އުމަރު އިޒް ބެކް

އުމަރު ވަނީ "ޔޫޒީ" ގެ ނަމުގައި މިހާރު ބޭންޑެއް ވެސް ހަދާފައި.

"މޫނޭ ތިއީ ހިތް އެދޭ" ކަހަލަ އަސަރުގަދަ ލަވަތަކުން މަގުބޫލުކަން ހޯދި އުމަރު ޒާހިރު "އުމަރު އިޒް ބެކް" ގެ ނަމުގައި ޝޯއެއް ބާއްވައި އަނެއްކާވެސް އެތައް ބަޔަކު އުފާކޮށްދީފި އެވެ.


އިންޑިއާ އެމްބަސީގެ ދަށުން ހިންގާ އިންޑިއަން ކަލްޗްރަލް ސެންޓަރާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ/މޯލްޑިވްސް (ފެއިމް) އިން އިންތިޒާމްކޮށްގެން "އުމަރު އިޒް ބެކް" ގެ ނަމުގައި ގެނެސް ދިން ޝޯއެއްގައި އޭނާ ވަނީ ކުރީގެ ހަނދާންތަކުގެ ތެރެއަށް ގެންގޮސް ދީފަ އެވެ.

ފިލްމް "ހައްގު" ގައި ހިމެނޭ "މޫނޭ ތިއީ ހިތް އެދޭ"

އަދި އެއާ އެކު އުމަރު ވަނީ މިއުޒިކީ ދާއިރާ އިން ކުރިއަށް އޮތް ތަނުގައި އޭނާ ފެންނާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ. އެގޮތުން "ޔޫޒީ" ގެ ނަމުގައި ބޭންޑެއް އުފައްދައިގެން ރިސޯޓްތަކާއި އެކި ހަފުލާތަކުގައި މިޔުޒިކް ކުޅެން މިހާރު އުމަރު ހުރީ ތައްޔާރަށެވެ.

ފިލްމް "އަމާނާތު" ގައި ހިމެނޭ "އޯގާވެރިވޭ ލޯބިވާ".

އެ ޝޯގައި އެންމެ ހާއްސަ އެއް ކަމަކީ ބައްޕަ ކީ ލަވަތަކަށް އުމަރުގެ ދަރިފުޅު ގިޓާ ވެސް ކުޅުމެވެ. އަދި އޭނާއާ އެކު ކުރިން "މޫސުމޭ މީ" ފަދަ ރީތި ލަވަތަކެއް ކިޔާފައިވާ ޝިފާ ތައުފީގު ވެސް ލަވަ ކިޔައިދިނެވެ. އަދި އުމަރުގެ ލަވަތަކަށް ޅެން ހެދި މައުސޫމް ޝާކިރު ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ޝޯ ފުރިހަމަކޮށްދިނެވެ.

"މިއީ އަޅުގަނޑު އެކަނި މަސައްކަތެއް ނޫން އިނގޭތޯ. މައުސޫމްގެ ދައުރު ވަރަށް ބޮޑު،" އުމަރު ބުންޏެވެ.

އުމަރުގެ އެނބުރި އައުމަކީ އޭނާގެ ފޭނުން ލައްކަ އުފާވާނެ ކަމެކެވެ. ދެން އޮތީ އުމަރު ކުރިއަށް ގެނެސް ދޭން ހުރި ލަވަތަކަށް އިންތިޒާރުކޮށްގެން ތިބުމެވެ. މިއީ އަނެއްކާ ވެސް މައުމޫސާއި އުމަރުގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވައިފާނެ އާ ދަތުރަކަށް ވެދާނެ އެވެ.

"އެރޭ ހާދަ ރުއިމޭ" ލަވަ.

އުމަރުގެ އެނބުރި އައުން އިންތިޒާމްކޮށް ދިނުމަށް ފަހު، އިންޑިއަން ކަލްޗްރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ހާލިގް ވިދާޅުވީ ދިވެހި މިއުޒިކީ ފަންނާނުންނަށް އެ ސެންޓަރުންގެ ދޮރު ހުންނާނީ އަބަދު ވެސް ހުޅުވިފައި ކަމަށެވެ. އަދި ކުރީގެ ލަވަކިޔުންތެރިންނާއި ފަހުގެ ލަވަކިޔުންތެރިންނަށް އެތަނުން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން މި ތިބީ ދިވެހި ފަންނާނުންނަށްޓަކައި. އާ ލަވަކިޔުންތެރިޔަކަށް ވިޔަސް ކުރީގެ ލަވަކިޔުންތެރިޔަކަށް ވިޔަސް މިތިބީ ޝޯތައް އިންތިޒާމްކޮށް ދޭ ގޮތަށް،" ހާލިގް ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި އުމަރުގެ ޝޯގައި އުމަރާއި ޝިފާ ލަވައެއް ކިޔަނީ.

އިންޑިއަން ކަލްޗްރަން ސެންޓަރުން ވަނީ "އޯލްޑް އިޒް ގޯލްޑް" ގެ ނަމުގައި ދާދި ފަހުން ބޭއްވި ރާއްޖޭގެ ކުރީގެ ފަންނާނުންތަކެއްގެ ޝޯތަކަށް ވެސް ވަރަށް ބޮޑު އެހީއެއް ފޯރުކޮށް ދީފަ އެވެ.

އަޑު އަހާލަން އަރާމު އަދި ހިތަށް ފިނިކަން ގެނެސްދޭ، މަޑުމައިތިރި އެތަކެއް ލަވައެއް ކިޔައިގެން އުމަރަކީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ ލަވަތަކަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސް ދެނީ ލަވަތަކުގެ ޅެމެވެ. "އެރޭ ހާދަ ރުއިމޭ" އާއި "މޫނޭ ތިއޭ ހިތް އެދޭ" ކަހަލަ މާނަ ފުން އެތައް ލަވައެއް އުމަރު ވަނީ "ހަންހާރަ" އަލްބަމް ސިލްސިލާގެ ތެރެއިން ގެނެސް ދީފަ އެވެ.