"ނިވައިރޯޅި" ހާއްސަވާ 3 ސަބަބު

މި އަހަރު ރިލީޒް ވާން ހުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އެއް ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް "ނިވައިރޯޅި" އެވެ. މިއީ އޭނާ ސްކްރީނުން ފެންނާނެ ފަހު ފިލްމަށްވާތީ، ފިލްމަކީ ކޮން ކަހަލަ، ކިހާ ވަރެއްގެ ފިލްމެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ބޮޑެވެ.


"ނިވައިރޯޅި" އަކީ ނިއުމާ ހަމައެކަނި ބަތަލާގެ ރޯލް ކުޅޭ ފިލްމެއް ވެސް ނޫނެވެ. މިއީ އޭނާ ޕްރޮޑިއު ވެސް ކުރާ ފިލްމެކެވެ. ބެލެވޭ ގޮތުން "ނިވައިރޯޅި" ސިނަމާ އަށް އަންނާނީ ނިއުމާގެ އުފަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮކްޓޯބަރު 20 ގަ އެވެ.

މި ފިލްމް ހާއްސަވާ މުހިއްމު ތިން ސަބަބަކަށް ބަލައިލަމާ ހިނގާށެވެ.

ނިއުމާ

މި ނަމާ އެކު ޔަގީންވާނެ ކަމަކީ އެކްޓިން މޮޅު ވާނެ ކަމެވެ. އެކަމަކާ އެއްވެސް ޝައްކެއް ނެތެވެ. "ނިވައިރޯޅި" އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ފީޗާ ފިލްމް ކުޅުނު ނިއުމާގެ ވަދާއީ ފިލްމަށްވާތީ، މުޅި ޓީމް އޮތީ ފިލްމް ފުރިހަމަ އަދި މޮޅު ފިލްމަކަށް ހަދަން ފޫގަޅައިފަ އެވެ. ނިއުމާ ވެސް ބުނަނީ "ފާފެކްޓް" ފިލްމެއް ގެނެސް ދެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"ނިވައިރޯޅި" ގެ ޓީޒާ.

"ނިވައިރޯޅި" އަކީ ކޮން ކަހަލަ ވާހަކައެއް ކިޔައިދޭނެ ފިލްމެއްކަން އަދި މުޅިން ޔަގީން ނުވިޔަސް، މި ފިލްމަކީ ހަމަ ޔަގީނުން ވެސް ނިއުމާ ކުޅޭ ކެރެކްޓާގެ ވަށައިގެން އެނބުރޭ ޒާތުގެ، ފިލްމަކަށް ވާނެ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމަކީ "ކޮކްޓެއިލް" އެކެވެ. މާނައަކީ ފިލްމަކުން ފެންނާނެ ހުރިހާ ރަހައެއް ފިލްމުން ފެންނާނެ ކަމެވެ.

"ފަތިސްހަނދުވަރު" އާއި "ކަލާޔާ ނުލާ" އަދި "ޔޫސުފް" ފަދަ ފިލްމްތައް ކުޅެގެން ނިއުމާ ބެލުންތެރިންގެ ހިތްތަކުން ހޯދި ޖާގަ، "ނިވައިރޯޅި" އާ އެކު އޭނާ ސްކްރީނުން ގެއްލުނަސް އެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެ އެވެ.

މޫމިން ފުއާދު

"ނިވައިރޯޅި" ގަދަފަވާނެކަން އެނގެނީ މީގެ ޑައިރެކްޓަރުގެ ނަމުންނެވެ. އެއީ މިހާތަނަށް ހެދި ފިލްމްތަކުން އެތައް އެވޯޑެއް ހޯދާފައިވާ މޫމިން ފުއާދެވެ. އޭނާއަކީ 2016 ގައި ބޭއްވި ހަ ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ފިލްމް "ލޫދިފާ" އިން އެންމެ މޮޅު ޑައިރެކްޓަރާއި، އެންމެ މޮޅު ސްކްރީންޕްލޭ ވެސް ގެންދިޔަ މީހާ އެވެ.

މޫމިން ފުއާދު: ރާއްޖޭގެ އެންމެ މޮޅު އެއް ޑައިރެކްޓަރު.

އެހެންވެ އަނެއްކާ ވެސް މޫމިން ލިޔެ، ޑައިރެކްޓް ކުރާ ފިލްމެއް ގެނެސްދޭތީ ފިލްމް ވަރަށް ހާއްސަ އެވެ. އަދި "ނިވައިރޯޅި" އަކީ 2011 ގައި ރިލީޒް ކުރި "ލޫދިފާ" އަށް ފަހު، އޭނާ ގެނެސްދޭ ފުރަތަމަ ފިލްމަށްވާތީ، މިއީ މޫމިންގެ މަސައްކަތަށް އައިސްފައި ހުރި ކުރިއެރުން ވެސް ވަޒަންކޮށްލެވޭ ފިލްމެކެވެ. ޔަގީންވާ ކަމަކީ އޭނާގެ ސިނަމާ އަށް ލޯބި ކުރާ މީހުންގެ އުންމީދުތައް މި ފަހަރު މާ ބޮޑަށް ވެސް މަތިވާނެ ކަމެވެ.

އަނެއްކޮޅުން، ނިއުމާ ކަހަލަ މޮޅު އަދި ތަޖުރިބާކާރު ބަތަލާއަކާ އެކު، މޫމިން މި ކުރާ މަސައްކަތް މާ ބޮޑަށް ވެސް ފުރިހަމަ ވާނެ ޔަގީނެވެ. ނިއުމާ އެކު، މޫމިން ވަނީ ކުރިން ވެސް ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ ރިލީޒް ނުވެ ތާށިވެފައި އޮތް އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" އެވެ. އެ ފިލްމްގައި ނިއުމާ އާއި މޫމިންގެ ސެގްމަންޓަކީ "ބައިވެރިޔާ" އެވެ.

ވަރުގަދަ ކާސްޓެއް

ވަދާއީ ފިލްމް ނިއުމާ މި ގެނެސް ދެނީ ވަރުގަދަ ކާސްޓަކާ ވެސް އެކުގަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އަދި ތަޖުރިބާކާރު މޫނުތައް ގިނަ އެވެ. "ނިވައިރޯޅި" އަށް އިންތިޒާރު ކުރެވޭ ތިން ވަނަ ސަބަބަކީ މިއީ އެވެ.

މީގެ ކާސްޓުންގެ ތެރޭގައި ނިއުމާ އެކު ޔޫސުފް (ޔޫއްޕެ) ޝަފީއު، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ޒީނަރު އައްބާސް އަދި އަހުމަދު (އަޒޭ) އަޒްމީލް ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ އެންމެ މަގުބޫލް މަންމައިންގެ ތެރޭގައި ހިމެނޭ އައިމިނަތު (އައިންތު) ރަޝީދާ، މަރިޔަމް ޝަކީލާ އަދި މަރިޔަމް ހަލީމް ފަދަ ބަތަލާއިން ހިމެނެ އެވެ.

"ނިވައިރޯޅި" ގެ ކާސްޓް އިއުލާން ކުރި އިވެންޓްގެ ތެރެއިން. ފޮޓޯ: ނިވައިރޯޅި ޕޭޖް

ހަމައެއާ އެކު، އަހުމަދު އާސިމް، ނާޝިދާ (ނާއްކޮ) މުހައްމަދު، އަޖްނާޒް (އަޖޫ) އަލީ އަދި އިސްމާއީލް ޒާހިރާއި އަހުމަދު ޒިޔާ ފަދަ އެކްޓަރުން ވެސް "ނިވައިރޯޅި" ގެ ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

އެކަމަކު ވަކިން ބޮޑަށް ބެލުންތެރިން ނިއުމާ އާއި ޔޫއްޕެގެ ޖޯޑަށް އިންތިޒާރު ކުރާނެ އެވެ. މިއީ ދިވެހި ސިނަމާގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޖޯޑު ވެސް މެ އެވެ.

އެހެންވެ "ނިވައިރޯޅި" އިން ނިއުމާ އާއި ޔޫއްފެ ކެމިސްޓްރީ ފެނިގެން ދާނީ ކިހިނެއްތޯ ބަލައިލަން އިންތިޒާރު ކުރަމާ ހިނގާށެވެ.