ނީހާ ކައްކަރް: އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖިން ޕެނަލުން ފެންނާނެ.
29 އެޕްރީލް 2018 - 06:46
"އިންޑިއަން އައިޑޮލް" ގެ ކާމިޔާބު ނުވަ ސީޒަނަށް ފަހު، ސޮނީ ޗެނެލުން މި ރިއަލިޓީ ޝޯގެ 10 ވަނަ ސީޒަނަށް ތައްޔާރު ވާން ފަށައިފި އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 ގެ އޮޑިޝަންތައް އަންނަ މަހު 1 އިން ފެށިގެން އިންޑިއާގެ 10 ސިޓީއެއްގައި ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ. މި ޝޯގެ ޖަޖުން ވެސް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އިންޑިއަން އައިޑޮލްގެ އެންމެ އާންމު ޖަޖަކީ މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކް އެވެ. އޭނާ ވަނީ 10 ވަނަ ސީޒަނުން ވެސް ފެންނާނެކަން ކަށަވަރުކޮށް ދީފަ އެވެ. އަދި މިއުޒިކް ކޮމްޕޯޒަ/ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީ ވެސް ވަނީ 10 ވަނަ ސީޒަންގެ ޖަޖިން ޕެނަލުން އޭނާ ފެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ވިޝާލް ވަނީ 2013 ގައި ގެނެސް އިން "އިންޑިއަން އައިޑޮލް ޖޫނިއާ" ގެ ޖަޖްކަން ވެސް ކޮށްފަ އެވެ. އެ ފަހަރު އޭނާއާ އެކު ޖަޖިން ޕެނަލުގައި ހިމެނުނީ ބަތަލާ ސޮނާކްޝީ ސިންހާ އާއި މިއުޒިކް ޑައިރެކްޓަރު ސާލިމް މާޗެންޓް އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 ގެ ތިން ވަނަ ޖަޖެއްގެ ގޮތުގައި މި ފަހަރު އިންނާނީ މަޝްހޫރު ޒުވާން އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް އެވެ. އޭނާއަކީ 2006 ގައި ބޭއްވި އިންޑިއަން އައިޑޮލް ސީޒަން 2 ގެ ބައިވެރިއެކެވެ.
"މި ޝޯގެ ބައިވެރިއެއްގެ ގޮތުން ވާދަކޮށްފައި، މި ފަހަރު ޖަޖެއްގެ ގޮތުން ފުރުސަތު ލިބުނީމަ ވަރަށް އުފާވެފައި މިހިރީ،" 29 އަހަރުގެ ލަވަކިޔުންތެރިޔާ ބުންޏެވެ.
އަނޫ މަލިކް، ނިހާ ކައްކަރް އަދި ވިޝާލް ދަދްލާނީ.
ނޭހާ ވަނީ މިދިޔަ އަހަރު ޒީޓީވީން ގެނެސް ދިން "ސާރޭގާމާ ލިޓްލް ޗެމްޕްސް" ގެ ޖަޖްކަން ވެސްކޮށްފަ އެވެ.
ނޭހާއަކީ މި ވަގުތު އިންޑިއާގައި ތިބި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ މި ފަހުން ކިޔާފައިވާ ހިޓް ލަވަތަކުގެ ތެރޭގައި "ކާލާ ޗަޝްމާ"، "ލިފްޓް ތެރި ބަންދް ހޭ" އަދި "ތޫ ޗީޒް ބަޅީ" ހޭ ހިމެނެ އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 ދައްކަން ފަށާނެ އިރެއް އަދި ސޮނީން އިއުލާނެއް ނުކުރެ އެވެ. ފްރެމެންޓަލް މިޑިއާގެ މި ޝޯގެ ނުވަ ވަނަ ސީޒަން ކާމިޔާބު ކުރީ އެލްވީ ރިވަންތު އެވެ. އެ ސީޒަންގެ ޖަޖިން ޕެނެލުގައި ހިމެނުނީ އަނޫއާ އެކު ފަރާ ހާނާއި ސޯނޫ ނިގާމެވެ.
އެންމެ ފުރަތަމަ އިންޑިއަން އައިޑޮލް ގެނެސް ދިނީ 2004 ގަ އެވެ. އެ ފަހަރު ޓައިޓްލް ގެންދިޔައި ދެ ފަހަރަށް ރާއްޖޭގައި ވެސް ޝޯ ދީފައިވާ އަބިޖީތު ސާވަންތު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނާ
29 April 2018
އެއީ 2005 ވަނަ އަހަރު އިންޑިއަން އައިޑޯލް ފުރަތަމަ ބޭައްވީ. އަބިޖީތް ސަވަންތް ހޮވުނީ
ނޭހާ
29 April 2018
ނޭހާ ކައްކަރް
ނަން ނުކިޔާ
29 April 2018
ނީހާއެއްނޫން. ނޭހާ.