ލިއަމް ޕޭން: އޭނާ ވަނީ ކެޕިޓޮލް ރޭޑިއޯ އާ އެކު ސޯލޯ އާޓިސްޓެއްގެ އެއްބަސްވުމެއް ހަދާފައި.
23 ޖުލައި 2016 - 07:33
އިނގިރޭސިވިލާތުގެ ޒުވާން އަދި މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ މިސްރާބާ މެދު ސުވާލު އުފެދޭ ކަހަލަ ކަންތައްތަކެއް ދަނީ ހިނގަމުންނެވެ. ފުރަތަމަ ކަމަކަށް އެ ބޭންޑްގެ އެންމެ މަޝްހޫރު އެއް މެމްބަރު ކަމަށްވާ ޒޭން މާލިކް ބޭންޑް ދޫކޮށް ދިއުމަކީ ފޭނުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނު ކަމެކެވެ.
ވަން ޑިރެކްޝަންް ދޫކޮށްލުމަށް ފަހު ޒޭން މިހާރު އަންނަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ބޭންޑުން ވަކިވި ފަހުން އޭނާ ވަނީ ބައެއް ލަވަތައް ވެސް ހުށަހަޅައިދީފަ އެވެ.
ޒޭން ވަކިވެގެން ދިއުމަކީ ހަގީގަތުގައި ވެސް ވަން ޑިރެކްޝަންގެ ފޭނުން ކަރު އެލުވާލަން ޖެހުނު ކަމަކަށްވި އެވެ. ބޭންޑް އެއްކޮށް ރޫޅެނީތޯ، މެމްބަރުން އެކި ދިމަދިމާ އަށް މިސްރާބު ޖަހަނީތޯ މިއީ ފޭނުން ޖަވާބު ހޯދަން ބޭނުންވެފައި ތިބި ސުވާލުތަކެވެ.
ކަންތައްތައް ދާ ގޮތުން ބޭންޑަށް ވަފާތެރި ފޭނުން މާޔޫސް ކަމެއްގެ ތެރޭގައި ތިއްބައި އަނެއްކާ ވެސް ލިބުނީ އުންމީދު ނުކުރާ ކަހަލަ ހަބަރެކެވެ.
I think we have a confirmation now... He's leaving pic.twitter.com/C0qMppffor
— deb 2 (@stringslad) July 21, 2016
ފޭނެއްގެ ޓްވީޓެއް
އެއީ ބޭންޑްގެ އެހެން މެމްބަރެއް ކަމަށްވާ ލިއަމް ޕޭން، 22، ސޯލޯ އާޓިސްޓެއްގެ ގޮތުގައި ޔޫކޭގެ ކެޕިޓޮލް ރިކޯޑްސް އާ އެކު އެއްބަސްވުކަށް ދިޔަ ވާހަކަ އެވެ.
މިކަމާ ގުޅިގެން ފޭނުން ދަނީ ޓްވިޓާގައި ތަފާތު ގޮތްގޮތަށް ޝުއޫރުތައް ފާޅު ކުރަމުންނެވެ. ގިނަ ފޭނުން ދަނީ އޭނާ ވެސް ވަން ޑިރެކްޝަން ދޫކޮށް ދަނީތޯ ސާފުކޮށް ދިނުމަށް އެދެމުންނެވެ.
"ވަން ޑިރެކްޝަންއަކީ އަބަދު ވެސް އަހަރެންގެ އާއިލާއަށް ވާނީ. އެހެން ނަމަވެސް ކެރިއަރުގައި މި ހިސާބުގައި އާ ބާބެއް ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ކެޕިޓޮލް އާ އެކު ހެދި އެއްބަސްވުމަށް އިޝާރާތްކޮށް، ލިއަމް ކުރި ޓްވީޓެއްގައި ބުންޏެވެ.
One direction will always be my home and family but I'm very excited to see what this chapter brings.
— Liam (@Real_Liam_Payne) July 21, 2016
ލިއަމްގެ ޓްވީޓް
ލިއަމްއަކީ ޒޭން ވަކިވެގެން ދިޔަ ނަމަވެސް، ބޭންޑްގައި ދެން ތިބި މެމްބަރުންނާ އެކު ވަން ޑިރެކްޝަން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދިން މެމްބަރެކެވެ.
އެކަމަކު ކުއްލި ގޮތަކަށް އޭނާ ވެސް ސޯލޯ އާޓިސްޓެއްގެ ގޮތުގައި ނިކުންނަން ނިންމިކަން އިއުލާން ކުރުމުން ފޭނުން ތިބީ ހަގީގަތުގައި ވެސް ޝޮކެއްގެ ތެރޭގަ އެވެ. އެ މީހުން މިހާރު ތިބީ ވާނުވާގަ އެވެ. އަދި އެއީ ވައުދެއް އުވާލުން ކަމަށް ވެސް ބައެއް ފޭނުން ސިފަކޮށްފައިވެ އެވެ.
ވަން ޑިރެކްޝަންގެ މިސްރާބު މިހާރު ފޭނުންނަށް މުޅިން އޮޅިއްޖެ އެވެ. ހަތަރު މެމްބަރުން ހިމެނުނު މި ބޭންޑްގެ ނާލް ހޯރަން، 24، ވެސް ސޯލޯ ކެރިއާއަކަށް ބޭންޑް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ބޭންޑްގައި އުޅުނު ހެރީ ސްޓައިލް ވެސް ވަނީ ވަން ޑިރެކްޝަން ދޫކޮށްލައިފަ އެވެ.
ވަން ޑިރެކްޝަން އުފެދުނު އިރު ބޭންޑްގައި ތިބި ފަސް މެމްބަރުން.
އަނެއްކޮޅުން ލުއިސް ޓޮމްލިންސަން މިހާރު އުޅެނީ އޭނާގެ ދަރިފުޅުގެ މަންމަ އާ އެކު ކުރަން ޖެހިފައިވާ ހަނގުރާމައެއްގެ ތެރޭގަ އެވެ.
ވަން ޑިރެކްޝަންއަކީ 2010 ގައި އުފެދުނު ބޭންޑެކެވެ. ބޭންޑުން މިހާތަނަށް ވަނީ ކޮންމެ އަހަރަކު އަލްބަމެއް ނެރެފަ އެވެ. މި އަލްބަމްތައް އާންމުންގެ ތެރޭގައި ވަރަށް މަގުބޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބިތު
23 July 2016
މަަައި ފޭވަރިޓް ބޭންޑް