އަރްޖުން އާއި ރެސުލް: "ޕްރޭމަމް" ގެ ހިންދީ ރިމެކިން ގެނެސް ދޭން ރެސުލް ބޭނުން ވަނީ އަރްޖުންއާ އެކު.
30 އެޕްރީލް 2018 - 06:39
އިނގިރޭސި ޑައިރެކްޓަރު ޑެނީ ބޮއެލްގެ 2008 ގެ ފިލްމް "ސްލަމްޑޯގް މިލިއަނާ" އިން އެންމެ މޮޅު ސައުންޑް މިކްސިން އިން އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ އިންޑިއާގެ ސައުންޑް ޑިޒައިނަރު ރެސުލް ޕޫކްޓީ ވެސް ފިލްމް ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
އާންމުކޮށް އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރި ނަމަވެސް، ރެސުލް، 46، ގެ ފުރަތަމަ ފިލްމަކަށް ވާނީ ހިންދީ ފިލްމެކެވެ. އޭނާ އަލަތު ޑައިރެކްޝަނަށް ނުކުންނަނީ 2015 ގައި ރިލީޒް ކުރި ކާމިޔާބު މަލަޔާޅަމް ފިލްމް "ޕްރޭމަމް" ގެ ހިންދީ ރިމެކިން އިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ލީޑް ރޯލަށް ރެސުލް ނަގަން ބޭނުން ވަނީ އަރްޖުން ކަޕޫރެވެ. އަދި ފިލްމާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމް "ޕްރޭމަމް" ގައި ތިން ބަތަލާއަކާ އެކު ލީޑް ރޯލް ކުޅެފައި ވަނީ ނިވިން ޕައުލީ އެވެ. އަލްފޮންސޯ ޕުތުރެން ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ބަތަލާއިންނަކީ ސައި ޕައްލަވީ، މެޑޯނާ ސެބަސްޝިއަން އަދި އަނޫޕަމާ ޕަރްމޭސްވަރަން އެވެ.
އަރުޖުން އަށް "ޕްރޭމަމް" ގެ ހިންދީ ރިމެކިން ހުށަހެޅި އިރު، އޭނާ މި ވަގުތު އުޅެނީ ވަރަށް ބިޒީކޮށެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ނަމަސްތޭ އިންގްލެންޑް"، "ސަންދީޕް އޯރް ޕިންކީ ފަރާރް" އަދި "ޕަނިޕަޓް" ހިމެނެ އެވެ. މީގެ އިތުރުން ސުޝާންތު ރާޖްޕޫތާއި ޖޯން އަބްރަހަމް ދޫކޮށްލި ފިލްމް "ރޯ" އަށް ވެސް އަރުޖުން ސޮއިކޮށްފައިވާ ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy