"މާމުއި"ގެ ޝޫޓިން ރޯދައިގެ ފަހުން ފަށަން ނިންމައިފި

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ފިލްމް "މާމުއި" ގެ ޝޫޓިން ރޯދައިގެ ފަހުން ފަށާ ގޮތަށް ނިންމައިިފި އެވެ.


ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީ ބުނީ ރޯދައިގެ ފަހުން ޝޫޓިން ފަށަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން "މާމުއި" ގެ ކާސްޓް އެއްކޮށް މިހާރު ފައިނަލްވެފައިވާ ކަމަށް ބުންޏެވެ.

މި ފިލްމަކީ މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަލީ (ޗިއްޕެ) ޝިފާއުގެ ސްކްރީންޕްލޭއަކަށް ހަދާ ކޮމެޑީއެކެވެ. "މާމުއި" ޑައިރެކްޓް ކުރާނީ ވެސް ޗިއްޕެ އެވެ.

"އަހަރެމެން މިހާރު މި އަންނަނީ ފިލްމްގެ ކާސްޓް އެއްކޮށް ދައްކައިލުމުގެ ގޮތުން ފޮޓޯޝޫޓްތަކެއް ވެސް ބާއްވަމުން،" މޮގާ ބުންޏެވެ. "ވަރަށް އަވަހަށް މުޅި ކާސްޓް އިއުލާން ކުރާނަން."

"މާމުއި" ގެ ކާސްޓުންގެ ތެރޭގައި ރާއްޖޭގެ މިހާރުގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. މިހާރު އިއުލާންކޮށްފައިވާ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން "މާމުއި" ގެ ކާސްޓުންގެ ތެރޭގައި ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ. އޭނާ ކުރިން ވަނީ މުހައްމަދު (ޓެޑްރީ) ނިޔާޒް ގެނެސް ދިން "ބިތުފަންގި" ޑްރާމާގައި ވެސް މަސައްކަތްކޮށްފަ އެވެ.

ޑާކް ރެއިނުން ބުނި ގޮތުގައި އަމާޒަކީ "މާމުއި" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސްކްރީނަށް ގެނައުމެވެ.

ދާދި ފަހުން "ވަކިން ލޯބިން" ގެނެސް ދިން ސްޓޫޑިއޯ އިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ ޑިސެމްބަރު މަހު ރިލީޒް ކުރާ އަހުމަދު ޝިނާންގެ ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.