެކްޓްތަކެއްގައި މުއާ ބިޒީވެގެން "ލީނާ" މަޑު ޖައްސައިލީ އެވެ.
"މިހާރު މިއޮތީ ސްކްރިޕްޓަށް ވެސް ކުދިކުދި ބައެއް ބަދަލުތައް ގެނެސް ވަރަށް ފުރިހަމަ ވަރަށް ވަރުގަދަ ސްކްރިޕްޓެއް ފައިނަލް ކުރެވިފައި،" މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގައި އެމްޑަބްލިއުއެސްސީގެ ޑްރާމާ ޑައިރެކްޓް ކުރި މުއާ ބުންޏެވެ. "ޒަރީރުގެ ވަރަށް ފުރިހަމަ މަސައްކަތެއް މިއީ. ސްކްރިޕްޓާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ."
އޭނާ ބުނީ ކުރިން ރޭވި ގޮތާ ހިލާފަށް "ލީނާ" ގެ ކާސްޓަށާއި ފިލްމް ޝޫޓް ކުރާ ލޮކޭޝަނަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ޑްރާމާ ޝޫޓް ކުރަން ކުރަން ނިންމީ ށ. އަތޮޅުގަ އެވެ.
ޑްރާމާގެ ޓައިޓްލް ރޯލް މިހާރު ޒުވާން ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އަށް ހުށަހަޅާފައިވާ އިރު، ޑްރާމާގެ ލީޑިން އެކްޓަރަކަށް އާ މީހަކު އަންނަނީ ހޯދަމުންނެވެ. ކުރިން އެ ރޯލަށް ހަމަޖެއްސީ އަހުމަދު އަޒްމީލް (އަޒޭ) އެވެ.
"ޑްރާމާގެ ބަތަލާގެ ރޯލަށް އަޒޫ ގެންނަން ބޭނުން ވަނީ. އޭނާއާ ވާހަކަ ދައްކަމުން މި އަންނަނީ. އެކަމަކު އަޒޫގެ ޝެޑިއުލް ވަރަށް ޓައިޓްކޮށް އުޅެނީ. އެހެން ނަމަވެސް އޭނަ އަށް ވަގުތު ދެވޭނެ ކަމަށް ބަލައިގެން މި އުޅެނީ،" މިހާރު ކ. އަތޮޅުގެ ރަށެއްގައި ޝޫޓް ކުރަން ނިންމާފައިވާ "ލީނާ" އާ ބެހޭ ގޮތުން މުއާ ބުންޏެވެ.
"ދެން މީގެ ލީޑް އެކްޓަރަކަށް އާ މީހަކު މި ހޯދަނީ. އެ ރޯލަކީ ވަރަށް ވަރުގަދަ އަދި ބޮޑު ރޯލެއް."
މުއާ ބުނީ "ލީނާ" ގެ ޝޫޓިން އަށް ނަގާނީ 10 ވަރަކަށް ދުވަސް ކަމަށެވެ. އަދި ޕޯސްޓް ޕްރޮޑަކްޝަނަށް ނަގާނީ 15 ދުވަސް ކަމަށް ބުންޏެވެ.
"މީތި ފެންނާނެ މި އަހަރު. ޗެނަލް 13 އާ އެކު މިހާރު ވަނީ މި ޑްރާމާ ސިލްސިލާ ދެއްކުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުގައި،" އޭނާ ބުންޏެވެ. "ފެންވަރު ރަނގަޅު ބެލުންތެރިން ބަލާ ހިތްވާ ކަހަލާ ޑްރާމެއް ގެނެސް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް."
މުއާ ބުނީ "ލީނާ" އަކީ އޭނާ ހަދަން ހިތުލައިގެން ހުންނަތާ ޒަމާންތަކެއް ވެފައިވާ އެއްޗެއް ކަމަށެވެ.
"އެހެންވެ ހަމަ ގައިމުވެސް އެއްޗަކަށް އެއްޗެއް ހަދާފައި ދުލެއް ނުކުރާނަން. އަހަރެންގެ މެކްސިމަމް ދީފައި މީތި ބެލުންތެރިންނަށް ދޫކޮށްލާނީ،" މުއާ ބުންޏެވެ.
އޭނާ ބުނީ "ލީނާ" ތީމް ލަވައިގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
"ކާސްޓުން ފައިނަލްވިހާ އަވަހަކަށް ޝޫޓިން ފަށައި ގަންނާނަން،" މީގެ ކުރިން ވެސް ބައެއް ކުރު ފިލްމްތައް ޑައިރެކްޓްކޮށް، އެވޯޑް ހޯދާފައިވާ އެކްޓަރު ބުންޏެވެ.