މި މަހު ޑާކް ރެއިނުން އަލުން ސްކްރީނަށް ގެންނަން ނިންމާފައިވާ ތިން ފިލްމްގެ ޕޯސްޓަރުތައް.
01 އެޕްރީލް 2018 - 06:45
ޑާކް ރެއިން އެންޓަޓައިންމަންޓުން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ތިން ފިލްމް އަލުން އަނެއްކާ ވެސް މި މަހު އޮލިމްޕަސް ސްކްރީނަށް ގެންނަން ނިންމައިފި އެވެ.
އެ ތިން ފިލްމަކީ މިދިޔަ މަހުގެ 5 ގައި ރިލީޒްކޮށް، 23 ވަނަ ދުވަހާ ހަމައަށް ދެއްކި "ވަކިން ލޯބިން" އާއި މިދިޔަ އަހަރު އެޅުވި "މީ ލޯތްބަކީ" ގެ އިތުރުން 2016 ގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ވާށޭ މަށާއެކީ" އެވެ.
ޑާކް ރެއިނުން ބުނި ގޮތުގައި "ވަކިން ލޯބިން" އަޅުވާނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ. އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓްކޮށް، ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާ އަދި ނުޒުހަތު (ނުޒޫ) ޝުއައިބް ލީޑް ރޯލް ކުޅުނު އެ ފިލްމަކީ ފެމިލީ ޑްރާމާއެކެވެ.
މިދިޔަ އަހަރު ބޭއްވި 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ނުވަ އެވޯޑް އުފުލައިލި "ވާށޭ މަށާއެކީ" އަޅުވާނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. މިއީ ޗިއްޕެ ޑައިރެކްޓްކޮށް، ޖުމަލް އާއި މަޖޫ ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ވާށޭ މަށާއެކީ" އުފުލައިލި އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ބަތަލު އަދި އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހިމެނެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ރޭ އަޅުވާނީ މިދިޔަ އަހަރު ޑާކް ރެއިނުން ގެނެސް ދިން ރޮމޭންޓިކް ކޮމެޑީ "މީ ލޯތްބަކީ" އެވެ. މި ވެސް ހަމަ ޗިއްޕެގެ ޑައިރެކްޝަނެކެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމްގެ މުހިއްމު ދެ ތަރިންނަކީ ޖުމަަލް އާއި މަރިޔަމް އައްޒަ އެވެ.
ޑާކް ރެއިނުން ބުނި ގޮތުގައި މި ތިން ފިލްމްގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.
ކާމިޔާބު ފިލްމްތަކެއް ގެނެސް ދެމުން އަންނަ ސްޓޫޑިއޯގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރާ ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ. މިއީ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޑާކް ރެއިނުން ވަނީ އަންނަ އަހަރު ތިން ފިލްމެއް ގެނެސް ދޭން ވެސް ޕްލޭންކޮށްފަ އެވެ. އެގޮތުން ވަރުގަދަ ބޮޑު ކާސްޓެއް ހިމެނޭ "މާމުއި" ޖެނުއަރީގައި ގެނެސް ދޭން ވަނީ އަމާޒު ހިފައިފަ އެވެ. މި ފިލްމަކީ ވެސް ޗިއްޕެ ޑައިރެކްޝަނެކެވެ.
ޑާކް ރެއިނުން ބުނާ ގޮތުގައި "މާމުއި" ވެގެން ދާނީ އެ ސްޓޫޑިއޯގެ އެންމެ ބޮޑު ޕްރޮޖެކްޓަށެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އޭ ލިސްޓް ތަރިން ގިނަކަން ވެސް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy