ގައި ރިޗީ: އޭނާ އަލަށް މަސައްކަތް ފަށާ ފިލްމަކީ "ޓޮފް ގައިޒް".
12 މެއި 2018 - 06:39
ކާމިޔާބު ފިލްމްތަކެއް އުފައްދާފައިވާ އިނގިރޭސި ޑައިރެކްޓަރު ގައި ރިޗީގެ އާ ފިލްމް "ޓޮފް ގައިޒް" ގެ ގްލޯބަލް ރައިޓްސް މިރަމެކްސް އަށް 30 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
މި ފިލްމަކީ ގައި ޑައިރެކްޓްކޮށް، ޕްރޮޑިއުސް ވެސް ކުރާ ފިލްމެކެވެ. މި ޒަމާނުގެ މެރުއާނާ އިންޑަސްޓްރީގެ ތެރޭގައި ހިންގާ ކަންތައްގަނޑެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މާން ޑޭވީޒް އާއި އިވާން އެޓްކިންސަން އެވެ.
ގައި، 49، އަކީ "ސްނެޗް" އާއި "ލޮކް، ސްޓޮކް އެންޑް ޓޫ ސްމޯކިން ބެރެލްސް" ފަދަ ކްރައިމް ތުރިލާތައް ހަދައިގެން އޭނާގެ ވަރުގަދަކަން ދައްކައިލައިފައިވާ ޑައިރެކްޓަރެކެވެ. އެހެންވެ މިރަމެކްސް އިން ބުނަނީ "ޓޮފް ގައިޒް" އަކީ ވެސް ކްރައިމް ތުރިލާ ޖޯންރާގައި އަނެއްކާ ވެސް އޭނާގެ ޖާދޫ ފެނިގެން ދާނެ ފިލްމެއް ކަމަށެވެ.
މިރަމެކްސްގެ ސީއީއޯ ބިލް ބްލޮކް ބުނީ ގައިގެ ފިލްމެއް ސިނަމާތަކަށް ގެނެސް ދިނުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާ އަދި ވަނީ "ޓޮފް ގައިޒް" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
ގައި އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" އެވެ. އޭނާ ޑައިރެކްޓް ކުރާ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ ޑިޒްނީގެ އެނިމޭޓެޑް ފިލްމް "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމް "އަލައްދިން" އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ މެއި، 24، 2019 ގަ އެވެ.
"ޓޮފް ގައިޒް" ގެ ކާސްޓާއި ފިލްމްގެ މަސައްކަތް ފަށާނެ އިރަކާއި ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy